Close Election
Close
ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 24

4

ދެ އެކުވެރިން އެކަކު އަނެކަކަށް ބަލއިލިހިނދު ޖަންނަތު ހިތަށް އެރީ ކީކޭކަމެއް ނޭނގެއެވެ. އެހެންނަމަވެސް ބުނަން ބޭނުންވި އެތި ދުލާ ހަމައަށް ނުގެނެސް ސިކުނޑި ބޭނުންވިގޮތަށް އޭނާ ކަންތައްކޮށްލިއެވެ.

"އޭ މަ އެބައަންނަން ފާހާނާއަށް ވަދެލާފަ. މިތަނަށް އައިރުވެސް ހުރީ ބަނޑު ސަކަރާތްވެފަ. ޒާ މަޑުކުރައްޗޭ"

ޒާރާ އަށް އެއްޗެއް ނުބުނެވެނީސް ދޮރާ ދިމާލަށް ޖަންނަތު ދުއްވައިގަނެއްޖެއެވެ.

ޒާރާ އަލުން ޖޯލީގައި އިށީނެވެ. ދެ އެކުވެރިން ދެމެދަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. އެކަނިވުމުން ފަށަންވީ ކޮންވާހަކައެއްކަމެއް އެކަކަށްވެސް ނޭނގުނެވެ. އިރުކޮޅަކާ އެކަކު އަނެކަކަށް ބަލައިލިއެވެ. އެގޮތުގައި ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ.

"އަސީލް... އަސީލް ޒާ އާ ބައްދަލުކުރިތަ؟ އޭނަ އެއްވެސް ވާހަކައެއްދެއްކިތަ؟"

އެހުނު ސުވާލާ މެދު އައްފާނަށް ވިސްނާލެވުނީ މާފަހުންނެވެ. ހިތަށް އެރީ ޒާރާ އާ އެ ސުވާލުކުރުމުގެ ހައްގު އޭނާއަށް އެބައޮތް ހެއްޔެވެ؟ އެއީ ޒާރާގެ އަމިއްލަ ކަމެއް ނޫން ހެއްޔެވެ؟

"އެއްދުވަހު މަގުމަތިން ފެނިގެން ގޮވި. އެކަމަކު އެގޭ ޖީޒައްތަ މަންމަ ކައިރިއަށް އައިސް ވާހަކަދެއްކި. އަދިވެސް މަންމަ ފެންނައިރަށް ކިޔަނީ އަހަރެންނާ އަސީލްގެ ކައިވެނީގެ ވާހަކަ" ޒާރާ ވާހަކަދެއްކިއެވެ.

"އެއީ ރަނގަޅު ބައެއްނޫން. ޖީޒާއްތަގެ މަގުސަދުވެސް ރަނގަޅެއްނޫން" އައްފާން ބުންޏެވެ.

"އެނގޭ. މަންމަ ކިޔައިދިން. އެކަމު އައްޔައަށް ކިހިނެއް އެނގެނީ. މަންމަ ބުނީތަ؟" ޒާރާ ބުންޏެވެ.

"ނޫން. އަހަރެން މިރަށުން ފުރި ދުވަހު އަސީލް އާ އެކު ކޮފީއަކަށް ދިޔައިން. އަހަރެންނަށް ކިޔައިދިނީ އަސީލް. އަސްލު އަސީލްވެސް ބޭނުމެއްނުވޭ. އެކަމަކު ޖީޒާއްތަ ފޯސްކުރާތީ އޭނަ ހުރީ ރުހިގެން" އައްފާން ވާހަކަދެއްކިއެވެ.

ދެ އެކުވެރިންގެ ވާހަކަތައް އެހިސާބަށް ދިޔަތަނާ ޖަންނަތު އަންނަތަން ފެނިއްޖެއެވެ. ޒާރާ ފުންމައިގެން ތެދުވެ ޖަންނަތާ ދިމާލަށް ހިނގައިގަތްގޮތުން އައްފާނަށް ހެވުނެވެ.

****

ޒާރާ ގެއިން ނިކުތީ ހިމްނާ ކައިރީގައި ބުނެފައި ނޫރީންވެސް ގޮވައިގެންނެވެ. އެންމެފުރަތަ އޭނާ ދިޔައީ ނޫރީން ގޮވައިގެން ސްކޫލު ކައިރިއަށެވެ. ނޫރީން އެތެރެއަށް ވަންނަންދެން ބަލަން ހުރެފައި ނައްޓާލަން އުޅެނިކޮށް ނޫރީން ގޮވާލައިފިއެވެ.

"ފަހަރަކު ނިމޭ ގަޑިއަށް ވުރެ ކުރިން ނިމިދާނެ މިރޭ. ފްރެންޑެއް ލައްވާ ގުޅާނަން އިނގޭ ދޮންތިއަށް. ފޯނުނަގައްޗެ. ފޯނު ޗާޖަރަށް ޖެހިގޮތަށް ހަނދާންނެތި ބާއްވާފަ މިއާދެވުނީ"

ޒާރާ ހީލަމުން ބޯޖަހާލިއެވެ. ދެން އޭނާ ދިޔައީ ސައިކަލުގައި ޖަންނަތުގެ ގެއާ ދިމާލަށެވެ. ޖަންނަތަށް ގުޅާފައި ސައިކަލުމަތީގައި މަޑުކޮށްލައިގެން އިނެވެ. އެމަގުން ދިޔަ އަސީލަށް ޒާރާ ފެނުމުން ކައިރިނުވެ ނުހުރެވުނެވެ.

"ޒާރާ..." ޒާރާ ބަލައިލިއެވެ.

ކުރިން ޖެހިލުންވީވަރަށް މިފަހަރު އަސީލް ފެނިފައި ޒާރާ ޖެހިލުންނުވިއެވެ. ބަދަލުގައި އޭނާ ބަދަލުކޮށްލީ ހިނިތުންވުމެކެވެ.

"ޖަންނަ ހޯދަން އައިސް ދޯ. ރަނގަޅު ދޯ" އަސީލް ބުންޏެވެ. ޖަންނަތު ބޯޖަހާލިއެވެ.

"ބޮޑުދައިތަ ވަރަށް އެބައުޅޭ ކަމެއްގަ ފައި ހަރުކޮށްގެން. އަހަރެންވެސް ބޭނުމެއްނުވޭ. އެހެންނޫނަސް ޒާރާ ކަހަލަ އަހްލާގު ރަނގަޅު އަންހެންކުއްޖަކާ އަހަރެން ކަހަލަ ރިސޯޓް ބޯއީ އަކާ ނުވެސްގުޅޭ ދޯ. އެއްޗެއް ހީނުކުރައްޗޭ. އަހަރެން އެދެނީ ޒާރާއަށް ވަރަށް ހެޕީ ލައިފަކަށް"

އަސީލް ކުރިއަށްދުއްވާލީ ޖަންނަތު ގެއިން ނިކުތުމުންނެވެ. ޖަންނަތަށް ވެފައި ހުރިގޮތް ފެނުމުން ޒާރާ ކައިރިއަށް ހިނިއައެވެ.

އަރާބަލަ އަނގަ ހުޅުވައިގެން ހުރެ" ޒާރާ ބުންޏެވެ.

ޖަންނަތު އަރާ ހަމަޖެހުމުން ދެކުދީންގެ މަންޒިލަށް ދާން ސައިކަލު ދުއްވާލިއެވެ. ޖަންނަތުގެ ވާހަކަތައް ފެށީ ދެނެވެ.

"ނޭނގެ. މީގެކުރިއަކުން ސްކޫލުގަ އުޅުނުއިރުވެސް އެހާ ވާހަކައެއް ނުދައްކާ. މިރޭ ކިޔާލައިފި ޖީޒާއްތަގެ ވާހަކަ. ޒާރާއަށް ވަރަށް ހެޕީލައިފަކަށް އެދެމޯ. ތިމަންނަ ކަހަލަ ރިސޯޓް ބޯއީ އަކާ ޒާރާ ކަހަލަ އަހްލާގު ރަނގަޅު ކުއްޖަކު ނުގުޅެޔޯ" ޒާރާ ކިޔައިދިނެވެ.

"އަސީލަށް ވިސްނެޔޭ. ނުވިސްނެނީ ޖީޒާއްތައަށް. ފެނުނެއްނު މިއަދުވެސް އަހަރެމެން ތިންމީހުންނަށް ބަލަހައްޓައިގެން ހުރިގޮތް" ޖަންނަތު ބުންޏެވެ.

ކުދިވެރިންނަށް ކާންދީ ހަދަންދެން ނިއަމް ގޮވައިގެން ކޮޓަރީގައި އޮތީ އައްފާނެވެ. މަޣްރިބް ނަމާދުން ފައިބައިގެން އެންމެ ފުރަތަމަ ކަމަކަށް ވަސީމާ ކުރި ކަމަކީ ނިއަމްއަށް ކާންދީފައި އެކުއްޖާ ނިދަން ތައްޔާރުކުރުމެވެ. ކުޑަ ދެދަރީންގެ ކަންތަކާ އޭނާ ހަވާލުވީ ނިއަމް އާ އައްފާން ހަވާލުވުމުންނެވެ. ނިއަމްއަށް ވަގުތު ހުސްކުރުމަށްޓަކައި ވަސީމާގެ ދުވަހުގެ ޝެޑިޔުލްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

"ވަދޭ އެތެރެއަށް"

ބޭރުން ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން އައްފާން ބުންޏެވެ. ވަސީމާ ދޮރުހުޅުވާލިއެވެ. ނިއަމް ނިދާ ގަޑި ޖެހުނީކަމަށް ހީކޮށް ނިއަމް ގޮވައިގެން އައްފާން ތެދުވިއެވެ.

"ޒާރާ އާ ޖަންނަ މިތިބީ" ވަސީމާ ބުންޏެވެ.

"ބުނެބަ އެތެރެއަށް ވަންނާށޭ" އައްފާން ބުންޏެވެ.

ވަސީމާ ފަހަތަށް ބަލައިލިއެވެ. ދެކުދީންނަށް ވަދެވޭރަށް ބޮޑަށް ދޮރު ފޭކޮށްލާފައި ވަސީމާ ފަހަތަށް ޖެހުނެވެ.

"އަމާނީ ނިދަން ބާއްވާފަ މިއަންނަނީ އިނގޭ އެސޮރު ބަލާ" ހިނގައިގަތުމުގެ ކުރިން ވަސީމާ އައްފާނަށް ބުންޏެވެ.

ކޮޓަރީ ދޮރުމައްޗަށް އެންމެ ފުރަތަމަ އެރީ ޖަންނަތެވެ. ޖަންނަތަށް އައްފާން ހިނިތުންވެލިއެވެ. އައްފާން ހިތްއަވަސްވެލިއެވެ.

"އަހަރެމެންނަށް ގަޑި ކިޔާފަ ނިދަންއަރާ އޮށްވަ ދޯ މިއާދެވުނީ" ސަމާސާ ރާގެއްގައި ޖަންނަތު ބުންޏެވެ.

ޖަންނަތު އެތެރެއަށް ވަންގޮތަށް އައްފާން އުނގުގައި އިން ނިއަމް އަށް އަތްދިއްކޮށްލޮއެވެ. ބީރައްޓެހި ބެލުމަކުން ޖަންނަތަށް ބަލައިލާފައި ނަމަވެސް ދެވަނަ ސިކުންތުގައި ޖަންނަތު ކައިރިއަށް ނިއަމް ދިޔައެވެ.

"މާޝާﷲ... ތެންކިޔު ދޫނީ" ނިއަމްގެ އަތްތިލައިގައި ލޯބިކޮށްލަމުން ޖަންނަތު ބުންޏެވެ.

އައްފާން ދޮރާ ދިމާލަށް ބަލައިލިއެވެ. އެދޮރުން ބޭރުގައި ޒާރާ ހުންނާނެކަން އައްފާނަށް އެނގެއެވެ. އެހެރީ ވަންނަން ނުކެރިފައެވެ. އައްފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެއީ ހަމަ އޭރުގެ ޒާރާއެވެ. އެއްވެސް ބަދަލެއް ނާދެއެވެ. އައްފާން ފެންނަ ހިސާބަކަށް އަންނަން ޖެހިޖިއްޔާ ލަދުވެތިކަމާއި މަޑުމައިތިރިކަން އަބަދުވެސް ޒާރާގެ ފުށުން ފެނެއެވެ.

"އެކަނިތަ އައީ؟" އައްފާން އެހިއެވެ.

ޖަންނަތު ދޮރާ ދިމާލަށް ބަލައިލިއެވެ. ޒާރާ ފެންނާކަށް ނެތެވެ. އެހެންނަމަވެސް އެތަނުގައި ޒާރާ ހުންނާނެކަން ޖަންނަތަށް އެނގެއެވެ. ޖަންނަތު ލޮލުން އިޝާރާތެއްކޮށްލުމުން އެދިމާލަށް އައްފާން ހިނގައިގަތެވެ.

"ޒާ..." ދޮރު ކައިރީގައި ހުރި ޒާރާ ދިޔައީ ސިހިގެންނެވެ. އައްފާން ފެނުމުން ރަކިވެފައި ހުރި ނަމަވެސް ހީލިއެވެ.

"ކީއްވެ އެތެރެއަށް ނުވަދެ ތިހުންނަނީ. އާދޭ" އައްފާން ބުންޏެވެ.

އެތެރެއަށް ވަން އައްފާންގެ ފަހަތުން މަޑުމަޑުން ޒާރާ ވަނެވެ. އޭނާ ލަދުގަތީ އައްފާން ކުރިމައްޗަށް އަރާކަށް ނޫނެވެ. ފަސްޖެހުނީ ފުރަތަމަ ފަހަރަށް އައްފާންގެ ކޮޓަރިއަށް ވަންނާށެވެ.

ފުރަތަމަވެސް ޒާރާގެ ލޮލުގައި އަޅައިގަތީ ޖަންނަތުގެ އަތްމަތީގައި އިން ކުޑަކުޑަ ނިއަމްއެވެ. އަށްމަހުގެ ކުޑަ ކުއްޖެއް ނަމަވެސް އުމުރާ ބަލާފައި ނިއަމް ހުންނަނީ ޗަބީކޮށެވެ. އެންމެ ދޮނެވެ. ޖަންނަތުގެ އަނގައިން ލައްވަމުންދިޔަ ރާގަކަށް ނިއަމްގެ އެއް އަތުގައި ހިފައިގެން ހުރެ ޖަންނަތު ފައި ހަމަކުރަމުންދާއިރު ނިއަމް އިނީ މަޖާވެފައެވެ. އަނގަ ތަންމިނަށް ހުޅުވައިގެން މަޖާވެފައި ނިއަމް އިން މަންޒަރު ފެނުމުން ޒާރާއަށް ހީވީ އެހެން ދުނިޔެއަކަށް ދެވުނު ހެންނެވެ. އެދިމާލަށް އޭނާއަށް ހިނގައިނެވުނީ ބޭއިހްތިޔާރުގައެވެ. ޒާރާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އައްފާން ގޮސް އަލަމާރީގައި ލެގިލިއެވެ. ޒާރާގެ ހަރަކާތްތަކުން އެންމެ ސިކުންތަކަށްވެސް އައްފާންގެ ކަޅި ނައްޓައިގެން ނުދެއެވެ. ޒާރާގެ ވަށައިގެން އެހެން އެއްވެސް މީހަކު ހުރިހެން ޒާރާގެ ހަރަކާތްތައް ހުރިގޮތުން ހިއެއް ނުވެއެވެ. ކައިރިވުމާއެކު ޖަންނަތަށްވެސް ހުއްޓުމެއް އައެވެ. ޒާރާ އަތްދިއްކޮށްލުމުން ޖަންނަތުގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ޖަންނަތު ބަލައިލީ އައްފާންގެ މޫނަށެވެ. އެހިނދު އިޝާރާތުން އައްފާން އެދުނީ ޖަންނަތާ ނިއަމް ހަވާލުކުރުމަށެވެ.

ޖަންނަތު އަތުގައި އިން ނިއަމް ޒާރާ އުރާލިއެވެ. ނިއަމްގެ ދެ ކިހިލިފަތްދޮށޑަށް އަތްލައްވާލާފައި އުރާލިގޮތަށް މޫނާ ގާތްކޮށްލާފައި އެކުއްޖާގެ މޫނަށް ޒާރާ ބަލައިލިއެވެ. މަޑުމަޑުން ފަހަތަށްދިޔަ ޖަންނަތު ހުއްޓުނީ އައްފާނާ ހަމައިގައެވެ. ޒާރާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދެ އެކުވެރީން ތިއްބެވެ.

"މަންމި ދަރިފުޅު"

ޒާރާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. އެއްވެސް ހިފެހެއްޓުމެއް ނެތެވެ. ނިއަމްގެ ކުޑަ ހަށިގަނޑު ޒާރާގެ މެއާލާ ބޮނޑިކޮށްލިއެވެ. މަޑުމަޑުން ރޮމުންދިޔަ ޒާރާގެ އަޑުވެސް މަޑުމަޑުން ނިކުތެވެ. އިސާހިތަކު ނިއަމް ތުންކޮޅު ފިއްތަންފެށިއެވެ. ވަގުތުގެ ނާޒުކުކަން އެ ތުއްތު ސިކުނޑިއަށް އިހުސާސްވީ ނޫންކަމެއްވެސް ނޭނގެއެވެ. އެދިމާލަށް ޖަންނަތު ހިނގައިގަތުމުން އައްފާން އެދުނީ އަދި މަޑުކުރުމަށެވެ. ތުންފިއްތިޔަސް ނިއަމް ރޮއެގަންނަން އަދި ވަގުތު ނަގާނެކަން އޭނާއަށް އެނގެއެވެ.

"އޭނަ ރޯލަންދެން ބައިންދާ" އައްފާން ބުންޏެވެ. ޒާރާ އާ ދިމާލަށް ޖަންނަތު ބަލައިލިއިރު ހުދު ޖަންނަތުގެ ހިތަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ.

"ނިއަމްގެ މޫނާއި އަތާފައިގެ އިތުރުން ނިއަމްގެ އަތުގައި އޮތް ކުޅެ އެތީގައި ދަންދެން ޒާރާ ބޮސްދިނެވެ. ފަޅި ސިކުންތަކަށް ނަމަވެސް އޭނާއަށް ހީވީ ލޯމަތިން ގެއްލިފައިވާ ދަރިފުޅުގެ ގައިގައި ފިރުމާލަން ލިބުނު ހެންނެވެ. އެކުވެރިންގެ ދަރިންވެސް މަގުމަތިން އޭނާއަށް ފެނެއެވެ. އެހެންނަމަވެސް އެއިން ކުއްޖެއްގެ ގައިގައި އަތްލާކަށް އޭނާއަށް ނުކރެއެވެ. ނިއަމް އެހެން ކުދިންނާ ތަފާތުވީ ސަބަބެއް ޒާރާއަށް ނޭނގެއެވެ. ނިއަމް ފެނުމުން އޭނާއަށް ކުރެވުނު އިހުސާސްވެސް ތަފާތުވެއްޖެއެވެ. އިހުސާސްތައް ޒާރާއަށް ނުހިފެހެއްޓުނީ ނިއަމްގެ ހަށިގަނޑުގެ ހަން އެނާގެ ހަންގަނޑުގައި ޖެހުނު ހިސާބުންނެވެ. އެއީ ހަމަ ޔޫކެވެ. އެ ވަހެވެ. އެ އިހުސާސްތަކެވެ. އެ މައިވަންތަ ލޯތްބެވެ. ޒާރާގެ ހިތަށާއި ސިކުނޑިއަށް ވެރިވެގަތް މަސްހުނި އިހުސާސްތައް ހިފަހައްޓަން އުނދަގޫވެ އޭނާއަށް ކަރުނަތަކުގެ ތެރެއިން ހިނިތުންވެވުނެވެ.

ދޮރުމައްޗަށް އެރި ވަސީމާއަށް ވެސް އެމަންޒަރު ފެނުމުން ހުއްޓެވިއްޖެއެވެ. ދޮރަށް ޒާރާގެ ފުރަގަސް ފެނުނު ނަމަވެސް ޒާރާގެ ވޭނީ ރުއިމުގެ އަޑު ވަސީމާއަށްވެސް އިވުނެވެ. އެހިނދު ވަސީމާ ކުރިއަށް ޖެހުނެވެ. ދުރުގައި ތިބި އައްފާނާއި ޖަންނަތު ފެނުމުން ވަސީމާ ހުއްޓުނެވެ. އެތެރޭގައި ވަމުންދަނީ ކޮންކަމެއްކަން ވަސީމާއަށް އެނގުނީ މާފަހުންނެވެ.

ފަހަތަށް އެނބުރުނު އައްފާނަށް ދޮރުމަތީގައި ހުރި ވަސީމާ ފެނުމުން ނިއަމް ބަލާ އައީކަން އެނގުނެވެ. ނިއަމް ނިދާ ގަޑި އެހެން ރޭތަކަށް ވުރެ މިހާރުވެސް ލަސްވެސް ވެއްޖެއެވެ.

"ޒާ ހަމަޔަކަށް އަޅުވައިގެން އާދޭ އެނގޭ. އަހަރެން މީނީ އެފަރާތުގަ" ޖަންނަތަށް އައްފާން ބުންޏެވެ.

ކޮޓަރިން ނިކުތްގޮތަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އައްފާނަށް ނޭޅުނެވެ. އޭނާގެ ހިތަށް ވަމުންދާ ގޮތް ހުދު އޭނާއަކަށްވެސް ނޭނގުނެވެ. އޭނާއަށް އެނގުނުހާވެސް އެއްޗަކީ ޒާރާ އެގޮތަށް ރޯތަން ފެނުމަކީ އޭނާގެ މުޅި ރޫހަށް ލިބޭ އަނިޔާއެއް ކަމެވެ. އޭނާ ކޮޓަރިން ނިކުތީ އެ މަންޒަރު ބަލަން ހިތަށް ކެތްނުވުމުންނެވެ. ދެލޮލުން ފޭދުނު ކަރުނަ ވެއްޓުމުގެ ކުރިން އެއް އިނގިލިން ފޮހެލިއެވެ. އިތުރު މީހަކު ކޮޓަރިން ނިކުތުމުގެ ކުރިން އައްފާން އަވަހަށް އެތަނުން ދުރަށް ޖެހުނެވެ.

ޒާރާއަށް ވަގުތުދީގެން ވަސީމާ އާއި ޖަންނަތު ހުއްޓެވެ. ދެލޯ ކައިރި ރަނގަޅަށް ސާފުކޮށްލުމަށްފަހު ޒާރާ އެނބުރުނެވެ. އޭރުވެސް އޭނާ ހުރީ ނިއަމް ގައިގައި ބައްދާލައިގެންނެވެ. ވަސީމާ ޒާރާއަށް ހިނިތުންވުމެއް ދިނެވެ. އެ ހިނިތުންވުން އިތުރަށް ފުޅާވީ ޒާރާގެ އަތްމަތީގައި ނިއަމް އަށް ނިދިފައި އޮތްތަން ފެނިފައެވެ.

"ވަސިންތަ ހީކުރީ ފައިމަތީގައި ބާއްވައިގެން ތެޅުވީމަ ނޫނީ ނުނިދާނެ ކަމަށް" ވަސީމާ ހީލާފައި ބުންޏެވެ.

"ސޮރީ... ނިއަމް ނިދި އިރެއް ނުވެސް އެނގޭ. އަވަހަށް ތަނެއްގަ ބާއްވާލާ" ޒާރާ ބުންޏެވެ.

ވަސީމާ ނިއަމް އުރާލިއެވެ. ކޮޓަރިން ނިކުތުމުގެ ކުރިން ޒާރާގެ ބޮލުގައި ވަސީމާ އޯގާތެރިކަމާއެކު ފިރުމާލިއެވެ.

"ހިނގާ ދާން. އައްޔަ އެބައިން އެފަރާތު ކޮފީ ހަދައިގެން" ހީލަމުން ޖަންނަތު ބުންޏެވެ.

ޒާރާ އުޅުނުގޮތާ ގުޅުވައިގެން ވާހަކަދައްކަން ޖަންނަތު ބޭނުންނުވީއެވެ. އެހެންނަމަވެސް ޒާރާ އައިގޮތަށް ޖަންނަތުގެ ގައިގައި ބައްދާލައިފިއެވެ. އަނެއްކާވެސް ޒާރާއަށް ރޮވިއްޖެއެވެ.

"ޖަންނާ، އަހަރެން ރޯކަށް ބޭނުމެއްނޫން. މިހާރު އަހަރެން މިއުޅެނީ އުފަލުން. މާޒީ ހަނދާނެއްނުނެތޭ. އެކަމަކު މާޒީ ހަނދާންކޮށްފައި އެކަނި އިނދެވެސް މިހާރަކު ނުރޮން. އެކަމަކު...." ޒާރާ ވާހަކަދެއްކިއެވެ.

"އެކަމަކު މިރޭ އަހަރެން ވަރަށް ބޮޑަށް ހިތުގައިޖެހިއްޖެ. ނިއަމް ފެނިފަ. ޔޫކް މަތިން ވަރަށް ބޮޑަށް މިސްވެއްޖެ. ހިތް ހީވީ ހަމަ ފަޅައިގެން ދިޔަހެން. ނިއަމް ގައިގައި އަތްލެވުމުން އަހަންނަށް އިހުސާސްވީ ޔޫކްގެ ތުނި ހަށިގަނޑު. ދޫކޮށްލާހިތެއްވެސް ނުވި. އަހަރެން އެހާވަރަށް ބައްދައިގަނެގެން އުޅުނީމަ އުނދަގުވެގެން ރޮއިވެސްނުލާ. އެއީ ހަމަ އަހަރެންގެ ދަރިފުޅު. ނޫންތަ ޖަންނާ؟ އަހަންނަށް އިހުސާސްވީ އެހެން. އަހަރެން އަދިވެސް ބޭނުން. މިރޭ ގެއަށް ދާހިތެއްވެސްނުވޭ"

ޒާރާއަށް ވަގުތުދީގެން ޖަންނަތު ހުއްޓެވެ. ދިރިއުޅުމުގައި އަބަދު ހިނިތުންވެލައިގެން ހުންނާކަށް ނުޖެހެއެވެ. ރޮއިމަލީވެސް މުހިންމު ކަމެކެވެ. އަމުދުން ޒާރާ ފަދަ ހިތާމަތަކެއް ބަރުދާސްތުކުރަން ޖެހިފައިވާ މީހަކަށް ރުއިމަކީ ފަރުވާއެކެވެ. ހިތުގައި އިހުސާސްތައް އޮބަހައްޓައިގެން ތިބުމަކީ އެއްވެސް ގޮތެއްގައި ރައްކާތެރިގޮތެއް ނޫނެވެ.

"މިރޭ މިގަޑީގަ ބޭނުންވަރަކަށް ރޯލާ. ގެއަށް ދާންވާނީ ގެއިން ނިކުތްއިރު ހުރިގޮތަށް. އެހެންނޫނީ ހިމްނާއްތަ ޑައުންވެދާނެ" ލޯތްބާއެކު ޖަންނަތު ބުންޏެވެ.

****

ހިމްނާ ފާހާނައިން ނިކުތްއިރު ލޯގަނޑު ކުރިމަތީގައި ޒާރާ އިނެވެ. އޭނާ ފާހާނައަށް ވަންއިރުވެސް ޒާރާ އިނީ ހަމަ އެތަނުގައެވެ. ލޯޝަން ފުޅި ނަގައިގެން ދެފައިގައި މަޑުމަޑުން ހާކަމުންދާތާ އެތައް އިރެއްވެއްޖެކަން ހިމްނާއަށް އެނގުނެވެ. ޒާރާއަށް ކަމެއްވެފަ އިންހެން ހީވެ ތުވާލި ހަރުގައި އަޅުވާލާފައި އެނދުގައި އިށީނެވެ.

"ހާދަ އިރެވެއްޖޭ ތިތާ އިންނަތާ. ކަމެއް ގޯސްވީތަ؟"

ހިމްނާގެ އަޑަށް ޒާރާ ބަލައިލިއެވެ.

"ކަމެއްނުވޭ" ޒާރާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ނިދާ ބޮކި ދިއްލާފައި އެނދުގައި ޒާރާ އޮށޯތެވެ. މަންމަ އާ ދިމާލަށް އެނބުރިފައި ގޮވައިލިއެވެ.

