ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ އދ. މާމިގިލީގައި ޕޯޓުގެ ހިދުމަތް އަލުން ފަށައި އެ ރަށުގައި ހޮސްޕިޓަލެއް އިމާރާތްކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އދ. މާމިގިއްޔަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ރައްޔިތުން މިހާރު ބޭނުންވަނީ ބާރު ސްޕީޑުގެ ތަރައްގީ ގެނެވޭނެ ވެރިއެއް ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ރައްޔިތުން ބޭނުންވާ ބާރު މިނުގައި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާމިގިއްޔަކީ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެ ރަށަށުގެ ތަރައްގީއަށްވެސް ގިނަ ކަންކަން ބޭނުންވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ފަށާފައިވާ މަގު ހެދުމުގެ މަޝްރޫއުގެ ދުވެލި އަވަސްކޮށް މަގުތައް ނިންމައިދޭނެ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާމިގިލީގައި ފެށި ޕޯޓުގެ ހިދުމަތް މި ސަރުކާރުން ހުއްޓާލައިފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ޕޯޓުގެ ހިދުމަތް އަލުން ފަށާނެ ކަމަށެވެ.
"އަނެއްކާވެސް އަޅުގަނޑު ދަންނަވާލަނީ މި ރަށުގެ ޕޯޓްގެ ހިދުމަތް އަޅުގަނޑުމެން ދޭން ފަށާނަމޭ" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި މާމިގިލީގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ގާއިމްކޮށް އެ ރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އިމާރާތްކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން އޭނާގެ ވެރިކަމެއްގައި މާމިގިލީގައި ގައުމީ ޔުނިވާސިޓީ ނުވަޔަ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސްއެއް ގާއިމްކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު