ޗާގޮސްގެ މައްސަލައިގައި ދިވެހި ސަރުކާރުން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި އިޓްލޮސްގެ ނިންމުމަށް އަސަރުކުރާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބާ ކައުންސިލުން ބުނެފިއެވެ.
ޗާގޯސް މައްސަލައިގައި މޮރިޝަސް އިން ހުށަހަޅާފައިވަނީ ކަނޑުގެ ސަރަހައްދުން ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ.
މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.
އިޓްލޮސްގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ބެއްލެވި މި މައްސަލައިގައި މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އިއްވި ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ. އެގޮތުން އިޓްލޮސްއިން އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.
ރައީސް ސިޓީފުޅެއް ފޮނުއްވީ، ޗާގޯސް އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނިކޮށެވެ.
އިޓްލޮސްގެ ނިންމުން ނިންމި ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ 2019 ވަނަ އަހަރު ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖެ އިން ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށް ކަމަށް ވިދާޅުވެފައެވެ. އެގޮތަށް ވޯޓު ދިނީ ރާއްޖެއަކީ އިސްތިއުމާރުކުރާ ގައުމުތަކާ ދެކޮޅު ގައުމަކަށް ވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. .
އެގޮތަށް އޭރު ވޯޓު ދިން މައިގަނޑު ސަބަބަކީ ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައެއް މޮރިޝަސްއިން ހުށަހަޅާފައިވާތީ އެކަމަށް "ޕްރޮޓެސްޓް ކުރަން" ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ވާހަކަ އަޅުގަނޑު ބުނެ އިންނާނީ (ސިޓީ)ގައި ދެން އެ މައްސަލަ އަތުވެއްޖެޔާ އަޅުގަނޑުމެން އަމަލު ކުރާނީ މިގޮތަށޭ. އެއީ އިނގިރޭސިން ތަނެކޭ އަޅުގަނޑުމެން ނުބުނާނަމޭ،" ރައީސް ވިދާޅުވެފައިވެއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާތީ، އިޓްލޮސް އަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލައިގައި ދިވެހި ދައުލަތުން އަމަލުކުރި ގޮތުގެ ދިރާސާއެއް ބާ ކައުންސިލުން ކުރަމުން އަންނައިރު، ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބާ ކައުންސިލާ މިހާރު ހިއްސާ ކުރައްވާފައިވާ ކަމަށް އެ މަނިކުފާނު މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމެއްގައި ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް ބާ ކައުންސިލުން އުފެއްދި ލޯ ރިވިއު ކޮމިޓީ (އެލްއާރުސީ) އާ ހަވާލާ ދެއްވައި އެ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް "ވަން" އަށް މިރޭ ވިދާޅުވީ، މޮރިޝަޝް ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީ ކޮޕީއެއް ލިބިފައިވާ ކަމަށާއި އެ ސިޓީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވެސް އަދި ރާއްޖޭގެ މިނިވަންކަން ގެއްލޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބިފައި އޮތް ކޮޕީއަކީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީކަން ޝައްކެއް ނެތް މިންވަރަށް ކޮމިޓީން ވަނީ ޔަގީންކޮށްފައި" އެލްއާރްސީ ކޮމިޓީއާ ހަވާލާދެއްވައި ވިސާމް ވިދާޅުވިއެވެ.
ވިސާމް ވިދާޅުވި ގޮތުގައި މޮރިޝަސްއަށް ފޮނުވި ސިޓީއާ ގުޅިގެން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
ވިސާމް އިތުރަށް ވިދާޅުވީ، ބާ ކައުންސިލުން އެކުލަވާލާ ރިޕޯޓުގައި ޗާގޯސް މައްސަލައިގައި ދައުލަތުން ވަކާލާތުކުރީ ރާއްޖެއަށް އެންމެ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބަލާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު