ދޮރާށި ކުރިމައްޗަށް ސައިކަލެއް މަޑުކޮށްލިކަން އައްފާނަށް އެނގުނީ ދޮރުމަތިން ސައިކަލުގެ އިންޖީނުގެ އަޑު ކެނޑުމުންނެވެ. އެއީ އޭނާ ކައިގެން ކާގެއިން ނިކުތް ވަގުތެވެ. ބޭރު މޭޒުމަތީގައި ހުރި ދުފާ ތަބަކުން ފޮނިތޮށިކޮޅެއް ނަގައި އަނގައަށް ލަމުން ދޮރާއްޓާ ދިމާލަށް އޭނާ ހިނގައިގަތެވެ. އެހިނދު އެއީ ދޮރާށި ހުޅުވާލާފައި ޒާރާ އެތެރެއަށް ވަންވަގުތެވެ. ދެ އެކުވެރިން އެކަކު އަނެކަކަށް ހިނިތުންވެލިއެވެ.
"ތިއައީ ދޯ. ބޭރު ޖޯލީގަތަ ތިބޭނީ؟" އައްފާން ބުންޏެވެ.
"ނިއަމް... ނިއަމް ނިދީތަ؟" ޒާރާއަށް ޖަވާބުދެވުނީ އައްފާން ކުރި ސުވާލަކަށް ނޫނެވެ. އެހިނދު ތަފާތު ނަޒަރަކުން ޒާރާގެ މޫނަށް ބަލައިލާފައި އައްފާން ހީލިއެވެ. އެންމެ ކުރިންވެސް ޒާރާގެ ދުލުން ނިއަމްގެ ނަން ނިކުތުމުންނެވެ.
"މިރޭ މާއަވަހަށް ނިދައިފި. އާދޭ އިށީންނަން" އައްފާން ބުންޏެވެ.
ގޯތިތެރޭގައި ހުރި ޖޯލީގައި ޒާރާ އިށީނެވެ.
"މިއަންނަނީ އެނގޭ ކޮޕީ ނަގަންވީ އެއްޗެހި ހިފައިގެން" އައްފާން އެތެރެއަށް ވަދެގެން ދިޔައެވެ. ޒާރާ ނިޔަފަތި ހަފަން ފެށިއެވެ. ނިއަމްގެ ލޯބި މޫނުކޮޅު ފެނިނުލާ ގެއަށް ދާން ޖެހުމުން ފާޑަކަށް ދެރަވެއްޖެއެވެ.
އިރުކޮޅެއްފަހުން އައްފާން ދިއްކޮށްލީ ހުދުކުލައިގެ ބަންދުކޮށްފައި އޮތް ސިޓީއުރައެކެވެ. އެތެރެ ބަލައިލަން ޒާރާ އުޅެފައި މަޑުޖެހުނެވެ.
"މިހާރު ބަނޑު ފުރިއްޖެތަ؟" އައްފާން އަހާލި ސުވާލަކުން ޒާރާއަށް އައްފާންގެ މޫނަށް ބަލައިލެވުނެވެ.
"ނިޔަފަތި ކާތަން ފެނުނީމަ" އައްފާން އެފަދަ ސަމާސާއެއް ކޮށްލުމުން ޒާރާއަށް ހެވުނެވެ. އެ ހުނުމުގައި އައްފާންވެސް ބައިވެރިވެލިއެވެ.
"ޖަންނައަށް ކިހިނެކޭވީ؟" އެއް ޖޯލި ދޫކޮށްފައި އިށީންނަމުން އައްފާން ބުންޏެވެ.
"ހުން އައީޔޯ. މިހާރު ރަނގަޅޭ ބުނި" ޒާރާ ބުންޏެވެ.
އިތުރަށް ދައްކަންވީ ވާހަކައެއް ޒާރާއަށް ނޭނގުނެވެ. ލިޔުންތައް ލިބުމުން އެހާ އަވަހަށް ތެދުވެގެންދާކަށް ވެސް ޒާރާއަށް ނުކެރުނެވެ. ދެއަތްތިލަ ގުޅުވާލައިގެން އިންގޮތުން ޒާރާ އިނީ ކަންބޮޑުވެފައޭ އައްފާނަށް ހީވިއެވެ. ޒާރާގެ ހަރަކާތްތައް އައްފާނަށް ފެންނަމުން ދިޔައީ ލޮލުގެ އަރިމަތިންނެވެ. ގުޅުވާލައިގެން އިން ޒާރާގެޗ ދެއަތްތިލަ އަށް އައްފާން ބަލައިލިއެވެ. ނިޔަފަތިތައް ކައިކައި އިނގިލިތަކުގެ ކޮޅުން ނިޔަފަތީގެ ހުދުތަންކޮޅު ފެންނަނީ ކިރިޔާއެވެ. ޒާރާގެ ފުށުން އެކަންތައް މީގެ ދުވަސްތަކެއް ކުރިންވެސް އައްފާނަށް ފެނުނެވެ. ހާއްސަކޮށް ސްކޫލުގައި އުޅުނުއިރު ޓީޗަރު ފިލާވަޅު އޮޅުންފިލުވައިދޭން ގަޑީގައެވެ.
"އެކޮޅުގަ ތިބި ނިއަމްގެ މާމަމެން ނުގުޅާތަ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޒާރާ ވާހަކަދެއްކިއެވެ.
"ދުވާލަކު އެއްފަހަރު ގުޅާ. ބޭނުމެއްނޫން އާއިލާ އެއްވެސް މީހެއްގެ ލޯބި ނިއަމް އަށް އުނިވާކަށް. އެކަމަކު ކީއްކުރާނީ. މައެއްގެ ލޯބި އުނިވެއްޖެ އެކުއްޖާ ދުނިޔެއަށް އުފަންވުމާއެކު" އަސަރާއެކު އައްފާން ބުންޏެވެ. ޒާރާ ހިތުގައިޖެހުނެވެ. އައްފާން ހިތްވަރުގަދައެވެ. ކިތަންމެ ދެރަވިޔަސް މޫނުމަތިން އެކަން ނުދައްކައެވެ.
"ނުހާ އަދި ގުޅާނެ. އަދި އިހުސާސްވާނެ ދަރިއަކު ހުރިކަން" ޒާރާ ބުންޏެވެ.
"ތެދަށް ބުނަންޏާ ދިރިއުޅުން ސަލާމަތްކުރަން މަސައްކަތްކުރީ އަހަރެން. ދެމީހެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ދަމަހައްޓަން އެކަކު ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އެކަމުން ލިބޭނެ ހިތްހަމަޖެހުމެއް އޮންނާނެތަ؟ އެތައް ފުރުސަތެއް ނުހާ އަށް ދިނިން. ހީކުރީ ކައިވެނި ނުހާއަށް މުހިންމުވާނެ ކަމަށް. އެކަމަކު ފަހުން އައިސް ނުހާގެ ކަންތައް ހައްދުންނެއްޓީ. ނުހާ ހެޔޮ ދުވަހަކު ނިއަމް އަށް ނުގުޅިޔަސް. ﷲ އިރާދަކުރެއްވިއްޔާ ނިއަމް ބޮޑުވާނީ މައެއްގެ ލޯބިވެސް ލިބިގެން. މައެއްގެ ލޯބި ދެވޭނީ ހަމައެކަނި އުފަންކުރި މައިމީހާއަށް އެކަންޏެއްނޫން. ދޮންދަރިންދެކެ އިންތިހާއަށް ލޯބިވާ ދޮންމަންމައިންވެސް ތިބޭ. މީހަކާވެސް އިންނާނަން އަދި" އައްފާން ޔަގީންކަމާއެކު ވާހަކަދެއްކިއެވެ. އެހިނދު ލޮލުގެ ކުޑަކޮޅުން ޒާރާގެ މޫނަށް އައްފާން ބަލައިލިއެވެ.
ޒާރާގެ މޫނުމައްޗަށް ވެރިވި ކުލަވަރު އައްފާނަށް ފެނުނެވެ.
"ހާދަ އަވަހަކަށް... އެހާ އަވަހަށް ކައިވެންޏެއްކުރަން ބުނީމަ މިހެން މިބުނީ" އައްފާނަށް ހެވުނެވެ.
"ކީއްވެ ކައިވެންޏެއް ނުކޮށް ހުންނަންވީ. މިއީ ދުނިޔެ. އުފަންވުމުން ފެށިގެން މަރުވުމާ ހަމަޔަށް އިންސާނުންގެ ދިރިއުޅުމުގައި ހިނގާނީ އެކި ކަންކަން. އޮތީ އުފަލާއި ހިތާމަ. އަހަރެމެންނަށް މިތިބެވެނީ އިމްތިހާން ހޯލެއްގަ. އެއީ ﷲ ގެ ނިޔާފުޅު. އަހަރެމެން ބޭނުންވިޔަސް ނުވިޔަސް ކަންހިނގާނީ ތަގުދީރުގައި ހުރިގޮތަށް. ނޫންތަ؟ ޒާ އެކަން ގަބޫލެއްނުކުރަންތަ؟" އައްފާން ވާހަކަދެއްކިއެވެ.
"ގަބޫލުކުރަން. އެކަމަކު އަލުން އާ ލައިފެއް ފަށާކަށް އަހަންނަށް ފަސޭހައެއްނޫން" ޒާރާ ބުންޏެވެ.
"ކީއްވެ؟ ދުނިޔޭގައި ތިބީ މުޅިންވެސް ފައްވާޒް ކަހަލަ މީހުނެއް ނޫނޭ" އައްފާން ބުންޏެވެ.
އެއްޗެއް ނުބުނެ އިސްޖަހާލަމުން ޒާރާ ހީލިއެވެ.
"ޒާ ކޮންއިރަކުން މީހަކާ އިންނަނީ؟" އައްފާން ބުންޏެވެ.
"އައްޔަ އެހީމައެއްނު..." ހީލަމުން ޒާރާ ބުންޏެވެ. އައްފާނަށް ހެވުނެވެ. ކުއްލިއަކަށް ޒާރާ އެފަދަ ސަމާސާއެއް ކޮށްލުމުންނެވެ.
****
ހަފްތާއެއް ފަހެވެ. އާދީއްތަ ދުވަހެވެ. އައްފާން ރަށު ސްކޫލަށް ވަޒީފާއަށް ނިކުތް ދުވަހެވެ. އައްފާންގެ ތައުލީމީ ފެންވަރަށް ބަލާފައި އޭނާއަށް ހަމަޖެހުނީ ޑެޕިއުޓީ ޕްރިނިސިޕަލްގެ ވަޒީފާއެވެ. ލިބުނު އުފާވެރިކަން އެންމެ ފުރަތަމަވެސް ހިއްސާކުރަން އޭނާ ބޭނުންވީ ދައްތަ އާއެވެ. ދެން ނިއަމް އެވެ. އެހެންނަމަވެސް ސްކޫލުން ނިކުންނަން ދަނިކޮށް އޭނާ އާ ފުރަތަމަ ބައްދަލުވީ ގޭޓުން އެތެރެއަށް ވަން ޒާރާ އާއި ޖަންނަތެވެ. އައްފާނަށް އުފަލުން ގޮސް ކައިރިވެވުނީ ޒާރާއާއެވެ. ޒާރާގެ ދެ ކޮނޑުގައި ހިފާލާފައި އައްފާނަށް އެނބުރިލެވުނެވެ. ޖަންނަތަށް ހެވުނެވެ.
ލޮލުގައި އޮތް އަވި އައިނު ނަގާފައި ޒާރާ އައްފާނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"ކެފޭ ހުންނާނީ ހުޅުވާފަ" އޮފީހުން އައްފާން ނިކުތް ވަގުތު ޖަންނަތު ބުންޏެވެ. އައްފާނަށް އެ މަގާމް ހަމަޖެހިއްޖެކަން ޖަންނަތަށް އެނގުނީ ގްރޫޕަށް އައި މެސެޖަކުންނެވެ. ހީވާގޮތުން ޒާރާ އަދި ގްރޫޕް ޗެކްނުކުރެއެވެ. އައްފާންގެ ފަރާތުން ޒާރާއަށް އެނގެންދެން ޖަންނަތު ހަމަ ގަސްތުގައި ނުބުނީއެވެ.
"ތިބުނީ؟ ދާނަންތަ؟" އައްފާން ބުންޏެވެ. "ޒާރާ ދާނެހެން ހިއެއްނުވޭ"
"ނޫނޭ ދާނަން. ކޮންގްރެޖުލޭޝަންސް" ޒާރާ ބުންޏެވެ.
ގެއިން ބޭރުން ތިން އެކުވެރިން އެގޮތަށް ކޮފީއަކަށް އެރި އެއީ ފުރަތަމަ ފަހަރެވެ. ގިނަ މީހުންގެ ނަޒަރު ތިންކުދީންނަށް އަމާޒުވިއެވެ. ޒާރާގެ ފަރާތުން މަޑުމަޑުން ނަމަވެސް ބަދަލުތަކެއް ފެންނާތީ އެއްވެސް މީހަކު ތިން އެކުވެރީންނަށް ފާޑެއް ނުކިޔައެވެ. ޒާރާ އާ ބަދަލުކޮށްލަނީ ހިތްހެޔޮ ހިނިތުންވުމެކެވެ. އަނެއްކޮޅުން ގިނަ ދުވަސްތަކެއް ކޮށްފައި ނަމަވެސް އައްފާން ރަށު ވަޒީފާއަށް އެނބުރި އައުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ލޯތްބާ ތައުރީފް އައްފާނަށް ލިބިއްޖެއެވެ.
****
މަގާމާ ހަވާލުވެ އައްފާން ވަޒީފާއަށް ނިކުތް ފުރަތަމަ ދުވަހެވެ. އެތެރެއަށް ވަދެގެން އައްފާން ދިޔައީ އޭނާއަށް ހަމަޖެހުނު ކޮޓަރިއަށެވެ. ފުރަތަމަ ދުވަހަށް ވީތީ އޭނާއަށް އޮތް ކަމަކީ ކަންކަން ބަލާ ދިރާސާކުރުމެވެ. ސެޝަންތަކާ ބައްދަލުކޮށް ތައާރަފްވުން ހަމަޖެހިފައި އޮތީ މާދަމާއަށެވެ. ސްކޫލުގައި ހޭދަވި މަދު ވަގުތުކޮޅުގެ ތެރޭގައި އައްފާނަށް އެކުވެރިވެވުނީ އިދާރީ ބައިގައި މަސައްކަތްކުރާ ދެތިން މުވައްޒަފުންނާއެވެ. އެއީ ޒާރާ އާއި ޖަންނަތު ނުލައެވެ.
އައްފާނަށް ހަމަޖެހުނު މޭޒު ކައިރީގައި ހުއްޓުމަށްފަހު ހުރިހާ ފަރާތެއް އޭނާ ބަލައިލިއެވެ. ކޮޓަރި ތަނަވަހެވެ. ހިތްހަމަޖެހުނެވެ. މާލޭގައި އަދާކުރީ ބުރަބޮޑު ވަޒީފާއެކެވެ. ގިނަވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހެއެވެ. އެހެންނަމަވެސް މިހާރު ހުރި ޕޯސްޓަކީ ހައްޓަށް ލުއި ސިކުނޑިއަށް ތާޒާކަން ގެނުވާނެ ޕޯސްޓެކެވެ. ވަޒީފާ ބަދަލުކުރަން ލަސްވެސްވެއްޖެއެވެ.
