ރިޔާސީ އިންތިހާބުގެ ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބާ ގުޅިގެން އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބުގެ ކަންކަން ބެލުމަށް އެ ޖަމިއްޔާގެ 400 އެއްހާ އޮބްޒާވަރުންނާއި ވޮލަންޓިއަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ޓްރާންސްޕޭރެންސީން ބުނީ ވޯޓުލުން ފެށިފައިވަނީ ޖުމުލަ ގޮތެއްގައި ރަނގަޅަށް ކަމަށެވެ. އެގޮތުން ހުރިހާ މަރުކަޒެއްގައިވެސް 8:00 ގައި ވޯޓުލުން ފަށާފައިވާ ކަމަށެވެ. ވޯޓުލުން ފެށިއިރު އޮފިޝަލުން ހަމަ ކަމަށްވެސް ބުންޏެވެ.

ޓްރާންސްޕޭރެންސީން ބުނީ، ވޯޓުގެ ކުރިން ހުރިހާ ވޯޓު ކަރުދާހެއް ގުނައި ހަމަތޯ ބެލިކަމަށާއި ވޯޓު ފޮށިތަކުގެ ހުސްކަން ޔަގީންކުރި ކަމަށެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުން ހުރިހާ ވޯޓު ފޮއްޓެއްގައިވެސް ތިބި ކަމަށް ބުންޏެވެ.

އެހެން ނަމަވެސެ، ޓްރާންޕޭރެންސީން ބުނީ ބައެއް މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭ ކަމަށެވެ.

"ވޯޓުލާ ފޮށިތަކުގެ 97 ޕަސަންޓް ފޮށިތައް ތައްޔާރުކޮށްފައިވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށްކަމުގައި މި ޖަމިއްޔާގެ އޮބްޒާވަރުން ރިޕޯޓްކޮށްފައިވެއެވެ. އެހެން ނަމަވެސް 3 ޕަސެންޓް މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ" ޓްރާންސްޕޭރެންސީން ބުންޏެވެ.

ޓްރާންސްޕޭރެންސީން ވަނީ ވޯޓު ލުމުގެ ހައްގު ލިބޭ އެންމެން ނުކުމެ ވޯޓު ލުމަށް އިލްތިމާސްކޮށްފައެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގުލި ބިފައިވަނީ 282،395 މީހުންނަށެވެ. މީގެ ތެރޭގައި އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. ވޯޓު ލުމަށްޓަކައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި މިފަހަރު ވަނީ ބަހައްޓައިފައެވެ.

ރާއްޖޭން ބޭރުގެ ފަސް ގައުމެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯ އާއި، އިންޑިއާގެ ޓްރިވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީ އެވެ. އަދި 65 ރިސޯޓަކާއި ފަސް ޖަލެއްގައި ވެސް ވޯޓު ފޮށި ބަހައްޓާފައިވެއެވެ.