އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުފުޅުތައް އަކުރުން އަކުރަށް، ފިލިން ފިއްޔަށް ފުއްދަވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދު ދެ ގުނަ ވެގެންދާތަން މިއަދު ކަށަވަރުވާ ކަމަށާއި 2028 ވަނަ އަހަރު އަންނަ އިރުގައި ރާއްޖޭގެ އިގުތިސާދު 170 ބިލިއަން ރުފިޔާ ފަހަނައަޅައިދާނެ ކަމަށެވެ. އަދި ނަތީޖާއަކަށް ވެގެންދަނީ ދައުލަތަށް ލިބެންޖެހޭ އާމްދަނީ 45 ބިލިއަން ރުފިޔާ ފަހަނައަޅައި، 50 ބިލިއަނާ ހަމައަށް އަމާޒު ހިފުން ކަމަށް ވިދާޅުވިއެވެ.

"އެހެންވެ އަޅުގަނޑުމެން ލޯނު ނަގައިގެން މި މަސައްކަތްތައް މި ކުރަނީ. ލޯނު ދެއްކޭނެކަމުގެ ޔަގީންކަމާއި ކަށަވަރުކަން އޮތީމަ. އެހެންވެ އަޅުގަނޑުމެން ރާއްޖޭގެ ސަރަހައްދުތައް ތަރައްގީކުރަން މި ވައުދުވަނީ، ފައިސާ ހުންނާނެކަން އިރާދަކުރެއްވިއްޔާ ޔަގީންވާތީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިވާ ވައުދުތައް މިވާ ގޮތަށް، އަކުރުން އަކުރަށް، ފިލިން ފިއްޔަށް އަޅުގަނޑުމެން އެކަން ކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ޕްރައިވެޓް ސެކްޓާއާ އެކީގައި އިގުތިސާދު ފުޅާކުރެއްވުން ކަމަށާއި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން، ލުއި ގޮތެއްގައި މާލީ އެހީތެރިކަން ލިބޭގޮތަށް ބައްޓަންކުރެވި، ބޭންކުތައް މެދުވެރިކޮށް އެ ފައިސާ ހޯދައިދެއްވާނެ ކަމަށެވެ. އަދި އިގުތިސާދެއް ދެ ގުނަ ކުރެވޭނެ ގޮތަކީ އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުން ހަތް މިލިއަން ޓޫރިސްޓުންނަށް ހިދުމަތްދެވޭ ގޮތަށް ހިދުމަތްތައް ފުޅާކުރެވިގެން އެދަނީ. ގަމާއި ހަނިމާދޫ އެއްކޮށްލީމަ ތިން މިލިއަން. އަމާޒަކީ 2028 ވަނަ އަހަރު އަންނަ އިރުގައި، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ތިން މިލިއަން ހުރަސްކޮށް، ހަތަރު މިލިއަން ފަސް މިލިއަނަށް ގެންދިއުން. މިކަން ކުރުމަށްޓަކައި ޑޮމެސްޓިކް އެތައް އެއާޕޯޓެއް އެޅެމުން އެދަނީ. އާރުޓީއެލްގެ ހިދުމަތުން މުޅި ރާއްޖެ ގުޅުވައިލެވޭނެ. މާލޭގެ ބަނދަރު ގުޅިފަޅަށް ބަދަލުކުރެވޭނެ. އަދި އިތުރު އެތައް އިގުތިސާދީ މަސައްކަތްތަކެއް ކުރެވެމުން އެދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެއިން ކޮންމެ ކަމަކާ ގުޅިގެން އެތައް ވަޒީފާއެއް އުފެދިގެންދާނެ ކަމަށާއި އެއާޕޯޓުތައް ތަރައްގީކުރުމާ އެކީގައި ޓޫރިސްޓު ބެޑް އިތުރުކުރުމުގެ ޕްރޮޖެކްޓުތަކުގެ ތެރެއިން ސަރުކާރުން އިސްނަގައިގެން އައްޑޫ ސިޓީގައި 7000 އެނދު އިތުރުކުރެވިގެންދާނެ ކަމަށެވެ. އަދި އެފަދަ އިތުރު ޕްރޮޖެކްޓެއް މާލެއިން އުތުރުގައި ވެސް ހިންގާނެ ކަމަށް ވިދާޅުވިއެވެ.