ފައިސާ އިން ވޯޓުގެ ނަތީޖާ މިހާރު ބަދަލު ނުކުރެވޭނެ ކަމަށާއި އެ ބަހާ ފައިސާގެ ނަތީޖާ ނުނެރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހުޅުދޫގައި މިރޭ ބޭއްވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާދީ ތަނަވަސްކަމަށާއި ވަގުތީ ފައިދާއަށް ވޯޓު ވިއްކާނަމޭ ބުނުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށާއި ފައިސާގެ އިތުރުން ވޯޓުގެ ނަތީޖާ ބަދަލުކުރުމަށް ސަރުކާރުގެ ވަޒީފާތައް ވެސް ދޭ ކަމަށެވެ.

"ލުއި ލޯނުވެސް ދޭ. އަދި އިރުހަނދާ ތަރިތައްވެސް ބައެއް ފަހަރު ދޭ. އެހެންނަމަވެސް އަބަދުވެސް ތިބޭފުޅުން އަމަލު ކުރައްވަމުން ގެންގޮސްފައި އޮތީ ތިބޭފުޅުންގެ ޒަމީރު އަދި ތިބޭފުޅުން ކަންކަމާ މެދު ދެކޭގޮތުގެ މައްޗަށް. އަޅުގަނޑަށް ޔަގީން ކަށަވަރު ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވެސް ތިބޭފުޅުން އަމަލުކުރައްވާނީ އެގޮތަށް. ތިބޭފުޅުން އަމިއްލަފުޅަށް ނިންމެވިގޮތަށް. އެހެން މީހެއްގެ ބާރު ނުފޯރާ ގޮތަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ފެންނަމުން އަންނަ އެންމެ އުފާވާ އެއް ސިފައަކީ މީހުންނަށް ވޯޓުގެ މައްޗަށް ނުފޫޒު ފޯރުވޭ މިންވަރު ކުޑަކަން ކަމަށާއި އެ މީހަކީ ފުޓުބޯޅަ ކްލަބެއް ހިންގާ މީހެއް ކަމަށްވިޔަސް، މާ ވަރުގަދަ ގޭންގު ލީޑަރަކަށް ވިޔަސް، ކިތަންމެ ބޮޑު ވިޔަފާރިވެރިޔަކަށް ވިޔަސް، އަދި ސިޔާސީ ލީޑަރަކަށް ވިޔަސް މި ވޯޓު މިހާރު އަނބުރައެއް ނުލެވޭ ކަމަށެވެ.

"އެހެންނަމަވެސް މި ވޯޓު އަނބުރާލާ ތަން އަޅުގަނޑުމެންނަށް މި ފަހުން އައިސް ދުވަހަކުވެސް ނުފެނޭ. އެއީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް މި މަސައްކަތް ކާމިޔާބުވަމުން އަންނަ މިންވަރުގެ ވަރަށް ފުރިހަމަ ދަލީލެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެބޭފުޅާއަކީ ތަސައްވަރަކާއެކުގައި ނުކުންނަވައި ހުންނެވި ބޭފުޅެއް ކަމަށާއި އެބޭފުޅާގެ ވިސްނުމެއް، މަންޒަރެއް އަދި ކުރެހުމެއް އެބައޮތް ކަމަށެވެ. އަދި ރަށްރަށުގެ ރަނގަޅު ނަންތަކާއެކު ރާއްޖެއަށް ބޭނުންވާ ހުރިހާ ކަމެއް އެނގިވަޑައިގެން ހުންނެވި ކެންޑިޑޭޓަކީ އިލްޔާސް ކަމަށް ނަޝީދު ވިދާޅުވިއެވެ.