އއ. އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމައި އެ އަތޮޅު ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަަަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
ޕްލޭނިން މިނިސްޓްރީން، ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 74.12 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން އަށް ހެކްޓަރުގެ ބިން ހިއްކައި، 180 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ޖަހައި 1،052 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމުގެ އިތުރުން 110 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 67.21 މިލިއަން ރުފިޔާއަށެވެ.
އެ ރަށު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ 13 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިފައެވެ. އަދި 1،692 މީޓަރުގެ ސޭންޑް ބަންޑެއް ހަދުމުގެ މަސައްކަތާއި 1،054 މީޓަރުގެ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތުގެ އިތުރުން އެމްޓީސީސީން ވަނީ 80 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސްކޮށްފައެވެ.
އެމްޓީސީސީން ބުނީ އުކުޅަހު ބިން ހިއްކުމުގެ މަސައްކަތް އަދި ބޮޑުފޮޅަދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކުންފުނިން ޗާޓަރުކޮށްފައިވާ ޑްރެޖާ "ފިލިޕޯ ބްރުނެލޭޝީ" ބޭނުންކޮށްގެން ކަމަށެވެ. ހއ. އިހަވަންދޫ އަދި ށ. މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްގެންދިޔައީ އެ ޑްރެޖާއިން ކަމަށް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު