ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ދިން ހުއްދައިގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ގޭ ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ދެރަވެގެން، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދެއްވުމަށްފަހު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން ދިހަ ދުވަހުގެ ހުއްދައެއް ދިނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވުމުން ކަރެކްޝަންސްއިން ވަނީ އިއްޔެއާ ހަމައަށް އެ މުއްދަތު އިތުރުކޮށްދީފައެވެ.
ކަރެކްޝަންސްގެ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް އޭނާގެ ފަރާތުން މެޑިކަލް ބޯޑަށް ހުށަހެޅުމުން އެ ބޯޑުގެ ލަފާގެ މަތިން އޭނާގެ ބޭސްފަރުވާގެ މުއްދަތު އަންނަ މަހުގެ 15އާ ހަމައަށް އިތުރުކޮށްފައިވާ ކަމަަށެވެ.
އަދީބު ރާއްޖޭން ބޭރަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެގޮތަށް ލަފާ ދިނުމުންނެވެ. އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ ބައްޔަކަށް ކަމަށް އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ، އެމްޓީޑީން ބުނެފައިވެއެވެ.
މީގެ ކުރިން ޖަލު ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން އިންޑިއާއަށް ވަޑައިގެން އަދީބު ވަނީ ބޭސްފަރުވާ ހޯއްދަވައިފައެވެ. ބޭސްފަރުވާއަށްފަހު އަދީބު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު