ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މއ. ހަނީސަކްލް-1/ ހުސައިން ޝިފާއު، 37އ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.
ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަަށް މޭވާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ މި އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. ނަމަވެސް ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މެއި 27 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ.
އޭނާ ދޫކޮށްލަން ކުރި އަމަރުގައި ބުނެފައިވަނީ ފުލުހުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލާއިރު އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިރު، ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެހެންކަމުން ޝިފާއު މިހާރު އުޅޭ އެޑްރެސް ސާފުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހައިކޯޓުން އެނގިއެވެ. އަދި މެއި މަހުގެ 29 ވަނަ ދުވަހު ޝިފާއު ރާއްޖެއިން ބޭރަށް ފުރާފައިވާކަން ހައިކޯޓަށް އެންގިއެވެ.
ޝިފާއު ދިރިއުޅޭ އެޑްރެސް ނޭނގޭ ކަމަށް ޕީޖީން ބުނެފައިވާތީ ހައިކޯޓުން ވަނީ ޝިފާއު މިހާރު ދިރިއުޅެމުންދާ އެޑްރެސް ހޯދަން ޕީޖީއަށް އަންގައިފައެވެ. އެ މައުލޫމާތު ސާފުކުރުމަށްފަހު އަލުން ޝިފާއުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ޕީޖީއަށް އޮންނާނެ ކަމަށް އެ ކޯޓުން ނިންމި އިޖުރާއީ ނިންމުމުގައިވެއެވެ.
ޝިފާއު ދޫކޮށްލަން ކޯޓުން އަމުރުކުރި އިރު، ދައުލަތުން އޮތީ 38 އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ ދައުވާތަކެއް އުފުލައިފައެވެ.
އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ޝިފާއު އެ ކުށް ހިންގާފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ.
އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު