ވަޓްސްއެޕް އިން ދާދި ފަހުން ވަނީ ވަރަށް މުހިއްމު ފީޗާއެއް ތައާރަފު ކޮށްފައެވެ. އެ ފީޗާގެ ސަބަބުން އެންމެ އެޕްލިކޭސަނެއްގެ ތެރޭގައި ގިނަ އެކައުންޓްތަކެއް ބެހެއްޓޭނެ އެވެ. މާނައަކީ އިތުރު ނަންބަރެއް ބޭނުން ކޮށްގެން އިތުރު އެކައުންޓެއް ވަޓްސްއެޕް ތެރެއަށް އިތުރު ކުރެވޭނެއެވެ. މިދިޔަ ޖޫން މަހު ޓެސްޓްކުރި މި ފީޗާ މިހާރު އަންނަނީ ރޯލްއައުޓްކޮށް ބައެއް ރީޖަންތަކަށް ލިބޭނެ ގޮތް ހަމަޖައްސަމުންނެވެ.

އެންޑްރޮއިޑް އަށް ވަޓްސްއެޕްގެ އެންމެ ފަހުގެ އަޕްޑޭޓް ވާޝަން 2.23.17.8 އެޅުމުން މި ހިދުމަތް މިހާރު ލިބޭނެއެވެ. ގިނަ ބީޓާ ޓެސްޓަރުން ބުނާގޮތުގައ ވަޓްސްއެޕްއަށް އެތައް އެކައުންޓެއް އިތުރުކުރުމުގެ ގާބިލުކަން ތައާރަފުކުރުމަކީ ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމެކެވެ. މިހާރުގެ ގިނަ ފޯނުތަކަކީ އާންމުކޮން ދެ ނަމްބަރު ނުވަތަ ދެ ސިމް ބޭނުން ކުރެވޭ ފޯނުތަކަކަށް ވާއިރު އާ އެކައުންޓެއް އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެން ނަމަވެސް ކުރިން އިތުރު ފޯނެއް ހޯދައިގެން ނޫނީ އިތުރު ވަޓްސްއެޕެއް ބޭނުމެއް ނުކުރެވެއެވެ. ނުވަތަ ވިޔަފާރި ފޯނެއް ގެންގުޅެން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މި އާ ފީޗާގެ މުހިންމު އެއް ފައިދާއަކީ އެކި އެކައުންޓްތަކުގެ މެދުގައި އެއްވެސް ދަތިކަމެއް ނެތި ބަދަލު ކޮށްލުމެވެ. ފޭސްބުކް އަދި އިންސްޓަގްރާމްގެ އެކައުންޓް ސުވިޗްކޮށްލާ އުސޫލުން ވަޓްސްއެޕް އެކައުންޓްވެސް މިދަބަލާ އެކު ސުވިޗް ކޮށްލެވޭނެއެވެ. މި ބަދަލުގެ ސަބަބުން އަމިއްލަ ނަންބަރާއި ވިޔަފާރިއަށް ބޭނުން ކުރާ އެކައުންޓްވެސް އެއްފޯނެއްގައި ފަސޭހަކަމާ އެކު ބޭނުން ކުރެވޭނެއެވެ. ލޮގްއައުޓް ކުރަން ނުޖެހި އަލަށް އިތުރުކުރާ ހުރިހާ އެކައުންޓްތަކެއް ވެސް އެކްޓިވްކޮށް ހުންނާނެއެވެ. މި ފީޗާގެ ބޭނުމަކީ އަމިއްލަ ޗެޓްތަކާއި، މަސައްކަތުގެ ވާހަކަތަކާއި، އެހެނިހެން ޗެޓްތައް އެއް އެޕްގެ ތެރޭގައި އެއްކޮށްލުމުން، ކޮންމެ އެކައުންޓަކަށް ވެސް ވާހަކަތަކާއި ނޮޓިފިކޭޝަންތައް ވަކިން ބެހެއްޓޭނެ ގޮތް ހެދުމެވެ. މިއީ އެކި އެކައުންޓްތައް ބެލެހެއްޓުމުގައި ގިނަ ފޯނުތަކެއް އަދި އެތައް ގިނަ އެޕްލިކޭޝަންތަކެއް ބޭނުންކުރުމުގެ ބޭނުން ނެތިގެންދާ ކަމެކެވެ.

މީގެ އިތުރުން މި އަޕްޑޭޓްގެ ސަބަބުން އެއް ޑިވައިސްއެއްގައި އެތައް އެކައުންޓެއް ބެލެހެއްޓުމުގެ ޕްރޮސެސް ފަސޭހަވެގެންދެއެވެ. ކޮންމެ ޑިވައިސްއެއްގައި ވަކިވަކިން ވަޓްސްއެޕް އެކައުންޓްތައް ކޮންފިގްރޭޓް ކުރުމުގެ ބަދަލުގައި ފަސޭހަކަމާއެކު ޕްރައިމަރީ ޑިވައިސްގައި ހުންނަ އެޕް ބޭނުންކޮށްގެން އެކި އެކައުންޓްތަކަށް ވަދެ ބަދަލުކުރެވޭނެ އެވެ.