ފުލައިޓެއްގެ ފާހަނާ ތެރޭ ކެމެރާއެއް ހަރުކުރި ކުރޫއަކު ހައްޔަރުކޮށްފިއެވެ.

އެމެރިކަން އެއާލައިންސްގެ ފުލައިޓު 1441ގެ ފަސްޓް ކުލާހުގެ ފާހަނާގައި ހަރުކޮށްފައިވާ ސިއްރު ކެމެރާ ފެނިފައިވަނީ އެ ފުލައިޓުން ދަތުރުކުރި މީހަކަށް ކަމަށް ނޫސްތަކުން ބުނެއެވެ.

ނޫސްތަކުން ބުނާގޮތުގައި އެމެރިކާގެ ނޯތު ކެރޮލީނާއިން ބޮސްޓަންއަށް ދަތުރުކުރި އެ ފުލައިޓުގެ ފާހަނާގައި ކެމެރާ ހަރުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފިރިހެން ކުރޫއެކެވެ.

ބޮސްޓަން އެއާޕޯޓުގައި ފުލައިޓު ޖެއްސުމާއެކު ފުލުހުން ވަނީ ފުލައިޓަށް އަރައި، އެ ކުރޫ ބާލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެމެރިކަން އެއާލާއިންސް އިން ބުނީ އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ކަމަށާއި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ބޮސްޓަންގެ ފުލުހުން ވަނީ ތަހުގީގީ ޓީމަކުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ.