Close Election
Close
ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 22

2

ގޭދޮރުމަތީގައި ހުރި ވަސީމާއަށް ލިބުނީ ހައިރާންކަމެވެ. ގޭދޮރު މައްޗަށް މަޑުކޮށްލި ބަގީ އިން އެފޭބީ އައްފާނެވެ. އައްފާންގެ މޭގައި ލައްކޮށްލާފައި އިން ނިއަމް ފެނި ވަސީމާއަށް އަތްދިއްކޮށްލެވުނެވެ. ވަށައިގެން ވަސީމާއަށް ބަލައިލެވުނީ އެކުގައި ނުހާ ވެސް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް ދެބަފައިންނާއެކު ދެ ފޮށި ބޭލުމަށްފަހު ބަގީ ކުރިއަށް ދުއްވާލައިފިއެވެ.

ވަސީމާ އައްފާނަށް ބަލަހައްޓައިގެން ހުރީ ސުވާލުގެ ނަޒަރަކުންނެވެ. ދުލުން ނުބުންޏަސް ދައްތަގެ އެ ސުވާލު އައްފާނަށް ފަހުމުވިއެވެ. އެކަމަކު އެއްވެސް މީހަކަށް ޖަވާބެއްދޭން އަދި އޭނާ ތައްޔާރެއް ނޫނެވެ. އޭނާ ބޭނުންވަނީ އެކަނި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އައު ދިރިއުޅުމަށް ހޭނެން ވަގުތެވެ.

ވަސީމާ ނިއަމް އުރާލުމުން އައްފާން ވަނީ އެތެރެއަށެވެ. ތުއްތު ދަރިފުޅު ގޮވައިގެން މަންމައެއް ފަދައިން ދެކުނު މީހާގެ ކުރިމައްޗަށް އަރަން ޖެހުމުން އައްފާންގެ ހިތަށް ވަނީ ނުހަނު އަސަރުކޮށްފައެވެ.

****

ނިއަމް ގޮވައިގެން ގޯތިތެރެއަށް ވަނުމާއެކު ކުޑައަށް ތިބި ދެބެން އައިސް އެ ކުއްޖާ އުރާލާ ލޯބިކުރަން ފެށިއެވެ. ނިއަމްގެ ބީރައްޓެހިކަން ކެނޑި ސަކަރާތް ޖަހަން ފަށަންދެން އެ ކުދިން ހިފަހައްޓާލިއެވެ. މައިދޮރުގެ އެއްފަރާތުގައި ހުރި ޖޯލިފަތީގައި ނިއަމް އުނގުމައްޗަށް ލައިގެން ވަސީމާ އިނެވެ. ފަހަތަށް އެނބުރި އިރުކޮޅަކާ ހުޅުވާފައި ހުރި ކުޑަދޮރުން އައްފާންގެ ކޮޓަރިއާ ދިމާލަށް ވަސީމާ ބަލައިލައެވެ. އައްފާން ކޮޓަރިން ނިކުމޭތޯއެވެ. ކުއްލިއަކަށް އަލީގެ ދިރިއުޅުމަށް އެވީ ކިހިނެއް ހެއްޔެވެ؟ އަނބިމީހާ ނުލައި ހަމައެކަނި ދަރިފުޅު ގޮވައިގެން އައީ ކީއްވެގެން ހެއްޔެވެ؟ ދެމަފިރިން މެދުގައި ޖެހުނު މައްސަލަ ހައްލުނުވީ ހެއްޔެވެ؟ ހައްލުކުރަން ބޭނުންނުވީ ކާކު ހެއްޔެވެ؟ އަލީ ހެއްޔެވެ؟ އެހެން ނޫނީ ނުހާ ހެއްޔެވެ؟ ކުރެވެމުންދިޔަ ފިކުރުތަކާއެކު ފުންނޭވައެއް ދޫކޮށްލަމުން ވަސީމާއަށް ބަލައިލެވުނީ އޭނާގެ އުނގުގައި ނިދި މޫނު ދައްކައިގެން އިން ނިއަމްއަށެވެ. އަނގައިން ކިރުވަސް ނުކެނޑޭ މިހާ ތުއްތު ކުއްޖަކު މަޔަކާ ދުރުކުރަން ހެޔޮނުވާނެއެވެ.

އައްފާނާ ރަނގަޅަށް ވާހަކަދައްކައި ނުލެވެނީސް ހިތުގައިވާ އެއްވެސް ސުވާލެއްގެ ޖަވާބު ނުލިބޭނެކަން ވަސީމާއަށް އެނގެއެވެ. އެހެންނަމަވެސް ވެގެން އުޅޭ ކަމަކުން ވިސްނަން އަލީއަށް ވަގުތުވެސް ދޭން އެބަޖެހެއެވެ. އަލީއަށް ގޮވައިގެން ކޮންމެހެން ބޭރަށް ނެރޭކަށް ނުޖެހެއެވެ. އޭނާ ހަމަޖެހުނު އިރަކުން ކޮޓަރިން ނުކުންނާނެއެވެ. ވެގެން އުޅެނީ ކީއްކަންވެސް އޭރުން ބުނާނެއެވެ.

ދޮރާއްޓާ ދިމާލަށް ވަސީމާ ބަލައިލީ މީހަކު ސަލާން ގޮވާލި އަޑު އިވުމުންނެވެ. އަތުގައި ކޮތަޅެއް އަޅުވާލައިގެން ދޮރުމަތީގައި ހުރީ ހިމްނާއެވެ.

"ވައަލައިކުމުއްސަލާމް. އާދޭ އާދޭ އެތެރެއަށް"

އެތެރެއަށް ވަދެގެން އައި ހިމްނާގެ މޫނުމަތީގައިވީ ހައިރާންކަމެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ވަސީމާގެ އުނގުގައި އަނގައިގެ ތެރެއަށް އިނގިލި ލައިގެން ހަފަން އިން ކުޑަކުއްޖާއަށެވެ. ފުރަތަމަ ނަޒަރުންވެސް އެ ތުއްތު ކުއްޖާއަކީ އަލީގެ ދަރިފުޅުކަން ހިމްނާއަށް އެނގުނެވެ. އެކުއްޖާ އަލީއާ އެހާ ވައްތަރެވެ.

"ޒާރާ ބުންޏޭ އަލީގެ ދެމަފިރިން އަންނަ ވާހަކަ" ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ހިމްނާ ބުންޏެވެ.

"ދެމަފިރިންނެއް ނާދޭ. އަލީ އައީ މި ކުއްޖާ އެކަނި ގޮވައިގެން" ވަސީމާ ބުންޏެވެ. ވަސީމާގެ ދެލޮލުން ކަންބޮޑުވުން ހިމްނާއަށް ފެނުނެވެ.

"ހުރިހާކަމެއް ރަނގަޅުތަ؟" ވަސީމާ އުނގުގައި އިން ނިއަމް އުރާލަމުން ހިމްނާ ބުންޏެވެ.

"ހިއެއް ނުވޭ. ވީގޮތެއް އަދި ނޭނގޭ. އަލީ އައިގޮތަށް ބަހެއް ނުކިޔައި ކޮޓަރިއަށް ވަދެއްޖެ. އޭނަ ނިކުތީމަ އެނގޭނީ ވީގޮތެއް" ވަސީމާ ބުންޏެވެ.

"ކޮންކަމެއްގަ އަނެއްކާ މި ހިސާބަށް ތިއައީ" ވަސީމާ ބުންޏެވެ.

"މިއަދު ހެދި ކަދުރު އަސާރައިން ކުދިވެރިންނަށް ހިފައިގެން މިއައީ. ފުރަތަމަ ހިތަށް އެރީ ޒާރާ އަތަށްދީފައޭ ފޮނުވާނީ. އެކަމަކު ޒާރާ އެއްކަލަހެން ގަނޑުލައިގެން ވަރަށް ބަލިކޮށް އުޅެނީ. މިހެން ނެތޭ އިނދެވޭކަށްވެސް. ދެން މާވަރަކަށް ނުވިސްނާތި. ﷲ ގެ އިރާދަފުޅުން އެއްވެސްކަމެއް ގޯހެއް ނުވާނެ"

"ޒާރާއަށް ސަލާމް ބުނެދޭތި" ހިމްނާ ހިނގައިގަތް ވަގުތު ވަސީމާ ބުންޏެވެ.

