.ހއ. ތުރާކުނު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސްފިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ، ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިމަހުގެ ދެވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 8.16 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 1215 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ސޭންޑް ސާޗް ސާވޭއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 152.04 މިލިއަން ރުފިޔާއަށެވެ.

ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖުލައި 17 ވަނަ ދުވަހުއެވެ.