ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެ ސަރުކާރުގެ ވަޒީފާތައް އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގެ ހަރަކާތުގައި ވަނީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "އިގުތިސާދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހުކޮށްފައެވެ. މިއީ ރައީސް ސޯލިހުގެ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން އިފުތިތާހު ކުރި ފަހު ސިޔާސަތެވެ.

މިރޭ އިއުލާންކުރި އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުގެ ދަށުން، އިންސާނީ ވަސީލަތް ފުޅާކޮށް ދެމެހެއްޓެނިވި ވަޒީފާގެ ބާޒާރެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ވަޒީފާތައް ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެ ސަރުކާރުގެ ވަޒީފާތައް އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

އެ ސިޔާސަތުގެ ދަށުން ސިވިލް ސާވިސް އާއި ދައުލަތުގެ އެންމެހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދައުލަތުގެ އާ ޕޭ ފްރޭމްވޯކް ފުރިހަމަކޮށް ތަންފީޒުކުރުން ވެސް ހިމެނެއެވެ. މީގެ ކުރިން ރައީސް ވަނީ އަންނަ ޖެނުއަރީ މަހު މުސާރަތައް ބޮޑުކޮށްދެއްވާނެ ކަމަށް އިއުލާންކުރައްވައިފައެވެ.

އޭގެ އިތުރުން ދިރިއުޅުމުގެ އެކި ހާލަތްތަކާ ގުޅިގެން ވަޒީފާ އަދާކުރުމަށް ބޭނުންވާ ލުއިފަސޭހަ ގޮތްތައް އެ ހާލަތްތަކާ އެކަށީގެންވާ ގޮތަކަށް ހަމަޖެއްސުން ހިމެނެއެވެ. އަދި މަސައްކަތްތެރިންނަށް އާޓިފިޝަލް އިންޓެލިޖެންސްގެ ޒަރިއްޔާއިން މަސައްކަތްތައް ލުއިފަސޭހަކުރުމަށް އަހުލުވެރިކުރުވުން ވެސް އެ ސިޔާސަތުގައި ހިމެނެއެވެ.

އެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ތަރައްގީކޮށް ދިވެހިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ސަނަދު ނެތް ފަރާތްތަކުގެ ތަޖުރިބާ ބިނާކޮށް ސަނަދު ހޯދައިދޭ ނިޒާމު (ޓްރޭޑް ޓެސްޓިން) ފުޅާކޮށް، ހުނަރުވެރި ކުރުވުމުގެ (އަޕްސްކިލިން އަދި ރީ-ސްކިލިން) އިތުރު ފުރުސަތުތަކާއެކު "ސަޓިފައިޑް ޕްރޮފެޝަނަލްސް" ތައާރަފުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.