ކުޑަދޮރު ހުޅުވާލައިގެން ބޭރު ބަލަހައްޓައިގެން އައްފާން ހުއްޓެވެ. ބޭރުން ފެނުނު މަންޒަރުތަކުން އައްފާންގެ ހަނދާނަށް އައީ ސްކޫލު ދައުރުގެ ދުވަސްވަރެވެ. އެއީ ހަނދާނުން ފިލާނެ ދުވަސްތަކެއް ނޫނެވެ. ދިރިއުޅުމުގައި ތަޖުރިބާކުރި އެންމެ ތަފާތު ދުވަސްތަކެވެ. އަންހެންކުއްޖެއްދެކެ އިންތިހާއަށް ލޯބިވެވި އެ ލޯބި ހިތުގައި ވަޅުޖެހުނު ދުވަސްތަކެވެ. ފުރަތަމަ ލޯބި ނާކާމިޔާބު ބަލި ގަބޫލުކޮށް ފުރައިގެން ދިޔަ ދުވަސްވަރެވެ.
"އައްސަލާމް އަލައިކުމް ސަރ" އައްފާން ބަލައިލީ ފަހަތުން އަންހެން އަޑެއް އިވުމުންނެވެ. އައްފާން ފަހަތް ބަލައިލިއެވެ.
"ސަރ ސޮއިކޮށްލަންވެގެން" ފަހަތުގައި ހުރީ އައްފާން ދަންނަ ކުއްޖެއް ނޫނެވެ. އެއީ ވެސް އޮފިސް ބައިގައި މަސައްކަތްކުރާ ކުއްޖެކެވެ. ހިނިތުންވުމަކާއެކު އައްފާން އެކުއްޖާ އާ ކުރިމަތިލިއެވެ.
****
މުޅި މާލޭގައި މާހީ ގޮވައިގެން ދުއްވުމަށްފަހު ފައްވާޒް ސައިކަލް މަޑުކުރީ ޖުމްހޫރީ މައިދާނަށެވެ. ރޭގަނޑުގެ އަށެއް ޖަހާލީހާއިރެވެ.
"ކީއްކުރަން މިތާ ތިމަޑުކުރީ" މާހީ ބުންޏެވެ.
"ކީއްތަވީ. އާދެބަލަ. ލަވްގެ އަތުގައި ހިފައިގެން ހިނގާލާކަށްނު" ފައްވާޒް ބުންޏެވެ.
މާހީގެ މޫޑު މާރަނގަޅެއް ނޫނެވެ. އެހެންނަމަވެސް ފައްވާޒާއެކު ހިނގައިގަތެވެ. ކުރިން އަތުގައި ނުހިފުމުން މާހީގެ އަތުގެތެރެއަށް ފައްވާޒްގެ އަތުގެ އިނގިލިތައް މަހާލިއެވެ. މާހީގެ މާބޮޑު ސަމާލުކަމެއް ނުލިބެއެވެ.
"މިއީ މިހާރު އަހަރެމެން ދިވެހިންގެ ތަނެއް ނޫނޭ ދޯ. ބަލާލަބަލަ ބޭރު މީހުން އޮތްވަރު" ބެންޗެއްގައި އިށީންނަމުން ފައްވާޒް ބުންޏެވެ. މާހީ ބަހެއްނުބުނެ ހިމޭނުން އިނުމުން ފައްވާޒަށް ވިސްނުނެވެ. މާހީ އިނީ ހިތްހަމަނުޖެހިފައެވެ. ހިތްހަމަނުޖެހި އިން ސަބަބުވެސް ފައްވާޒަށް އެނގެއެވެ. ހުއްޓާނުލާ ފައްވާޒް އަނގަތަޅަމުން ދިޔައީ މާހީގެ މޫޑު ރަނގަޅު ކުރެވޭތޯއެވެ.
ދާކަށް ނުވޭތަ؟" މާހީ ބުންޏެވެ. ފައްވާޒަށް ޖެހުނީ ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލާށެވެ.
"ހިނގާ. އަދި ދުއްވާލާފަ ދޯ ދާނީ" ފައްވާޒް ބުންޏެވެ.
"އަހަރެން ބޭނުމީ ކާން ދާން. ވަރަށް ބަނޑުހައިވެއްޖެ" ހިތްހަމަނުޖެހިފައި މާހީ ބުންޏެވެ.
"ހަފްތާއެއް މިވަނީ ފަވާ އަހަރެން ގޮވައިގެން ކޮފީއަކަށް ނުދާތާ"
ފައްވާޒް ކޮޅަށް ތެދުވިއެވެ. ހަގީގަތް ބުންޏަސް މާހީ ގަބޫލެއް ނުކުރާނެއެވެ. އޮޅުންފިލުވައިނުދިނީ އެއީ ބޭކާރު ކަމަކަށްވާތީއެވެ.
"އިށީނދެބަލަ. އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ" މާހީގެ އަތުގައި ހިފައިގެން ގެނެސް ކައިރީގައި ބައިންދަމުން ފައްވާޒް ބުންޏެވެ.
މާހީއަށް ބަލައިލާފައި ފައްވާޒް ފުންނޭވައެއް ދޫކޮށްލިއެވެ. ބައެއްފަހަރު މާހީ އާ ކުރިމަތިލާން އެނާއަށް އުނދަގުލެވެ. ކޫސަނި ކަންތައްތަކާ މާހީ ރުޅިއަންނާތީއެވެ. މާހީ އޭނާދެކެ ރުޅިއައިސްފައި ހުރުމަކީ އޭނާ ބޭނުންވާގޮތެއް ނޫނެވެ. މާހީއަކީ ނުލާހިކު ރީތި ޒުވާން އަންހެންކުއްޖެކެވެ. މާހީގެ ރީތިކަމުގެ ޖާދޫގައި އޭނާ ޖެހި ހައްޔަރުވީ އެ ރީތިކަމުގައި ޔަގީނުންވެސް ތަފާތުތަކެއް ހުރީތީކަން ފައްވާޒް އަބަދުވެސް ގަބޫލުކުރެއެވެ. ދެރަތަންކޮޅަކީ މާހީ އާ އެކު އޭނާއަށް ދުވަހަކުވެސް އުފާވެރި މުސްތަގުބަލެއް ނުލިބިދާނޭ ހީވާތީއެވެ.
"މަހުގެ ފަހުކޮޅެއްނު. އަހަރެން ވަރަށް ޑައުން" ފައްވާޒް ބުންޏެވެ.
"ތިއީ އަބަދުވެސް ވާވަރަކީ. އަތުން ރުފިޔާ ހުސްވަނީ ފައްވާޒް ކީއްކުރާތީތަ؟ އުލޭތަނަށް ކުލިދައްކަންޖެހެނީއެއްނުން. ދަރިއަކަށް ހަރަދުކުރަން ޖެހެނީއެއްނުން. ދެން ކީއްވެ؟" މާހީ ބުންޏެވެ.
"އަހަރެން މަސައްކަތްކުރަނީ ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ ކައިރިއަކު ނޫން. މިއުޅެނީ ވަޒީފާ އަދާކުރާ އެއްވެސް ތަނެއްގަ ހަރުނުލައިގެން. ޕެޓްރޯލް ޝެޑަށް ޖޮއިންކޮށްގެން ޕްރޮބޭޝަނަރީގަ ހުރީމަ މާބައިވަރު ރުފިޔާއެއް ނުލިބޭ. ދެން ތިބުނީ ކާކަށްހޭ ހަރަދުކުރަނީ؟ އަހަރެން ހަރަދުކުރަނީ މާހީ އަކަށް ނޫންތަ؟ ބައެއްފަހަރު މާހީ ދައްކާ ވާހަކަތަކުން އަހަރެން ވަރަށް ދެރަވޭ" ފައްވާޒް ވާހަކަދެއްކިއެވެ.
"އަހަރެން ކިހިނެއް ފަވާއާއެކު ތިގޮތަށް ދިރިއުޅޭނީ؟ އަހަރެން ކަމަކު ކިޔާއިރު އަތުގަ ބައިރުފިޔާވަރު ވެސް އޮންނަކަމަކަށް ނުވޭ. ވަރަށް ފޫހިވޭ" އޭނާގެ ވާހަކަތަކުން މާހީގެ ހިތަށް ތަދުވާނެކަމަށް ހީކުރިޔަސް އެހެން ނުވިއެވެ. މާހީގެ ވާހަކަތަކުން އިތުރަށް ދެރަވުން ނޫންކަމެއް ނުވިއެވެ.
ދެރަވީވަރުން ފައްވާޒަށް ފުރަތަމަވެސް ބަލައިލެވުނީ މާހީ އަތުގައި އޮތް އެންމެފަހުގެ އައިފޯނަށެވެ. އެއީ އަތުގައި ހުރި މަދު ލާރިކޮޅުންނާއި އެއްމަހުގެ މުސާރައާއި އަދި ބައެއް ރައްޓެހިން އަތުން ލޭންދޭނަށް ފައިސާ ހޯދައިގެން މާހީގެ އުފަންދުވަހަށް ގަނެދިން ފޯނެކެވެ. ލައިގެން ހުރި އަންނައުނަކީ ފައްވާޒް ގަނެދިން ޖިންސަކާއި ޓޮޕެކެވެ. އަރައިގެން ހުރި ބޫޓަކީވެސް ފައްވާޒް ދިން އެއްޗެކެވެ. ނުވިތާކަށް މާހީ ގެންގުޅޭ ހެޑްފޯނާއި އަގުބޮޑެތި ކެމެރާ އާއި ގިނަ އަންނައުނަކީ ފައްވާޒް ދަރައިގެން ހޯދާފައިވާ އެއްޗެއްސެވެ. އެކަމަކު އެއިން އެއްވެސް އެއްޗެއް މާހީގެ ލޮލަށް ނުފެނެއެވެ.
"ފަހުން ރަނގަޅުވާނެ. ހިނގާ ދަމާ" އިތުރަށް އެވާހަކަދައްކަން ފައްވާޒް ބޭނުންނުވިއެވެ.
މާކުރީގައި ހުރެ ފައްވާޒް ސައިކަލާ ދިމާލަށް ދާން ފެށުމުން މާހީ ތުންފަތުގައި ދަތްއެޅިއެވެ. އެއްޗެއް ނުބުނެ ފައްވާޒް ދާނީ ހިތްހަމަނުޖެހިގެންނެވެ. މާހީ ކުޑަކޮށް ދުވެލާފައި ފައްވާޒާ އަރާހަމަކުރިއެވެ.
"އަދިވެސް ފަވާ ތަ ރުޅިއަންނަންވީ" މާހީ ބުންޏެވެ.
އެއްޗެއް ނުބުނެ ފައްވާޒް ސައިކަލަށް އަރާ އިށީނެވެ.
"އަރާ" ފައްވާޒް ބުންޏެވެ.
"ނޫޅެން. އޯކޭ. މިރޭގެ ކެއުން މަޢާފް. ހިނގާ މިރޭ ތަންކޮޅެއް ލަސްވަންދެން ގެއަށް ދަމާ. މާދަމާ ހުކުރެއްނު" މާހީ ބުންޏެވެ.
"ނޫން. އަހަރެން މިހާރު އަހަރެންގެ މަންމަ ބުނާގޮތްވެސް ހަދަން. މަންމަ އާ ރުޅިވެގެން އެތައް ދުވަހަކު އުޅެފިން. ދެން ނުވާނެ"
ފައްވާޒް އެބުނި ޖުމްލައިގެ މާނަ ވަރަށް ރަނގަޅަށް މާހީ އަށް ފަހުމްވިއެވެ. ތުންއަނބުރާލެވުނީ ފޫހިވީވަރުންނެވެ.
"ދާންވީނުން އެހެންވީމަ. ކޮންމެހެން އަހަރެން ގޮވައިގެން ދާނެކަމެއްނެތް"
ވަށައިގެން ތިބި މީހުން ބަލައިލިގޮތުން އެކަނިވެސް ފައްވާޒް ލަދުގަތެވެ. ކުރިއަށްދިޔަ މާހީ އަށް ގޮވާލާކަށްވެސް އޭނާއަށް ނުކެރުނެވެ.
****
ނިދަން މަސައްކަތްކޮށްކޮށް ފައްވާޒަށް ނިދޭގޮތެއް ނުވިއެވެ. އެހެންފަހަރުތަކާ ހިލާފަށް މާހީ ކަމަކާ ހިތްހަމަނުޖެހިއްޖެނަމަ ފައްވާޒް ދެރަވެ މާހީ ރުއްސަން މުޅި ރޭ ހޭލާ ހުރެއެވެ. މާހީ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ކައިވެނި ބޭރުން ކުރަންނުޖެހޭ އެތައް ކަމެއް ކޮށްފިއެވެ. ހަގީގަތުގައި މާހީ އާ ވަކިވާކަށް ފައްވާޒް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ މާހީ އާ އިންނާށެވެ. އެކަމަށް ހުރަސްއަޅަނީ މާހީގެ ހިތްމޮޅުކަމެވެ. އައްފާން ބުނީ ތެދެކެވެ. ނެތްފެންވަރުން ކަންތައްތައްކުރަން މަސައްކަތް އެބަކުރެވެއެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް އެކައްޗެއްވެސް ނޭނގޭނެއެވެ. ބޭކާރު ހަރަދުކޮށް ތިމާގެ ނެތްފެންވަރު ދައްކަން މަސައްކަތްކުރުވަނީ މާހީއެވެ.
ފައްވާޒް ދެފަރާތަށް ފުރޮޅިލިއެވެ. ކައިރީގައި އޮތް ފޯނަށް ބަލައިލީ މާހީގެ މެސެޖެއް ލިބިފައި އޮންނާނެ ކަމަށެވެ. ގިނަ މީހުން ތިބި ތަނެއްގައި ބަވާލާފައި ރުޅިހަދާފައި ފަހުން އެކަން ވިސްނޭނެކަމަށެވެ. އެއީ މާހީގެ އާދައެވެ. ފައްވާޒްގެ ފަރާތުން އޭނާ ބޭނުންކަމެއް ނުވެއްޖިއްޔާ ބުނާކަށް ވަކިއެއްޗެއް ނޯންނާނެއެވެ.
ކުއްލިއަކަށް ވީގޮތެއް ފައްވާޒަށްވެސް ނޭނގުނެވެ. ސިކުނޑީގައި ވަކިހިއްޕާލީ ޒާރާގެ ތަސްވީރެވެ. ޒާރާ އާ އެކުގައި ހޭދަކުރެވުނު އުފާވެރި ދުވަސްތައް އޭނާ ހަނދާންވާން ފެށިއެވެ. އެދުވަސްތަކުގެ ތެރެއިން ހިތަށް އެންމެ ތަކުލީފު ބޮޑުވީ އޭނާގެ ދެލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިފުޅު މަތިން ހަނދާންވެފައެވެ. އެއްވެސް މީހަކަށް ނޭނގޭނެއެވެ. ޔޫކް އަކީ އޭނާގެ މުޅި ދުނިޔެއެވެ. އޭނާ ގުޅުން ކަނޑާލީ ޒާރާއާއެވެ. ދަރިފުޅަކާ ނޫނެވެ.
ފޯނު ނެގިގޮތަށް ފައްވާޒް ހާވަންފެށީ ޑްރައިވްއެވެ. ސްކޫލު ދައުރުން ފެށިގެން ކައިވެނި ރޫޅުމާ ހަމައަށް އޭނާ ރައްކާކޮށްފައި ހުރި އެތައް ސަތޭކަ ފޮޓޯ ހުއްޓެވެ. ފަހަރަކު ފޮޓޮއެއްކަމަށް އޭނާ ބެލިއެވެ. އޭގެތެރޭގައި އޭނާ އާ ޒާރާ އާ ރަހްމަތްތެރިވެ ވާހަކަދެކެވެން ފެށުނު ދުވަސްވަރުގެ ފޮޓޯތަކާ ލޯބީގެގޮތުން ގުޅިގެން އެކި ތަންތަނުގައި ނަގާފައި ހުރި ފޮޓޯތަކާ ކައިވެންޏަށްފަހު ނަގާފައިވާ އެތައް ފޮޓޮއެއް ހުއްޓެވެ. އެދުވަސްތަކުގެ ހަނދާންތަކުން ފައްވާޒްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.
"ޒާރާ..." ފައްވާޒްގެ ދެ ތުންފަތް ދޭތެރެއިން ޒާރާގެ ނަން ބޭރުވެގެން ދިޔައެވެ. އެހިނދު ފައްވާޒްގެ މޫނުމަތީ ކުލަވަރުވެސް ބަދަލުވެގެން ދިޔައެވެ، އޯގާތެރި އަންބެކެވެ. ކިޔަމަންތެރިއެކެވެ. އެއްވެސް ދެއްކުންތެރިކަމެއްނެތް ދީނަށް ލޯބިކުރާ ސާދާ އަންހެނެކެވެ. އަނެއްކޮޅުން އެހާ ކެތްތެރިއެވެ. ގައިގައި އަތްނުލާ ފައްވާޒް ދިން ހުރިހާ އަނިޔާތަކަށް ކެތްކުރިއެވެ. ފައްވާޒަށް އެހާ އިހުތިރާމްކުރެއެވެ. ކައިވެނީގެ ކުރީގައިވެސް އަދި ކައިވެނީގެ ފަހުންވެސް މެއެވެ. ދުވަހަކުވެސް ފައްވާޒަށް ބާރަށް ބަހެއް ނުބުނެއެވެ. ކަމަކާ ފައްވާޒް ރުޅިއަތުވެއްޖެނަމަ ކެތްތެރިކަމާއެކު ފިރިމީހާގެ ރުހުން ހޯދަން މަސައްކަތް ކުރެއެވެ. އެންމެ ބޮޑަށް ފައްވާޒަށް އިހުސާސުވީ ޒާރާގެ ދެއްކުންތެރިކަމެއްނެތް ލޯތްބެވެ. ދިރިއުޅުމުގެ ހުރިހާ ކަމަކާ ހަރަދުބަރަދުތައް ބެލެހެއްޓީ ޒާރާއެވެ. ބޭނުންކުރަން ސަތޭކަ ރުފިޔާ ދިނަސް އެތައް ދުވަހަކު އެ ފައިސާއިން ޒާރާ ހިފަހައްޓާލައެވެ. ޒާރާގެ ހަރުދަނާކަމާ ޒިންދާރުކަން ކޮންމެދުވަހަކުހެން ފައްވާޒަށް ފާހަގަވިއެވެ.
ފާއިތުވެގެންދިޔަ ކުޑަވަގުތުކޮޅުގެ ތެރޭގައި ފައްވާޒްގެ ހިތުން ޒާރާގެ ތަސްވީރު ނެރެ އެއްލާނުލެވުނެވެ. މާބޮޑަށްވެސް މާހީ އާ ޒާރާ އަޅާކިޔުނެވެ. ގުޅުން ކަނޑާލުމަށްފަހު ޒާރާ އާ އަލުން ގުޅުންބަދަހި ކުރުމަކީ އޭނާ ނުކުރާނެ ކަމެކެވެ. އެހެންނަމަވެސް މިރޭ ޒާރާ މަތިން ވަރަށް ބޮޑަށް ހަނދާންވެއްޖެއެވެ. އެހެން އެވީ މާހީ ގެ ސަބަބުންނެވެ.
ފޯނު ދުރުކޮށްލާފައި ފައްވާޒު ނިދަން ތައްޔާރުވެލިއެވެ. ގަޑިން ދަންވަރު އެކެއްޖަހައި ބޮޑުވެއްޖެއެވެ. މާހީ ގެ ހަބަރެއް ވާނެކަމަށް އިންތިޒާރުކުރުމަކީ ބޭކާރުކަމެކެވެ. ދެން އެންމެރަނގަޅުވާނީ ނިދައިފިއްޔާއެވެ.
****
އާދައިގެމަތިން މިއަދުވެސް ޒާރާ ގެއިން ނުކުތީ ހިމްނާ ކައިރީގައި ބުނެލާފައެވެ. ޒާރާ ހިނގައިގަތުމުން ފިހާރައިގެ ދޮރާ ހަމައަށް ހިމްނާ ނިކުތެވެ. ޒާރާ އެދަނީ ވަސީމާ އުޅޭ ގެއަށްކަން ހިމްނާއަށް އެނގެއެވެ. ފަހަކަށް އައިސް އެގޭތެރޭގައި ނިއަމް އާ އެކު ޒާރާ ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. ނިއަމްގެ ސަބަބުން ކުރިއަށް ވުރެވެސް ބޮޑަށް ޒާރާގެ ފުށުން ބަދަލުތަކެއް ފެނިއްޖެއެވެ. ހިމްނާ ފިހާރައަށް ވަނީ މަގުކޮޅުން ޒާރާ އޮބާލުމުންނެވެ.
"މިއޮށް ހޫނުގަދައިރު. އަޅެ ސައިކަލުގަ ދިޔަނަމަ" ހިމްނާ އަމިއްލަ ނަފްސަށް ބުނެލިއެވެ.
ޒާރާއަށް ގޭތެރެއަށް ނުވަދެވެނީސް ނިއަމްގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހިއޖެއެވެ. ވަސީމާއަށް އުޅުނީ ނިއަމް މަސަލަސް ނުކުރެވިގެންނެވެ. ޒާރާ އެތެރަށް ވަންގޮތަށް ދެފަރާތް ހޯދައި ބަލައިލިއެވެ. އައްފާން ފެންނަން ނެތެވެ.
"މިއަދު ރޯގާވެފަ ހުރީ. ހުން ހުރީމަ ހަމަ ރޮނީ" ޒާރާ ފެނުމުން ވަސީމާ ބުންޏެވެ.
ޒާރާ ކުރިއަށް ޖެހުނެވެ. ނިއަމް އުރާލާފައި ތަޅުވާލިއެވެ. ނިއަމްގެ ކުޑަ ހަށިގަނޑުން ހުދު ޒާރާއަށް ވެސް ހޫނު އިހުސާސްވިއެވެ.
"ކޮބާ އައްޔަ" ޒާރާ ބުންޏެވެ.
"ފާހާނާއަށް އެވަނީ. ވަރަށް ކަންބޮޑުވެފަ ހުރީ. މާބޮޑަށް ހުންގަދަ ވިއްޔާ ފިޓުޖެހިދާނެތީ. އަނެއްކޮޅުން އެއްވެސް އެއްޗެއްވެސް ތިކުއްޖާފުޅު ނުކެއި. ހަދާނެގޮތް ހުސްވެފަ މިހުންނަނީ. ޑޮކްޓަރު ދިން ބޭހުން ވި ކަމެއްނެތް"
ނިއަމްއަށް ބަކުން ހަދާފައި ހުރި ތަށި ހިފައިގެން ޒާރާ ވަނީ ބަދިގެއަށެވެ. ނިއަމްގެ ގައިގައި ބައްދާލައިގެން ހުރެ ޒާރާ ތަޅުވަމުން ދިޔައެވެ. އަނގައިން ނާނާއެއް ލައްވަމުން ދިޔައިރު ބައެއްފަހަރު ނިއަމްގެ ރުއިމުގެ އަޑު ކެނޑިލައެވެ. ޒާރާގެ ނާނާގެ އަޑު މަޑުވުމާއެކު ނިއަމްގެ އަޑުގަދަވެއެވެ. ޒާރާ ބޭނުންވީ ކުޑަވގުތުކޮޅަކަށް ނަމަވެސް ނިއަމް ނިންދަވާލަށެވެ. އެކަމަކު ނިއަމް ނިދާކަށް ބޭނުމެއްނުވެއެވެ. ރުއިމުގެ ތެރެއިން އެކުއްޖާ ކުރަމުންދިޔަ ޝަކުވާ ޒާރާއަށް ފަހުމްވިއެވެ. ޒާރާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެކުއްޖާއަށްޓަކައި އޭނާއަށް ކޮށްދެވޭނީ ކޮންކަމެއްބާއޭ ހިތަށް އެރިއެވެ.
އިރުކޮޅަކުން ނިއަމް ގޮވައިގެން ޒާރާ ވަނީ ވަސީމާގެ ކޮޓަރިއަށެވެ. ދޮރުލައްޕާލާފައި އައިސް ޒާރާ އިށީނީ ދޮރަށް ފުރަގަސްދީގެންނެވެ. ލައިގެން ހުރި ކަކުލާ ހަމައަށް އަންނަ ހެދުން ބުޑާ ހަމައިން އުފުއްލާލާފައި ބާލީހެއް ގެނެސް އުނގުގައި ބޭއްވިއެވެ. ހުއްޓާނުލާ ރޮމުންދިޔަ ނިއަމް ބާލީސް މަތީގައި ބާއްވާފައި އިތުރަށް ގަޔާކައިރިކޮށްލިއެވެ. އެހިނދު ނިއަމްގެ އަޑު ކެނޑުނެވެ. ޒާރާ ކުރަން އުޅެނީ ކީއްކަން ނިއަމްއަށް އެނގުނު ކަހަލައެވެ. މާގިނައިރެއް ނުވެ ތަން އެއްކޮށް ހިމޭންވެގެން ދިޔައެވެ. ނިއަމްގެ ހަށިގަނޑުގެ ހޫނުކަން ޒާރާގެ މުޅި ހަށިގަނޑަށް ފެތުރިގެންދިޔަ ވަގުތެވެ. އިސާހިތަކު މައިވަންތަ އިހުސާސްތަކުން ޒާރާގެ ހިތް ފުރިގެން އައެވެ. މައިވަންތަ ލޯތްބަށް އެ ތުއްތު ފުރާނަ ބޭނުންވެފައިވާ މިންވަރު ޒާރާއަށް އިހުސާސްވެގެން ދިޔައެވެ. ލޯތްބާ އޯގާތެރިކަމުގެ ބެލުމަކުން ޒާރާ ނިއަމްގެ މޫނަށް ބަލައިލިއެވެ.
(ނުނިމޭ)