މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހައުސިން ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2ގައި ހަދާފައިވާ "ޕޯޓް ރެސިޑަންސް"ގެ އެޕާޓްމަންޓުތަކަށް މަހުން މަހަށް ދައްކަންޖެހޭ ކުލި ކުޑަކޮށްދީފިއެވެ.
އެމްޕީއެލުން ބުނީ، މަހު ކުލި ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުސޫލަށް އެ ކުންފުނީގެ ބޯޑުން ގެނައި ބަދަލާއެކު ޑައުންޕޭމަންޓަށްފަހު ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު މުވައްޒަފުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
މީގެ ކުރިން މަހުން މަހަށް ފައިސާ ދައްކަންޖެހޭނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެންނެވެ.
އެމްޕީއެލުން ބުނީ، މަހު ކުލި 25 އަހަރަށް ބަހާލުމުން ޑައުންޕޭމަންޓް ފައިސާ ދެއްކުމުގެ "އޮޕްޝަން 1"ގެ ދަށުން ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓް (ޓައިޕް އޭ)ގެ މަހު ކުއްޔަށް ފުރަތަމަ ފަސް އަހަރު ދައްކަންޖެހޭނީ 3،741.38 ރުފިޔާ ކަމަށެވެ. އެއް ރޫމްގެ ސްޓޫޑިއޯ (ޓައިޕް ބީ)ގެ އެޕާޓްމަންޓަކަށް ފުރަތަމަ ފަސް އަހަރުގެ މަހު ކުއްޔަށް ދައްކަންޖެހޭނީ 3،872،94 ރުފިޔާ އެވެ.
އަދި ބާކީ އޮތް 20 އަހަރުގައި މަހު ކުއްޔަށް ދައްކަން ޖެހޭނީ ޓައިޕް އޭއަށް 4،061.54 ރުފިޔާ އަދި ޓައިޕް ބީއަށް 4،204.37 ރުފިޔާއެވެ. ކުރިން އޮތް ގޮތަށް 20 އަހަރަށް ބަހާލައިގެން މަހު ކުލި ދައްކާ ނަމަ، ޓައިޕް އޭއަށް 4،585.16 އަދި ޓައިޕް ބީއަށް 4،746 ދައްކަންޖެހެ އެވެ.
މި އޮޕްޝަންގައި 1+2 އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ދައްކަންޖެހޭނީ ޓައިޕް އޭއަށް 7،015.08 އަދި ޓައިޕް ބީއަށް 7،182.60 ރުފިޔާ އެވެ. އަދި ބާކީ އޮތް ވިހި އަހަރު ޓައިޕް އޭއަށް ދައްކަންޖެހޭނީ 8،073.56 އަދި ޓައިޕް ބީއަށް 8،260.45 ރުފިޔާ އެވެ.
އެމްޕީއެލުން ބުނީ، މި އޮޕްޝަނަށް ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންގެ އިތުރުން އޮޕްޝަން 2، 3 އަދި 4ގެ ދަށުން ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންނަށްވެސް އެ އުސޫލުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް، މަހު ކުލި ކުޑަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އަދި މި އޮޕްޝަންތަކުގެ ދަށުން ޑައުންޕޭމަންޓް ދެއްކުމަށް ހިޔާރުކޮށްފައިވާ މުވައްޒަފުންނަށްވެސް އޮޕްޝަން އެކަކަށް ބަދަލުވުމަށް ދެ އަހަރުގެ މުއްދަތެއް ދޭނެ ކަަމަށާއި އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ މުވައްޒަފުންނަށް، ފައިސާ ހަމަކުރާ ދުވަހުން ފެށިގެން އޮޕްޝަން އެކެއްގެ ލުއިތައް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެމްޕީއެލުން ހަދާފައިވަނީ 15 ބުރީގެ ތިން ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 އެޕާޓްމަންޓެވެ.
އެމްޕީއެލުން ބުނީ، އެ ކުންފުނީގެ ތިން ޓަވަރުގައިވެސް މިހާރު ކުރިއަށްދަނީ ލިފްޓާއި ކަރަންޓު އަދި ފެނުގެ މަސައްކަތްތައް ކަމަށެވެ. އެ މަސައްކަތްތައް ނިމި، އަންނަ މަހުގެ މެދުތެރެއިން ފެށިގެން ފްލެޓްތަކުގައި މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމްޕީއެލުން ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަމުން އަންނަ އިރު، އެ ކުންފުނިން ވަނީ މުވައްޒަފުން ފްލެޓުތަކުގައި ދިރިއުޅެން ފަށާ ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ފްލެޓުތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހަދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު