ދައުލަތުގެ މީޑިއާ ޕީއެސްއެމް އާއި ގައުމީ ޔުނިވަސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގެ ރީ ޝެޑިއުލްކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ރިޔާސީ ބަހުސްގައި ބައިވެރިނުވާން އުޅުއްވާ ކަމަށް ބުނެ އިދިކޮޅު ބައެއް ޕާޓީތަކުން ގެންދަވަނީ އެ މަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ.
އެކަމާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު މާރިޔާ ވިދާޅުވީ، ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރިޔާސީ ބަހުސް ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ހަމަ އެރޭ އެމްޑީޕީގެ ބޮޑު ޖަލްސާއެއް މާލޭގައި ބާއްވަން ވަނީ ނިންމައިފައެވެ. އެހެންވެ، އެ ޖަލްސާ ބާއްވަނީ ރައީސް ސޯލިހު ރިޔާސީ ބަހުސަށް ފިއްލެވުމަށް ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އެމްޑީޕީގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން މާރިޔާ ވިދާޅުވީ، ބޮޑު ޖަލްސާ ބޭއްވުމަކީ އެމްޑީޕީގެ ކެމްޕެއިން ގްރިޑުގައި އޮތް ކަމެއް ކަމަށާއި އެ ޖަލްސާ އެ ތާރީހުގައި ބާއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ގްރިޑުގައި ފެށުނީއްސުރެ އަޅުގަނޑުމެންގެ ޖަލްސާއެއް އޮތްކަން މާލޭގައި. އެހެންވީމާ ޖަލްސާ ކުރިއަށްދާނެ. ދެން އަޅުގަނޑުމެން މި ބަލަނީ އެމްއެންޔޫއާ ވާހަކަ ދައްކައިގެން ދެން ކިހިނެއްތޯ އެ ބަހުސަށް ރީ ޝެޑިއުލްކޮށްގެން ވިޔަސް ކިހިނެތްތޯ އެކަން ކުރެވިދާނެތޯ ބަލަމުން ވާހަކަ ދައްކަވަމުން މިދަނީ،" މާރިޔާ ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ.
ޚަބަރު
ޚަބަރު
ޚަބަރު