ލަންޑަނާއި އަބޫ ދާބީ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް ދެންމެ ވިދާޅުވީ، އެ ދެ ގައުމު ނޫން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެ ދެ ގައުމުގައި ވޯޓުލުން ނުފެށޭ ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަދު ހެނދުނު 8:00 އިން ފެށިގެން ވޯޓުލުން ކުރިއަށްދާއިރު، ބައެއް ފޮށިތަކުގެ ކައިރީގައި ދިގު ކިއުތަކެއް އެބަ އޮތެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ހެނދުނު 8:00 އިން ވޯޓްލުން ފަށާފައިވާ އިރު، ހަވީރު 4:00 ގައި ވޯޓު ފޮށިތައް ދަށުގައި ކިއު ނެތް ފޮށިތައް ބަންދު ކުރާނެ ކަމަށެވެ. ނަމަވެސް ފޮށިދޮށުގައި ވޯޓުލާން ކިއު އޮތް ނަމަ، 4:00 އިން ފެށިގެން އެ ކިއު ބަންދުކޮށް، ވޯޓު ފޮށި ބަންދު ކުރާނީ ކިއުގައި ތިބި މީހުން ވޯޓުލާ ނިމުމުން ކަމަށްވެސް ބުންޏެވެ. އެއަށްފަހު ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ، 30 މިނެޓު ފަހުންނެވެ.
ފަހުން ވޯޓުލާން މަޑުނުކޮށް އަވަހަށް ވޯޓު ލުމުގެ ކަންކަން ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
އިންތިހާބާ ގުޅޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ، އިލެކްޝަންސް ކޮމިޝަންގެ ފާސް އޮތް މީހުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އާއްމު ހިދުމަތްތަކުގައި ޔުނީފޯމް އެޅި މުވައްޒަފުންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާ އަދި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގުލި ބިފައިވަނީ 282،395 މީހުންނަށެވެ. މީގެ ތެރޭގައި އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. ވޯޓު ލުމަށްޓަކައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި މިފަހަރު ވަނީ ބަހައްޓައިފައެވެ.
ރާއްޖޭން ބޭރުގެ ފަސް ގައުމެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯ އާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީއެވެ. އަދި 65 ރިސޯޓަކާއި ފަސް ޖަލެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
ވޯޓު ލުމުގެ ކަންކަން ހަވީރު ހަތަރެއްގެ ފަހުން ނިމި ވޯޓު ފޮށިތައް ގުނަމުންދާ ވަރަކަށް، ނަތީޖާ އިއުލާންކުރަމުން ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ވަގުތެއްގައި އިންތިބުގެ ވަގުތީ ނަތީޖާއަކާ ހަމައަށް ދެވޭނެއެވެ.
މި އިންތިހާބަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބެއްގައި ވާދަކުރާ އިންތިހާބެވެ. އިސްލާހު ކުރި ގާނޫނުއަސާސީއާ އެކު 2008 ވަނަ އަހަރު ރާއްޖެއަށް ތައާރަފުވި މަލްޓި ޕާޓީ ނިޒާމަށްފަހު، މިއަދު ބާއްވާ ހަތަރު ވަނަ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަ ކުރެއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ފަސް ސިޔާސީ ޕާޓީއަކުން ވާދަކުރައްވާ ފަސް ކެނޑިޑޭޓަކާއި އަމިއްލަގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.
- ކެންޑިޑޭޓު ނަންބަރު 1: އަމިއްލަ ގޮތުން / އުމަރު ނަސީރު
- ކެންޑިޑޭޓު ނަންބަރު 2: އަމިއްލަ ގޮތުން / ޙަސަން ޒަމީލް
- ކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)
- ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒު
- ކެންޑިޑޭޓު ނަންބަރު 5: ޖުމްހޫރީ ޕާޓީ / ޤާސިމް އިބްރާހިމް
- ކެންޑިޑޭޓު ނަންބަރު 6: އަމިއްލަ ގޮތުން / ފާރިސް މައުމޫން
- ކެންޑިޑޭޓު ނަންބަރު 7: ދަ ޑިމޮކްރެޓްސް/ އިލްޔާސް ލަބީބް (އިއްލި)
- ކެންޑިޑޭޓު ނަންބަރު 8: އެމްއެންޕީ/ ކާނަލް މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް)
ޚަބަރު
ޚަބަރު
ޚަބަރު