Close Election
Close
ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 23

6

ވަސީމާގެ ކޮޓަރީގެ ދޮރު އައްފާން ހުޅުވާލީ މަޑުމަޑުންނެވެ. ކޮޓަރި ގެރެއަށް ވެރިވެފައިވާ ނޫ ކުލައިގެ ފަނޑުއަލިކަމުގެ ތެރެއިން ދިރޭ ފުރާނައެއްގެ އެއްވެސް އިހުސާސެއް ނުވުމުން އެންމެން ތިބީ ނިދާފަކަމަށް ނިންމާފައި އަލުން ދޮރުލައްޕާލަން އުޅުނެވެ.

"އާދެބަލަ މިކޮޅަށް" ވަސީމާގެ އަޑު އިވުމާއެކު އެ އަޑަށް އައްފާން ސަމާލުވެލިއެވެ.

ވަސީމާގެ އަޑުއިވިފައި އަދި ނުނިދާކަން އައްފާނަށް އެނގުނެވެ. އައްފާން ދޮރުލައްޕާލާފައި އެތެރެއަށް ވަނެވެ. އެނދުގައި އޮތް ވަސީމާ ތެދުވެގެން ގޮސް ކޮޓަރީގެ ހޮޅިބުރި ދިއްލާލިއެވެ. އެހިނދު ކޮޓަރިތެރެ ހުދު އައްޔަކުން އަލިވެގެން ދިޔައެވެ. އައްފާނަށް ފުރަތަމަވެސް ފެނުނީ އެނދުގައި އަރާމުކޮށް ނިދާލާފައި އޮތް ނިއަމް އެވެ. ގިނަ އިރުތަކަކަށްފަހު ނިއަމްގެ ލޯބި މޫނުކޮޅު ފެނި އައްފާންގެ ނަފްސު ތާޒާވެގެން ދިޔައެވެ. އޭނާ އެނދު ކައިރިއަށް ލެފިލާފައި ގުދުވެ ނިއަމްގެ މޫނުކޮޅުގައި ބޮސްދިނެވެ.

"ކޮންއިރެއް ނިދިފަހުން" އެ މަންޒަރު ބަލަންހުރި ވަސީމާ ބުންޏެވެ.

"ދޮރު ހުޅުވާލި ވަގުތު އެނގުނު ނިދާފަކަން. މުޅި ކޮޓަރިން މި ދޮވަނީ ނިއަމްގެ ވަސްވިއްޔާ" ހީލަމުން އައްފާން ބުންޏެވެ.

"އަދި މި އުޅެވެނީ ނުބައިކޮށް. ހިނގާބަލަ ދައްތައާއެކު" ވަސީމާ ބުންޏެވެ.

އަލުން ހޮޅިބުރި ނިއްވާލާފައި އައްފާންގެ ކުރީގައި ހުރެ ވަސީމާ ކޮޓަރިން ނިކުމެ ހިނގައިގަތެވެ. ވަސީމާ ވަނީ ކާގެއަށެވެ. ގޮނޑީގައި އައްފާން އިށީނުމުން މޭޒުމަތީގައި ހުރި ކާއެއްޗެހި ވަސީމާ އަލުން ހޫނުކުރިއެވެ. ހުރިހާ އެއްޗެއް ހަމަކޮށްފައި އައްފާނާ ދިމާލަށް ހުރި ގޮނޑީގައި ވަސީމާ އިށީނެވެ. އައްފާނަކީ ބަނޑުހައިވެގެން ނުބުނެ ހުންނާނެ ކުއްޖެއް ނޫނެވެ. އެކަމަކު މިރޭ އައްފާން ނުބުނާނެކަން ވަސީމާއަށް އެނގެއެވެ. ހިތްދަތިކަމެއް ތިމާގެ ހަ ފަރާތުން ވަށާލާފައިވާއިރު ބަނޑުހައި ވިޔަސް ކާއެއްޗެއް ދިރޭނީ ކާކަށް ހެއްޔެވެ؟

"ހަވީރު ގެއަށް އައި މީހާ ކޮޓަރިން އަދި ތި ނިކުތީ. ބަނޑުހައިވެފައެއްނު ހުންނާނީ. ރަނގަޅަށް ކައި އެންމެ ފުރަތަމަ. ދައްތަ މި އޮންނަނީ ކޮޓަރި ދޮރު ހުޅުވައިގެން. އޭރުންނެއްނު ނިއަމް ހޭލައިގެން ރޯން ފެށިއަސް އަޑު އިވޭނީ"

ވަސީމާ ކުރިމަތީގައި އިނުމުން ކުޑަކޮށް ނަމަވެސް ކާން އައްފާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާއަށް ރަނގަޅަށް ނުކެވުނެވެ. އޭނާ ހުރީ ކާހިތް ކެނޑިފައެވެ. ބަނޑުހައިކަމުގެ އިހުސާސް އެތެރެހައްޓަށް ކުރުވައެވެ. އެހެންނަމަވެސް ދިރުވަން އުނދަގުލެވެ. އެކުގައި ނުހާ ނެތްކަން އިހުސާސްވާ ކޮންމެފަހަރަކު ހީވަނީ ހަށިގަނޑުން ބައެއް މަދުހެންނެވެ. ތެޔޮ ރޮއްޓެއްގެ އެއްބައި މަސްކޮޅަކާއެކު ކާލާފައި ފެންތަށިން ކޯވަރެއް ބޯލިއެވެ.

"ހާދަ ކުޑަގޮތެއް ތި ހެދީ" ވަސީމާ ބުންޏެވެ.

ތަށި ހިފައިގެން ވަސީމާ ޒިންކު ކައިރިއަށް ދިޔުމުން އައްފާނަށް ތެދުވެގެން ދާކަށް ނުކެރުނެވެ. ވަސީމާ އެނގެން ބޭނުންވާ ކަންކަން ހުންނާނެއެވެ. ކިތަންމެ އިރެއްވިޔަސް އައްފާން އަނގަ ނުހުޅުވަނީސް އެންމެ ސުވާލެއްވެސް ވަސީމާ ނުކުރާނެއެވެ.

"ދައްތަ ހީކުރީ ކުޑަމީހާ ނުހާ މަތިން ހަނދާންކޮށްފަ ވަރަށް ރޯނެކަމަށް. ވަރަށް ފަސޭހައިން ބަތްކޮޅަކާއެކު ކެއްކި ކައްޓަލަކޮޅެއް ޗަސްކޮށްލާފަ ދިނީމަ ކައިފި. އަނެއްކާ ނިންދަވަންވެސް އުނދަގުލެއް ނުވި" ތުވާލިކޮޅަކުން އަތްފޮހެން ހުރެ ވަސީމާ ވާހަކަދެއްކިއެވެ.

"މައިމީހާ މަތިން ހަނދާންވާނީ މައެއްގެ ލޯބި ލިބިފައިވާ ކުއްޖެއްނު" އައްފާން ބުންޏެވެ. އެ ވަގުތު ވަސީމާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އައްފާން ބުނެލީ ކުޑަކުޑަ ޖުމްލައެކެވެ. އެކަމަކު އެ ޖުމްލައިން އެތައް ވާހަކައެއް ބުނެދީފިއެވެ. ހައިރާންކަމާއެކު ވަސީމާ އައްފާނަށް ބަލައިލިއެވެ.

"ދަރިފުޅު އެއްޗެއް ކިޔައިނުދެނީސް ދައްތަ މި ހުންނަނީ ނާހަން. އެކަމަކު ދެންމެ ތި ބުނި އެއްޗަކުން ނާހައެއްވެސް ދެނެއް ނުހުރެވޭނެ" ވަސީމާ ބުންޏެވެ.

"އަހަރެން މިއައީ އަބަދަށްޓަކައި ނުހާ ދޫކޮށްލާފަ" އައްފާން ބުންޏެވެ.

މިވީހާތާކަށް އެއްވެސް މީހެއްގެ ކުރިމަތީގައި އޭނާ ނުހާ ކުށްވެރިވާގޮތަށް ވާހަކައެއް ނުދައްކައެވެ. ނުހާގެ އަބުރާ އިއްޒަތަކީ އޭނާގެ އިހުތިރާމެވެ. އެހެންނަމަވެސް ނުހާ ދޫކޮށްލަން ޖެހުނު ސަބަބު ވަސީމާ އެނގެން ބޭނުންވާނެތީ ނުހާގެ ހުރިހާ ވާހަކައެއް އައްފާން ކިޔައިދިނެވެ. އެ ހުރިހާ ވާހަކަތަކުގެ ތެރެއިން ވަސީމާ އެންމެ ހިތަށް އަސަރުކުރުވީ މަޔަކު ދަރިއަކަށް އިހުމާލުވެފައިވާ މިންވަރު އެނގުމުންނެވެ. އެވަރުގެ ތުއްތު ކުއްޖަކު މަޔެއްގެ އަތުގެ ފިރުމުމާއި ލޯބި ކިހާ ބޭނުންވާނެ ހެއްޔެވެ؟ ބޮޑުދައިތަޔަކާއި މާމައެއްގެ ފަރާތުން ލިބޭ ލޯތްބަކީ މައެއްގެ ފަރާތުން ލިބޭ އަޅައިލުމާ އޯގާތެރިކަމުގެ އެންމެ ބީހިލުމަކާވެސް އެއްވަރުވާނެ އިހުސާސެއް ނޫނެވެ. ބުނެދޭން ނޭނގުނަސް އެ ތުއްތު ކުއްޖާ ހާދަ ޝަކުވާއެއްކޮށްފައި ހުންނާނެއެވެ. ކޮންކަހަލަ މައެއް ހެއްޔެވެ؟ ދުނިޔޭގެ އިއްޒަތާ ލައްޒަތު ނުހާއަށްޓަކައި މައިވަންތަ ލޯތްބަށް ވުރެވެސް މުހިންމުވީތާއެވެ. ވަސީމާ ދެލޯ ފެންކަޅިވިއެވެ. ހިމޭނުން އިން އައްފާންގެ މޫނަށް ވަސީމާ ބަލައިލިއެވެ. ދެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިންދާލަން އައްފާން މަސައްކަތްކުރާ މަންޒަރު ފެނުމުން ވަސީމާއަށް ދުރުގައި ނުހުރެވުނެވެ. އައްފާން ކައިރީގައި ވަސީމާ ހުއްޓުނެވެ. އަތް އުފުލާލީ އައްފާންގެ ބޮލުގައި ލޯބިން ފިރުމާލާށެވެ. އޭގެކުރިން ވަސީމާގެ ގައިގައި އައްފާން ބައްދައިފިއެވެ. ފަހުވަގުތު އައްފާނަށް ރޮވިއްޖެއެވެ.

****

ބަނދަރުމަތިން ގަތް މަސްކޮޅު ކަނޑައިގެން ކޮތަޅަކަށް އަޅައިގެން ހިމްނާ ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ހިމްނާ ނޫނަސް މަސްގަތުމަށް ފުދޭވަރަކަށް އަންހެނުން ދޯނިތައް ކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ. ބަނދަރުމަތިން ބޮޑުމަގަށް އެޅިތަނާ ހިމްނާއަށް މީހަކު ފަހަތުން ގޮވާލިއެވެ. ފަހަތަށް އެނބުރުމުގެ ކުރިންވެސް އެއީ ކާކުކަން ހިމްނާއަށް އެނގެއެވެ. އެހެންނަމަވެސް ޖީޒާ ދެކެ ބިރުގަންނާކަށް ނުޖެހެއެވެ. އިންސާނުންގެ ބަރުބާދީއާއި ކާމިޔާބީ އަދި ނާކާމިޔާބާއި ނަސީބާއި ބަދުނަސީބަކީ ޖީޒާގެ ބާރުގެ ދަށުގައިވާ ކަންކަމެއް ނޫނެވެ. ﷲ ތައާލާއާ ވަކީލުކޮށްގެން ދުނިޔޭގައި އުޅުމުން ޖީޒާ ކަހަލަ މީހުންނަށް ދެވޭނެ ދެރައެއް ނޯންނާނެއެވެ.

"އެ ހިސާބުން ގޮވަމުން މި އަންނަނީ؟" ހިމްނާއާ އަރައި ހަމަވެފައި ޖީޒާ ބުންޏެވެ.

"އަޑެއް ނީވޭ. ތަންކޮޅެއް އަވަހަށް ދާންވެގެން. ނޫރީން ސްކޫލަށް ދާންވާއިރަށް މި މަސްކޮޅު ލައިގެން ކާއެއްޗެއް ހަދާލެވޭހާ ވަގުތު ސަލާމަތްކުރަންވެގެން"

ހިމްނާ ހިނގައިގަތުމުން ޖީޒާ ހިމްނާއަށް ބަލައިލީ ނިކަން ފާޑަކަށެވެ. ހިމްނާ އޭނާއާ ގުޅުމެއް ބާއްވަން ބޭނުންނުވާކަން ޖީޒާއަށް އެނގެއެވެ. އެހެންނަމަވެސް ދުރުދުރުން ވިޔަސް ހިތުގެ މުރާދު ހާސިލުވޭތޯ ޖީޒާ މަސައްކަތްކުރަމުން ދިޔައެވެ.

"އަހަރެން އެދުނު ކަންތަކަށް ހިމްނާ އަދިވެސް ޖަވާބެއް ނުދެމެއްނު. އަހަރެންގެ އަސީލަކީ ގޯސް ކުއްޖެއް ނޫނޭ. ޒާރާ އުފަލުގަ ގެންގުޅޭނެކަން ޔަގީން" ޖީޒާ ބުންޏެވެ.

"އެ ބުނާހެން އަދި ޖަވާބެއް ނުދެވޭ ދޯ" ހިމްނާގެ އަޑުގައި ރައްޓެހިގޮތެއް ބެހެއްޓޭތޯ މަސައްކަތް ކުރިއެވެ.

"ޒާރާ އަދި ބޭނުމެއް ނުވޭ. މީހަކާ އިންނަން ބޭނުންވީމަ މަންމަ ކައިރީގަ ބުނާނަމޯ. އަހަރެންވެސް މާ ބާރެއް ނާޅަން. އަހަރެންގެ ކޮންމެ ދަރިއަކަށްވެސް އެކުއްޖެއްގެ ދިރިއުޅުމަށް ގެންނާނެ މީހަކު އެނގޭނީ އެ ދަރިއަކަށް. ނޫންތަ؟ ދަރިއެކޭ ކިޔާފަ ކަންކަމަށް މަޖުބޫރު ކުރާކަށް ނުވާނެއްނު" ވަސީމާ ވާހަކަދެއްކިއެވެ. ޖީޒާގެ ބަރު ހަށިގަނޑަށް ނުކަތާވަރަށް ހިމްނާ ދުރުދުރުގައި ފިޔަވަޅު އަޅަމުން ދިޔައެވެ. އޭނާގެ ބޭނުމަކީ ފަހަތުން ނާދެވޭވަރަށް ޖީޒާ ވަރުބަލިކޮށްލުމެވެ.

ޖީޒާ އަނގަ ހަދާލިއެވެ. ހިމްނާ ނޫނެކޭ ބުނީ ހަމަ ގަސްތުގައޭ ހީވިއެވެ. އެއް އަރިމަތިން ހިމްނާއަށް ބަލައިލިގޮތަށް އަނގައަށް ވައްތަރެއް ޖައްސާލިއެވެ. އެންމެފަހުން ޖީޒާއަށް ކުރިއަށްދެވޭ ގޮތް ނުވިއެވެ. މާބޮޑަށް ވަރުބަލިވެއްޖެއެވެ. ހިމްނާ ހީވަނީ ތަނެއްގައި ރޯވެގެން އުޅޭހެން ވިއްޔާއެވެ. މީގެ ކުރިންވެސް އެއީ އެހާ ބާރަށް ހިނގާ އަންހެނެއް ނޫނެވެ. އެހާ ބާރަށް އެ ހިނގަނީ ހަމަ ޖެއްސުމަށެވެ. ވަރެއްގެ ފޮނިބޮޑު އަންހެނެކެވެ. ރުކެއްގެ ދަށުގައި ޖީޒާ ހުއްޓުނީ ވަރުބަލި ފިލުވާލުމަށެވެ.

"އަހަރެން އަދި ހުއްޓައެއް ނުލާނަން އަންހެނާ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އަހަރެން ކަލޭގެ ދިރިއުޅުން ޖަހައިގަންނާނަން" ހިތާހިތުން ޖީޒާ ކިޔާލިއެވެ.

****

ނުހާގެ އެކުވެރިން ގޭތެރެއިން ފެނުމުން ދިމްނާ ހިތްހަމަނުޖެހޭ ގޮތް ވިއެވެ. ނުހާގެ ކައިވެނި ރޫޅިގެން ދިޔުމުގައި އެންމެ ނުބައި ރޯލެއް ކުޅުނީ އެކުވެރިންކަމާ މެދު ދިމްނާ ޝައްކެއް ނުކުރިއެވެ.

"ކުޑާ... ނުހާ އެބައުޅޭތަ ގޭގަ" މާހީ އެހިއެވެ.

"ކޮޓަރީގަ"

ދިމްނާ ބަދިގެއާ ދިމާލަށް ހިނގައިގަތުމުން މާހީއާ ޖުމާ އެކަކު އަނެކަކަށް ބަލައިލިއެވެ. ދިމްނާ ހިތްހަމަނުޖެހިފައި ހުރިކަން ދެ ކުދިންނަށްވެސް ހީވިއެވެ. އެކަކު އަނެކަކަށް ކޮނޑު އަރުވާލާފައި ދެކުދިން ހިނގައިގަތީ ނުހާގެ ކޮޓަރިއާ ދިމާލަށެވެ.

އެނދުގައި އޮތް ނުހާ ބަލައިލީ ކޮޓަރި ދޮރު ހުޅުވާލުމުންނެވެ. ގިނަ ވަގުތުތަކަށްފަހު ދެ އެކުވެރިން ފެނުމުން ނުހާއަށް ހީލެވުނެވެ. އެނދުމަތިން އެކުވެރިންނަށް ތަން ދައްކާފައި އެއްފަރާތަކަށް ނުހާ ޖެހުނެވެ.

"ސީރިއަސްކޮށް މިބުނީ ހަގީގީ ލޯބިވަންޏާ އެހާ ފަސޭހައިން ދޫކޮށްފައެއް ނުދާނެ" އަތްދަށަށް ބާލީހެއްލައި އަރިއަކަށް އޮށޯވެލަމުން މާހީ ބުންޏެވެ.

"އެއީ ތެދެއް. ހުރިހާ ބްލޭމެއް ނުންނުގެ ބޮލުގައި އަޅުވާފަ އިނޮސެންޓް މާސްކް އަޅައިގެން އޭނައެއްނު އެ ރައްކާވީ. އަހަރެން ބުނީތީވެސް ބަލަންހުރޭ. ރަށުކޮޅުން ކޮޅެއް އަޅައިގެން އެ ދަތުރުގަ އެއައީ"

ދެ އެކުވެރީންގެ ވާހަކަތަކަށް ނުހާ ވަކި އެއްޗެއް ނުބުނެއެވެ. އޭނާ ބޯޖަހާލާ ގޮތުން އެ ވާހަކަތަކާ ރުހޭކަން އެކުވެރިންނަށް އަންގައިދެއެވެ.

"އަޅެ މިހާރު ބޮލަށް ފަސޭހައެއް ނޫންތަ؟ ދެން އަވަހަކާވެސް މީހަކާ މެރީނުކުރާތި. ހިނގާ ބޭރަށް ނިކުމެލަން. ހަމަޖައްސަންތަ ރިސޯޓް ޓްރިޕެއް" މާހީ ބުންޏެވެ.

"ނޫނޭ. ބައްޕާފުޅު ހުރީ އަހަރެން ދެކެ ވަރަށް ބޮޑަށް ރުޅި ދުރުވެފަ. މަންމަވެސް. މި ދަނޑިވަޅުގަ އަހަރެން ބޭރަށްދާން ފަށައިފިއްޔާ ބައްޕާފުޅު އަހަރެންގެ ބޮލުގަ އެއްޗަކުން ޖަހައިވެސްފާނެ" ނުހާ ބުންޏެވެ.

****

"މިއަދު އަދި މި އުޅެނީ ކައުންސިލް އޮފީހަށް ވަދެނުލައި. ބޭރު ގޯތިތެރެ ކުނި ކަހާލަން އެކަނި ޖެހޭނީ. މެންދުރުވާއިރަށް އަންނާނަން. ކާންދީފަ ދޯ އެ ސޮރު ފެންވަރުވާނީ" ވަސީމާ ބުންޏެވެ. ގޭތެރެއިން ނިއަމް ގޮވައިގެން އައްފާން ބޯޖަހާލިއެވެ.

ވަސީމާ ގޭތެރެއަށް ވަނުމުން ނިއަމް ގޮވައިގެން އައްފާން ދޮރާށިން ބޭރަށެވެ. އަތިރީ ޖޯލީގައި އޭނާ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވިއެވެ. ހިތްގައިމު ފިނިވައިރޯޅި ވަމުންދާއިރު ޔަގީނުންވެސް ސިކުނޑި ތާޒާކުރުވާނެއެވެ. ނިއަމް ގޮވައިގެން ހޭދަކޮށްލެވޭނެ އަރާމު ވަގުތެކެވެ. ބޯކޮށް ހެދިފައި ހުރި ހިރުނދު ގަސްދޮށުގައި ހުރި ޖޯލިފަތީގައި އައްފާން ޖައްސާލިއެވެ. ނިއަމް މޭމަތީގައި ބާއްވާލާފައި އޭނާގެ ހިތާއި ސިކުނޑި ފިކުރުތަކެއްގެ ތެރެއަށް ދޫކޮށްލިއެވެ. ކުއްލިއަކަށް އައްފާން ސިހުނީ ނިއަމް އަޑެއް ލައްވާލި އަޑަށެވެ. ހީވާގޮތުން ޖެހެމުންދާ ވައިރޯޅި ނިއަމްއަށް އިހުސާސް ވަމުންދާތީ އެ ކުޑަކުޑަ ފުރާނަ މާބޮޑަށް ވެސް ހިތްހަމަޖެހިއްޖެއެވެ. ދެއަތް ވައިގެ ތެރޭގައި ހޫރާގޮތުން ހީވަނީ އެ ކުއްޖާގެ މޫނުގައި ބީހޭ ވައިރޯޅި އަތުނުޖެހިގެން އުޅޭހެންނެވެ.

"ބައްޕިގެ ބޭބީ ހެޕީތަ؟" ނިއަމްގެ އަތްތިލައިގައި ލޯބިކޮށްލަމުން އައްފާން ބުންޏެވެ. އެހިނދު ނިއަމްގެ ހިނިތުންވުން ފުޅާވިއެވެ.

އިރުކޮޅަކުން ނިއަމް މޭމަތީގައި ބޭއްވިއެވެ. ޖެހެމުންދިޔަ ވައިރޯޅީގެ ތެރޭގައި އަމިއްލަ ދުނިޔެއެއްގައި ކުޅެން އައްފާންގެ މޭމަތީގައި ނިއަމް އޮތެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ރޭގައި މިސްވެފައި ހުރި ނަންބަރުތަކަށް އައްފާން ބަލައިލިއެވެ. އޭނާއަށް އެންމެ ފުރަތަމަވެސް ފެނުނީ ޖަންނަތުގެ ނަންބަރެވެ. ޒާރާ ގުޅާފައި އޮތްތޯވެސް ބަލައިލިއެވެ. އައްފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޒާރާ ނުގުޅާނެކަން އޭނާއަށް އެނގެއެވެ. އައްފާނަށް ހެވުނީ އޭނާއަށް ޒާރާ މާބޮޑަށް އެނގޭތީއެވެ.

"އަހަރެން މިކޮޅަށް އައިކަން މިހާރު އެ ދެމީހުންނަށް އެނގިފަ އޮންނާނީ" އައްފާން ހިތަށް އެރިއެވެ.

ހަށިގަނޑަށް ވަމުންދިޔަ އަރާމުގައި ނިއަމްއަށް ނިދުނުކަން އެނގުމުން އައްފާނަށް ހެވުނެވެ. ކުޅެކުޅެފަ އެންމެފަހުން ނިދުނީތާއެވެ. އިތުރަށް ނިއަމް މައްޗަށް ޖައްސާލާފައި ޖެހެމުންދިޔަ ވައިން ނިއަމް ނޭވާ ހާސްނުވާނޭހެން އަރިއަކަށް ބާއްވާލިއެވެ. ނިއަމް ހޭލަންދެން އޭނާ އެތަނުގައި އިންނަން ބޭނުންވިއެވެ. އިސާހިތަކު އައްފާންގެ ދެލޯ ފުރިގެން އައެވެ. ހަވީރު ހަތަރެއް ޖަހާއިރަށް އައްފާން ނުހާ ދޫކޮށްލިތާ ސައުވީސްގަޑިއިރު ވާނެއެވެ. ދަރިފުޅު ގޮވައިގެން އައިއިރު ކުއްޖާގެ ހާލު ބަލައިލަން އެންމެ ފަހަރަކުވެސް ނުހާ ގުޅައިނުލައެވެ. އައްފާނަށް ރޮވުނީ ނިއަމްގެ ނަސީބުދެރަކަން ހިތަށް އަރައިފައެވެ.

ކުއްލިއަކަށް އައްފާން ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ބަލައިލިއިރު ޖަންނަތެވެ. އާންމުކޮށް ޖަންނަތު ގުޅާ ގަޑިއެއް ނޫނެވެ. އައްފާން ފޯނު ނެގިއެވެ. ޖަންނަތުގެ ކޯލު އައުމުން އޭނާ އެހާ ހިތް އަވަސްވާން ޖެހުނު ސަބަބެއް ނޭނގުނެވެ.

"ތި ގެއަށް އެބަދަން" އައްފާން ފޯނު ނެގުމާއެކު ޖަންނަތު ބުންޏެވެ.

"އެކަނިތަ؟" އައްފާން އެހިއެވެ.

"ޒާރާވެސް" ޖަންނަތު ބުންޏެވެ. އެ ހިނދު އައްފާންގެ ދެލޮލުން ތަފާތު ވިދުވަރެއް ފާޅުވެލިއެވެ.

"މިހާރުތަ ތި އަންނަނީ؟" އައްފާން އެހިއެވެ. ޖަންނަތު ހަމައެކަނި ހޫނ އެއް ލައްވާލިއެވެ.

"އަތިރިމަތި ޖޯލީގަ މީނީ"

އައްފާން ބުންޏެވެ.

****

ވަސީމާ ގެއަށް ވަންގޮތަށް އައްފާން ފެންނަން ނެތުމުން ފުރަތަމަވެސް ނުކުތީ އަތިރިމައްޗަށެވެ. އައްފާންގެ މޭމަތީގައި ނިދާފައި އޮތް ނިއަމް ފެނުމުން އެ ދިމާލަށް ވަސީމާ ދުއްވައިގަތެވެ. ނިއަމް އުރާލައިގެން ވަސީމާ ހިނގައިގަތެވެ.

"މާތްކަލާކޮ.. މި ކުއްޖާފުޅު ފިނި ބޮޑުވެދާނެއްނު" ވަސީމާ ބުންޏެވެ.

އައްފާނަށް ހަށިގަނޑު ތެދުކޮށްލިއެވެ. ނިއަމްއާ މެދު ވަސީމާ ކަންބޮޑުވި މިންވަރު ފެނުމުން އައްފާންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެހާ ހިތްހަމަވެސްޖެހުނެވެ.

"ކުޑަ ދެބެން ސްކޫލުން ގޮވައިގެން އައިސް ކާން ހަދާލާނަން. ލަސްވާނެތަ؟" ވަސީމާ އެހިއެވެ. އައްފާން ދެފަރާތަށް ބޯހޫރާލިއެވެ.

ޖޯލީގައި ހަށިގަނޑު ސީދާކޮށްލިތަނާ އެ ދިމާލަށް އަންނަ ދެ އަންހެން ކުދީން އައްފާނަށް ފެނުނެވެ. ޖަންނަތަށް ވުރެ ބޮޑަށް އައްފާނަށް ބަލައިލެވުނީ ޒާރާއަށެވެ. އިސްޖަހައިގެން ހުރެ ކުރިއަށް ހިނގާފައި އައިއިރު އަދިވެސް ޒާރާގެ މޫނުމަތީގައި ވަނީ ހަމަހިމޭންކަމެވެ. އެންމެ ފަހުން ފެނުނު އިރާ އަދިވެސް ތަފާތެއް ނެތެވެ. އެކަމަކު ޒާރާގެ އެ ހިނގުން އައްފާންގެ ނަޒަރުން ކައްސައިނުލިއެވެ. ތަފާތު ފަރި ހިނގުމެކެވެ. ޒާރާގެ ފުށުން އައްފާނަށް އެންމެ ކަމުދާ އެއް ސިފައަކީ އެ ފަރި ހިނގުމެވެ.

"ޒާ... އަހަރެމެން ދެ މީހުންވެސް މިއަދު މިތިބީ އެއް ހާލެއްގަ" އައްފާން ހިތާހިތުން ބުންޏެވެ.

"އަހަރެމެންނަށް އެއްގޮތަކަށް މި ދިމާވީ ކީއްވެ؟ އަހަރެމެން ކެތްކުރާނީ ދޯ. ވަގުތާއެކު ހުރިހާކަމެއް ބަދަލުވެދާނެ" ހިތާހިތުން އައްފާން ދައްކަމުންދިޔަ ވާހަކަ އެއްގޮތަކަށްވެސް ހުއްޓައެއް ނުލިއެވެ.

ދެ އެކުވެރީން އަރައި ހަމަވުމާއެކު އައްފާން ހީލިއެވެ. ދެ އެކުވެރިން އިށީންނަން ޖޯލި ދައްކާފައި އޭނާ އިށީނީ ތަންކޮޅެއް ދުރުގައި ހުރި ރަބަރު ގޮނޑިއެއްގައެވެ.

"ވަސިންތަ ބުނި ބޭބީވެސް ގޮވައިންނޭ. ކޮބާ ބޭބީ؟" ޒާރާ އެހިއެވެ. އައްފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެންމެ ފުރަތަމަވެސް ޒާރާ ހޯދާނީ ނިއަމް ކަން އޭނާއަށް އެނގޭ ކަހަލައެވެ.

"ނިދީމަ ދައްތަ އެވަނީ ގޮވައިގެން އެތެރެއަށް. މާހައުލު ބަދަލުވީމަ ކަންނޭނގެ. މި ދެ ދުވަހު ވަރަށް ފަސޭހައިން ނިދައިފި" އައްފާން ބުންޏެވެ. ޒާރާގެ ނަޒަރު ދަތުރުކޮށްލީ ދޮރާއްޓަށެވެ. ނިއަމް ހޯދަން ދާން އޭނާ ހިތް އެދުނެވެ. އެކަމަކު އެހާ ކެތްތެރިކަން ކުޑަވެގެން އުޅޭކަށް ނުކެރުނެވެ.

"ކިހިނެއް ހަދައިގެން ތި އުޅެނީ؟" ޖަންނަތު އެހިއެވެ.

"މާބޮޑުކަމެއް ނުވޭ. ނުހާއަށް އަހަރެން ކަމުނުދާތީ ބޭވަފާތެރިވީ. އެއީ ދެން މިހާރު އާކަމެއް ނޫނެއްނު" ޒާރާއަށް ބަލައިލަމުން އައްފާން ބުންޏެވެ. އިތުރަށް ޖަންނަތު ވާހަކަނުދެއްކީ ކުއްލިއަކަށް އެ މައުލޫއަށް ވާހަކަދައްކަން އައްފާނަށް ފަސޭހަނުވާނޭކަން އެނގުމުންނެވެ. މީގެ ކުރިން އެފަދަ ހާލަތެއް ޒާރާއަށް ކުރިމަތިވިއިރު ޒާރާ އުޅުނު ގޮތްވެސް ޖަންނަތަށް ވަނީ ފެނިފައެވެ.

އަތިރިމަތިން ދިޔަ ދެބައި އުމުރުގެ އަންހެނަކު ތިން އެކުވެރީންނަށް ބަލައިލީ ފާޑުވީ ބެލުމަކުންނެވެ. ޖީޒާގެ ނަޒަރު ބޮޑަށް އަމާޒުވެފައި ހުރީ ޒާރާއަށެވެ. ހީވެސްނުލައި ޖީޒާ ހިނގައިގަތުމުން ޒާރާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

"ރަށަށް މާލެއިން މީހަކު އައިއްޔާ ކޮންމެ މީހަކަށްވެސް ފުރަތަމަ ދުވަސްކޮޅު ހީވާނީ ރަށަށް އަރައިގެން އުޅެނީ ސެލެބްރިޓީއެކޭ. ހިނގާފައި ދާއިރުވެސް މީހާގެ ދެފައި އޮޅި ވެއްޓެންދެން ބަލާނެ. ހާއްސަކޮށް މަގުމަގުގެ ކަންކަން މަތީގައި ހަބަރު ހޯދަން ނުކުމެ ތިބޭ ދައްތަމެން. ނޫންތަ؟" އައްފާން ބުންޏެވެ. ޖަންނަތާ ޒާރާއަށް ހެވުނެވެ.

"އެހެންނޫނަސް މީހުން ކިތަންމެ ވަރަކަށް ބެލިޔަސް ތިދެމީހުން ނޫނީ އަހަރެންގެ ގާތް އެކުވެރިންނެއް ނެތް. އެހެންވީމަ ގިނައިން ވާހަކަދެއްކޭނީވެސް ތިދެމީހުންނާ ދޯ" އައްފާން ބުންޏެވެ. ޖަންނަތު ހީލަމުން ބޯޖަހާލިއެވެ.

"އެ ވާހަކަ ދޯ. ހިނގާ މިރޭ ކޮފިއަކަށް އަރަމާ ދޯ" އައްފާން ބުންޏެވެ.

"ކޮންތާކަށް" ޖަންނަތު ބުންޏެވެ.

"ތަނަކަށް ދާކަށް ނުކެރޭނެ. މީހަކު ވާހަކައެއްވެސް ހަދައިފާނެ. އެހެންވީމަ ކޮފީ ބޯނީ މިގެއިން ދޯ" އައްފާން ބުންޏެވެ.

ޒާރާ އާއި ޖަންނަތު އެކަކު އަނެކަކަށް ބަލައިލިއެވެ.

"އޯކޭ. އިޝާ ނަމާދުން ފައިބައިގެން އަހަރެން ދާނަން ނޫރް ގޮވައިގެން ސްކޫލަށް. އަންނަ މަގުމަތީގަ އަހަރެން ދާނަން ޖަންނަ ނަގަން" ޒާރާ ބުންޏެވެ.

އައްފާނަށް ޒާރާއަށް ބަލައިލެވުނީ ހައިރާންކަން އެކުލެވިގެންވި ބެލުމަކުންނެވެ. އޭނާ ހާޒިރުވެ ހުރި ތަނެއްގައި އެވަރަށްވެސް މީގެކުރިން ޒާރާ ވާހަކަ ނުދައްކައެވެ. މިހާރު ޒާރާއަށް ރަނގަޅު ބަދަލެއް އަތުވެއްޖެއެވެ. ކުރިއަށް އޮތްތާވެސް ވާނީ ރަނގަޅަށެވެ.

ތިން އެކުވެރިން ގަޑި ކަނޑައަޅާފައި އެތެރެއަށް ވަންނަން ތެދުވިއެވެ.

"އަދި އެއްކޮށް ސެޝަން ނުނިމެނީސް މިއައީ. މި ޒާރާ ބޭބީ ދެކިލާ ހިތުން އުޅޭތީ"

އައްފާން ފުން ނަޒަރަކުން ޒާރާއަށް ބަލައިލިއެވެ.

"ޒާރާ ރަނގަޅުތަ؟" އައްފާން އަހާލިއެވެ. ޒާރާ ބޯޖަހާލިއެވެ.

ދެ އެކުވެރިން އެކަކު އަނެކަކަށް ބަލއިލިހިނދު ޖަންނަތު ހިތަށް އެރީ ކީކޭކަމެއް ނޭނގެއެވެ. އެހެންނަމަވެސް ބުނަން ބޭނުންވި އެތި ދުލާ ހަމައަށް ނުގެނެސް ސިކުނޑި ބޭނުންވިގޮތަށް އޭނާ ކަންތައްކޮށްލިއެވެ.

"އޭ މަ އެބަ އަންނަން ފާހާނާއަށް ވަދެލާފަ. މިތަނަށް އައިއިރުވެސް ހުރީ ބަނޑު ސަކަރާތްވެފަ. ޒާ މަޑުކުރައްޗޭ"

ޒާރާއަށް އެއްޗެއް ނުބުނެވެނީސް ދޮރާ ދިމާލަށް ޖަންނަތު ދުއްވައިގަނެއްޖެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