މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

ފުލުހުން ބުނީ ދަރަވަންދޫއާއި ދިމާ ބޭރަށް އެ ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތެއް މިއަދު ހެނދުނު 10:40 އެހާކަންހާއިރު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އެ ދޯނީގައި ތިބީ ދިވެއްސަކާއި 12 ބިދޭސީން ކަމަށާއި އެ އެންމެންވެސް މިހާރު ފުލުހުންގެ ލޯންޗަށް ނަގާފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އެނގިފައިވާ ގޮތުން މި ދޯންޏަކީ ބ. އައިދޫއަށް ސަޕްލައި ހިފައިގެން ދަތުރުކުރަމުންދިޔަ ދޯންޏެވެ. އައިދޫއަކީ ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.

އެ ދޯނި މިހާރު އަޑިއަށް ގޮސްފައިވާއިރު، ދޯނީގައި ހުރީ ކޮންކަހަލަ މުދަލެއް ކަމެއް ނޭނގެއެވެ.