"އައްޔަގެ ދަރިފުޅު ޔޫކް އާ ވަރަށް ވައްތަރު" މަޑުމަޑުން ޒާރާ ބުންޏެވެ.

"އެހެންތަ. މަންމައަކަށް ފާހަގައެއްނުވޭ" ހިމްނާ ބުންޏެވެ.

"އުރާލެވުނީމަ ހީވީ ޔޫކް އޭ. އަހަރެންގެ ދަރިފުޅު ދުނިޔޭގައި ހުރިނަމަ ހުންނާނީ ނިއަމް ހުންނަހެން. ދެކުދިންނަކީ ހަމަ އެއް އުމުރެއްގެ ދެކުދީން" އަސަރާއެކު ޒާރާ ބުންޏެވެ.

"މިހާރު އެނގިއްޖެ. އެގެއިން އައިފަހުން މާ ފާޑަކަށް ތިއިންނަނީ ކީއްވެގެންކަން" ހިމްނާ ބުންޏެވެ.

"އެއީ ނިއަމް ފެނުނީމަ މާބޮޑަށް ޔޫކް މަތިން ހަނދާންވީ. މަންމައަށް އެނގޭތަ؟ އައްޔަވެސް ވަރަށް ހިތާމައިގަ އެއުޅެނީ. އައްޔަގެ އަންހެނުން އެހާ ރަނގަޅެއްނޫން. ކިޔައިދިނީމަ މި އެނގުނީ ހުރިހާ އެއްޗެއް"

އައްފާން ދެއްކި ވާހަކަތައް މާބޮޑު ތަފްސީލެއް ނުދީ ނުހާގެ ވާހަކަތައް ހިމްނާއަށް ޒާރާ ކިޔައިދިނެވެ.

"ދިރިއުޅެން ނޭނގުނީމާ ވާނެގޮތްވެފަ މިހާރު ތި އަންހެނަކަށް ހުންނާނީ. އަތުން އެއްޗެއް ބީވެގެން ދިޔުމަކީ ކިހާވަރެއްގެ ކަމެއްކަން މިހާރު ވިސްނިފަ ހުންނާނީ" ހިމްނާ ބުންޏެވެ.

ނިދެންދެން ޒާރާ އާ އެކި ވާހަކަދައްކަން ހިމްނާ އޮތެވެ.

****

ނޯޓު ބްރޭންޑްތަކުގެ ކޮސްމެޓިކްސް ސާމާނު ވިއްކާ ފިހަރާއަކާ ތަންކޮޅެއް ދުރުގައި ފައްވާޒް ސައިކަލު މަޑުކޮށްލިއެވެ. އެއާއެކު ސައިކަލުން މާހީ ފައިބައިފިއެވެ.

"މަ ދޭތަ؟" ފިހާރަ އާ ދިމާލަށް މާހީ ހިނގައިގަތުމުން ފައްވާޒް ބުންޏެވެ. ކަފިހި ހުރަސް ރޮނގުމަތީގައި ހުރެފައި މާހީ ބަލައިލީ ހިތްހަމަނުޖެހުމުގެ ބެލުމަކުންނެވެ.

"ހެޔޮނަޔަސް. ކޮންމެސް މީހެއްގެ ކާޑުން އަހަރެން ލާރި ކަނޑާނަން" އެހެން ބުނެފައި މާހީ ހިނގައިގަތެވެ.

މާހީ ހިތްހަމަނުޖެހޭނެކަން އެނގޭތީ ސައިކަލުމަތިން ފައްވާޒް ފޭބިއެވެ. މާހީ އާ އަރާހަމަވެފައި އަތުގައި ހިފާލަން އުޅުމުން ފައްވާޒްގެ އަތް ފޮޅުވާލިއެވެ. ގިނަ މީހުންގެ ސަމާލުކަން މާހީގެ އެ އަމަލަށް ލިބުމުން ފައްވާޒް ލަދުގަންނަގޮތް ވިއެވެ. ކަސްޓަމަރުންނަށް އެހީވުމަށް ފިހާރައިގައި ތިބި އަންހެންކުދީންގެ އެހީގައި މާހީގެ ހަމުގެ ކުލަ އާ ގުޅޭ ފައުންޑޭޝަނެއް ހޯދަމުން ދިޔައިރު އޭނާގެ ފަސްފަހަތުގައި ފައްވާޒް ހުއްޓެވެ.

އަދިވެސް ހުންނަނީތަ؟ އަދި ސަބްވެސް ކައިގެން ދުއްވާލާފަ ގެއަށް ދެވޭނީ"

ފައްވާޒް ކައުންޓަރު ކައިރިއަށް ލެފިލިއެވެ. މާހީ ބުނި ހުރިހާ ސާމާނެއްގެ އަގު ބުނެލުމާއެކު ފައްވާޒް ތެޅިގަތެވެ. އެއްޗިއްސަށް ދެހާސް ހަތްދިހަ ނުވަ ރުފިޔާ އެރުމުން ފައްވާޒްގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ. އެކައުންޓު އެއްކޮށް ހުސްވާނެއެވެ. ފައްވާޒް ލާރި ނުދައްކައިފިއްޔާ ވެސް މާހީ ގެ ރުޅިގަނޑު ރަތް ރޮނގު ހުރަސްކުރާނެއެވެ. އަނެއްކޮޅުން އެއްޗެތީގެ އަގު ބަލާފައި ލާރި ނުކަނޑާ ހުންނަން ފައްވާޒް ލަދުގަތެވެ.

ލާރި ކަނޑާފައި ކާޑު ލިބުމުން ފައްވާޒް ބަލައިލީ ހަރުގަނޑެއް ކައިރީގައި ސެންޓް ފުޅިތަކުގެ ވަސް ބަލަން ހުރި މާހީ އަށެވެ. އޭނާ ބޭނުންވީ އަވަހަށް ނިކުންނާށެވެ. މާހީ އިތުރު ހަރަދެއްކުރާކަށް އޭނާ އަތުގައި ފައިސާއެއް ނެތެވެ.

****

ތައްޔާރުވެގެން އައްފާން ބޭރަށް ނިކުތްއިރު މަގުމަތި ޖޯލީގައި ދެތިން އަވައްޓެރިންނާއެކު ވަސީމާ އިނެވެ. ނިއަމް އުރާލައިގެން ދުރުގައި ކުޅިވަރު ދައްކަން ހުރީ އެއްބަފާ އަންހެން ކޮއްކޮއެވެ. އައްފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކުއްލިއަކަށް މާހައުލު ބަދަލުވިއެއް ކަމަކު ނިއަމް މިޒާޖަށް ބަދަލެއް ނައެވެ. ފެންނަ ކޮންމެ މީހަކާ އެކުއްޖާ ރައްޓެއްސެވެ. އަނެއްކޮޅުން ވަސީމާގެ ފަރާތުން މާމައެއްގެ ލޯބި ތަންފުކެއްވެސް އުންޏެއް ނުކުރެއެވެ. މަދުވީ މައެއްގެ ލޯތްބެވެ. އެ ލޯބި ނިއަމްއަށް ދޭން ހުރީ އޭނާ އެކަނި ކަން ހަނދާންވުމުން އައްފާންގެ ހިތުގައި ރިހުމެއް އުފެދުނެވެ.

"ކިހާ ހިސާބަކުން އެންމެ އަވަހަށް އެއްޗެއް ކޮޕީ ނެގޭނީ" އައްފާން އެހިއެވެ. ވަސީމާ ކައިރީގައި ހުއްޓިފައި އައްފާން ބުންޏެވެ.

"އެތަން ބަންދުކޮށްފި. މިރަށު ހުރި ބުކްޝޮޕުންވެސް މިހާރު ތިކަމެއް ނުކުރެވޭނެ. ސްކޫލު އޮފީހަށް ދާންވީނުން. ޒާރާ އާ ޖަންނަ އުޅެންޏާ ތިއީ އުނދަގުކަމެއްނޫން" ވަސީމާ ބުންޏެވެ.

އިރުކޮޅަކު ވިސްނާލަން ހުރެފައި އައްފާން ހިނގައިގަތެވެ. ފުދޭވަރަކަށް ދުރު ހިސާބެކެވެ. އޭނާއަށް ސައިކަލު ގެނެވޭނީސް އަންނަ ހަފްތާގައި ފުރާ ބޯޓުންނެވެ. އެހާތަނަށް އުޅެންޖެހޭނީ ހިނގާފައެވެ. މަގު ހުރިގޮތަށް ހިނގައިގަނެފައި އެންމެ ފުރަތަމަ އޭނާ ގުޅީ ޖަންނަތަށެވެ. ދެވަނަ ފަހަރަށް ޒާރާއަށް ގުޅީ ފޯނަށް ޖަންނަތު ޖަވާބު ނުދިނުމުންނެވެ.

ގޭގަ މިހެރީ. ދާނަން ހަވީރު ތިގެއަށް. އޭރުން ހަވާލުކުރެވޭނެއްނު" ޒާރާ ބުންޏެވެ.

އައްފާންގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނީ އޭނާ ބޭނުންވާ އެއްޗެހިތަކުގެ ކޮޕީ ނެގޭނެގޮތް ވުމުންނެއް ނޫނެވެ. ޒާރާ އެގެއަށް ދާވާހަކަ ބުނުމުންނެވެ. ގަބޫލުނުކުރެވުނަސް އެވަގުތަށް އޭނާއަށް އިންތިޒާރުކުރެވެން ފެށުނެވެ. ވަކި ހިސާބަކަށް ގޮސްފައި އައްފާނަށް އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ. ނުހާ މަތިން މަޑުމަޑުން ހަނދާންނެތެނީ ހެއްޔެވެ؟

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