****

އައްފާން ކުށްވެރިކޮށް ވާހަކަދެއްކުމުން އާއިލާ މީހުންގެ ލޯތްބާއި އޯގާތެރިކަމާއި ހަމްދަރުދީ ލިބޭނެކަމަށް ހީކުރިޔަސް އެހެނެއް ނުވިއެވެ. ގޭތެރެއިން އެއްވެސް މީހަކު ނުހާއަށް އިތުބާރު ނުކުރިއެވެ. އޭނާއަށް ވުރެ ބޮޑަށް އެމީހުންގެ ކުރިމަތީގައި އައްފާން މަގުބޫލުކަން ނުހާއަށް އިހުސާސްވީ އައްފާން ގެއިން ދިޔަ ފަހުންނެވެ.

"ކޮންކަހަލަ ބައެއް ތީ؟ އަހަރެން ނުކުރަން އައްފާން އެހާ ބޮޑު ނިންމުމެއް ނިންމަންޖެހޭވަރުގެ ކުށެއް؟"

ސައީދާ ހިތްހަމަނުޖެހިފައި ނުހާއާ ދިމާލަށް އައީ ކުކުޅެއް ހެންނެވެ. މި ހުރިހާ ދުވަހު އެކިގޮތްގޮތުން ނުހާއަށް ވިސްނައިދޭން އޭނާ މާސައްކަތްކުރި ނަމަވެސް މިއަދު ހުރީ ނުހާ ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. އެ އައިގޮތަށް އައިސް ސޯފާގައި އިން ނުހާގެ ހެދުމުގައި ހިފައި ދަމައިގަތެވެ. އެވަރު ނުވިސްނައި އިން ނުހާ ނިކަން ފަސޭހައިން ސޯފާއިން ތިރިއަށް ވެއްޓުނެވެ. ދުވެފައި އައި ދިމްނާ ނުހިފެހެއްޓިނަމަ ނުހާގެ ގައިގައި ސައީދާ ދެތިން ބޮނޑި އެޅީހެވެ.

"އައްދިއްޔޯއި...." ސައީދާއަށް ދެލޯ އަޅައިލަމުން ނުހާ ބުންޏެވެ.

"ކަލޭ ހަމަ ލަދުގެ ކަންފުޅެއްވެސް ނެތީތަ؟ ހަޔާތް ކެނޑިފަ ހުއްޓަސް ތިއީ ބޮޑުވަރު. ކަލޭ ހީކުރީ ކަލޭ ތެޅޭނެ ވަރަކަށް ތެޅޭ މަންޒަރު ބަލަން އައްފާނު މައިތިރިވެގެން ހުންނާނެ ކަމަށްތަ؟ ކިހާ ވަރަކަށް އަހަރެމެން ބުނިން ފިރިމީހާ ފޫހިވާނޭ ތިހެން އުޅެންޏާ. ކޮންމެ އިންސާނަކަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށް. ދިރިއުޅެން ނޭނގުނީ ކަލެއަށް. ފިރިމީހާގެ ހައްގުތައް ބަރާބަރަށް އަދާކޮށްނުދެވޭއިރު ގައިމު ކުރިމަތީގައި އޮތީ ތިމާގެ ލެއިން އުފަންވި ދަރިއެއް ދޯ. ކަލޭ އެކުއްޖާއަށް ކޮށްދިނީ ކޮންކަމެއް؟ ތި ހަށިގަނޑުގެ ބައްޓަމަށް ބަދަލެއް އައިސްދާނެތީ އެކުއްޖާއަށް އުފަންވި ދުވަހުން ފަށައިގެން ފުޅި ދެނީ. އެކުއްޖާއަށް ކާންދީ ފެންވަރުވައި ދުވަހަކުވެސް ނިންދަވާލީންތަ؟ މިއަދު ކަލޭގެ ސަބަބުން މާމަ ދަރިފުޅު އަހަރެންގެ ލޯމަތިން ގެއްލިގެން އެ ދިޔައީ. އައްފާނު މިހާ ދުވަހުވެސް ކެތްކުރީތީ އަހަރެން ހައިރާންވަން. ދެން ހުރޭ. އައްފާނު ބުނިހެން މިއަދު ކަލެއަށް ތިވަނީ ހުރިހާ އެއްޗެއް ގެއްލިފަ. ދެން ކަލެއަށް ދުވަހަކުވެސް އެކަހަލަ ފިރިހެނެއް ނުލިބޭނެ"

ސައީދާ ރުޅި އައިސްގެން ހުރިހާ އެއްޗެއް ގޮވާލާފައި ދިޔައިރުވެސް ނުހާ އިސްއުފުލާ ބަލައިވެސް ނުލައެވެ. އިސްޖަހައިގެން އޭނާ އިނެވެ. ވަރިކޮށްފައި އައްފާން ދިޔަފަހުން ނުހާގެ ދެ ލޮލުން އެންމެ ކަރުނައެއްވެސް ވައްޓައިނުލައެވެ. ކައިވެނި ރޫޅިގެން ދިޔުމުގައި އަމިއްލަ މީހާގެ ކުށެއްވާކަމަށް އޭނާގެ ހިތް ގަބޫލުކުރި ނަމަވެސް، އެކަން އެއްވެސް މީހަކަށް އަންގަން އޭނާ ބޭނުމެއް ނުވިއެވެ.

"ތި އެންމެން އަހަރެން ދެކެ ތިހާ ރުޅި އަންނަންޏާ އަހަރެން މިގެއިން ހިނގައިދާނަން" ކޮޅަށް ތެދުވަމުން ނުހާ ބުންޏެވެ.

"ދާންވީނުން. މިގެއިން އެކަކުވެސް ކަލޭ ހިފަހައްޓާކަށް ނުދާނެ" ސައީދާ ބުންޏެވެ. ދެން ބާރު ހިނގުމުގައި ހިނގާފައި ގޮސް ކޮޓަރިއަށް ވަދެ ބާރަކަށް ދޮރުލެއްޕިއެވެ. ދިމްނާ މަޑުމަޑުން އައިސް ނުހާ ކައިރީގައި ހުއްޓުނެވެ. ހަގީގަތުގައި ދިމްނާވެސް ހުރީ ނުހާ ދެކެ ހިތްހަމަނުޖެހިފައެވެ. އެއްޗެއް ނުބުނީ މައިންބަފައިން ކިޔާފައި ދިޔަ އެއްޗެއްސަކީ ހުދު އޭނާވެސް ކިޔަން ބޭނުން އެއްޗެއްސަށް ވީމައެވެ. ނުހާގެ ބޮލުގައި ދިމްނާ ލޯތްބާއެކު ފިރުމާލިއެވެ.

"އަހަރެން ދުވަހަކުވެސް އައްފާނަށް މާއާފެއް ނުކުރާނަން" ނުހާ ބުންޏެވެ. ދިމްނާ ދެފަރާތަށް ބޯހޫރާލިއެވެ. އަދިވެސް ނުހާ ގޮތްދޫކުރާކަށް ނޫޅެއެވެ.

"ކުޑާ ހާދަ ދެރަވެއޭ ކޮއްކޮއަށް ނުވިސްނޭތީ. ވިސްނާލަބަލަ. ކޮއްކޮގެ ކައިވެންޏޭ ރޫޅިގެން އެ ދިޔައީ. އައްފާން އެ ދިޔައީ ކޮއްކޮ ވަރިކޮށްފަ ނިއަމްވެސް ގޮވައިގެން" ދިމްނާ ވާހަކަދެއްކިއެވެ. ދިމްނާގެ އަޑުގައިވީ އޯގާތެރިކަމެވެ.

"އަހަރެން ދެރައެއް ނުވޭ" ނުހާ ބުންޏެވެ.

"އަދިވެސް ވަގުތު އެބައޮތް. އިސްލާހުވޭ. ކޮއްކޮގެ އުޅުން ރަނގަޅެއް ނޫން. ހަގީގަތުގައި އައްފާން ކޮއްކޮ ދެކެ ވަރަށް ލޯބިވޭ. މައާފަށް އެދޭ. ޔަގީން އައްފާން މައާފުވެސް ކުރާނެ" ދިމްނާ ވާހަކަދެއްކިއެވެ.

"ނޫޅެން. އޭނާ ހީކުރާ ގޮތް ދޯ" ނުހާ ބުންޏެވެ.

"ނިއަމްއަށްޓަކައި. ނުހާ ބޭނުމެއްނުވޭތަ ނިއަމް ގެންނަން. އެއީ ނުހާގެ ދަރިއެއްނު. ހަނދާނެއް ނުވޭތަ؟ މައިލަގޮނޑިއަށް ކެތްވޭތަ؟ އަހަރެން މިއީ ބޮޑުދައިތަ. މިގެއިން އެ ކުއްޖާ ދިޔަކަން ހަނދާންވާ ކޮންމެފަހަރަކު އަހަރެންގެ ހިތް ރޮއެގަނޭ. ބުނެދޭން ނޭނގުނަސް މަންމަގެ ލޯތްބަށް އެ ކުއްޖާ ބޭނުންވާނެ"

އެ ވާހަކަތަކަށް ނުހާ ޝައުގުވެރިކަމެއް ނުދިނެވެ. ތެދުވެގެން ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ. ނުހާގެ ހަރަކަތްތަކަށް ބަލަހައްޓައިގެން ދިމްނާ ހުރީ ކަރު އެލުވާލައިގެންނެވެ.

****

ލޯގަނޑު ކުރިމަތީގައި ހުރި މާހީގެ ގައިގައި ފަހަތުން ފައްވާޒް ބައްދާލިއެވެ. މާހީގެ ސަމާލުކަން ފައްވާޒަށް ދިނީ އޭނާގެ ތުންފަތުގައި ރަތްކުލައިގެ ލިޕްސްޓިކް ޖައްސައި ނިމުމުންނެވެ. ފަހަތަށް އެނބުރުނު ގޮތަށް ފައްވާޒްގެ ގައިގައި ދެއަތުން ވަށާލިއެވެ. މާހީގެ އެ އަމަލުން އިތުރަށް ފައްވާޒް އުފާވިއެވެ.

"ލޯބިކޮށްލާކަށް ދެން ވަގުތެއްވެސް ނުވާނެ" މާހީ ބުންޏެވެ. ފައްވާޒް ޖަހާލީ ހިނިގަނޑެކެވެ.

"ހުރިހާކަމެއްގެ ހައްލަކީ މެރީކުރުން. މިހާރުވެސް މާހީ އާއެނކޭ ބުނޭ" ފައްވާޒް ބުންޏެވެ.

މާހީގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނިލިއެވެ. މޫނު ހަދާލާފައި ގޮސް އެނދުގައި އިށީނެވެ.

"ބޭނުމެއް ނޫން ކޯޓަށް ގޮސް އިނދެލާކަށް. ކުރިންވެސް ބުނިން ޕާޓީ ބާއްވަން ބޭނުންވާ ވާހަކަ. ވަރަށް ބޮޑު ހުދު ހެދުމެއްލާން ބޭނުން. އެއީ އަހަރެންގެ ޑްރީމެއް. އަދިވެސް ލޯނު ހަމަނުޖެހޭތަ؟"

މާހީ ކައިރީގައި ފައްވާޒް އިށީނެވެ. މާހީގެ ކޮނޑުގައި ހިފައި ކައިރިއަށް ގެނެސް ބައްދާލިއެވެ.

"ލޯނު ހަމަނުޖެހުނު ބޭބީ. އެކަމަކު މިދެވެނީ މަންމަ ކައިރިއަކަށްނު. ބަލާނަން މަންމައާ ވާހަކަދައްކައިގެން ނަމަވެސް ބޮޑު ޕާޓީއެއް ބެއްވޭތޯ އިނގޭ" ފައްވާޒް ބުންޏެވެ.

"ވަރަށް މިސްވާނެ. ހާއްސަކޮށް ދަންވަރު ގަޑީގަ. އެނގެއެއްނު އެ ގަޑި އެއީ ދެމީހުންނަށްވެސް ވަރަށް ހާއްސަ ގަޑިއެއްކަން" މާހީ ބުންޏެވެ.

"އަހަރެންވެސް ބޭނުންވާނެ. މަންމަ ޑިއުޓީ ގަޑީގަ ބޭބީ ގެއަށް ގެންނާނަން އެނގޭ. އަހަރެންގެ ރޫމަށް އެކަކުވެސް ނުވަންނާނެ" ފައްވާޒް ބުންޏެވެ.

****

އިޝާނަމާދު ފަހުގެ ވަގުތެކެވެ. ބަދިގޭގައި ކާން ހަދަން ހުރި ހިމްނާގެ ކަންފަތުގައި ޖެހުނު އަޑާއެކު ދުވެފައި ކޮޓަރިއާ ދިމާލަށް ދިޔައެވެ. ހަވީރުން ފެށިގެން ޒާރާ ހުރީ ހުން ވައްތަރުވެފައެވެ. މިހާރު އެ އިވެނީ ހޮޑުލާ އަޑެވެ. ހިމްނާ ކޮޓަރިއަށް ވަންއިރު ފާހާނައިން ނިކުމެގެން އައިސް ޒާރާ އެނދުގައި އިށީނދެއްޖެއެވެ.

"ދެން ކެތެއްނުވާނެ މަންމާ" ޒާރާ ބުންޏެވެ. އޭނާގެ ދެލޯ ކައިރިން ކަރުނައިގެ އަސަރު އޭރުވެސް ފެންނަން ހުއްޓެވެ.

"ކެތް ކުރޭ ދަރިފުޅާ. ޔޫކް ނިޔާވިފަހުން ދޭތެރެ ދޭތެރެއިން ދަރިފުޅަށް ތިހެން ވެއެއްނު. ގަނޑުލުމަކީ މައްސަލައެއް ނޫން. ސަކީނާގެ ނާޒު ވެސް ތި ވޭނެއްގައި އުޅުނު. ދޮޅު އަހަރެއްވީތަނާ މުޅީން ރަނގަޅު ވެއްޖެ" ޒާރާގެ އިސްތަށިގަނޑުގައި ފިރުމަމުން ހިމްނާ ވާހަކަދެއްކިއެވެ.

ޒާރާ ފުންނޭވައެއް ދޫކޮށްލިއެވެ. ލިބެމުންދިޔަ ވޭނަށް އޭނާ ކެތް ކުރަމުންދާ މަންޒަރު ރަނގަޅަށް ހިމްނާއަށް ފެންނަމުން ދިޔައެވެ.

"މިފަހަރު ވަރަށް ބޮޑަށް. އެއްފަރާތުގައި އިނީ. މަންމަ މިތާ އަތް ޖައްސާލަބަލަ" ޒާރާ ބުންޏެވެ.

އަތްޖައްސާލިގޮތަށް ހިމްނާ އަތް ދުރަށް ލިއެވެ. އޭނާއަށް ހީވީ އަތްޖެއްސުނު ގޮތުންވެސް ޒާރާއަށް މާބޮޑަށް ތަދުވެދާނެހެންނެވެ.

"ހެނދުނަށް ތިރިނުވިއްޔާ އަތޮޅު ހޮސްޕިޓަލަށް ދާނީ. ހިނގާ ކާއެއްޗެއް ކެވޭތޯ ބަލަން"

ހިމްނާ ކޮޓަރިން ނުކުތީ ޒާރާ ގޮވައިގެންނެވެ.

****

ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔަން އެނދުގައި އިން ހިމްނާ ފޯނަށް ބަލަހައްޓައިގެން އޮތް ޒާރާއަށް ގޮވާލިއެވެ.

"އަލީ އައިސިއެއްނު. ދަރިފުޅަށް އެނގޭތަ. ކުޑަމީހާ އެކަނި ގޮވައިގެން އައީ" ހިމްނާ ބުންޏެވެ. ޒާރާ ހައިރާންވިއެވެ. އައްޔަ އައިކަން ޒާރާއަށް އެނގެއެވެ. ހައިރާންކަން ލިބުނީ އައްޔަ އަންހެނުން ނާންނަކަން އެނގުމުންނެވެ.

"އޭނަ އަންހެނުން ނާދޭތަ؟ ކިއްވެބާ ދަރި އެކަނި ގޮވައިގެން އެ އައީ؟" ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން ޒާރާ ބުންޏެވެ.

"ތިއެއް ނޭނގެ. މަންމަ މިއަދު އެގެއަށް ދިޔައިރު ވަސީމާ އިނީ އެކަމާ ވަރަށް ފިކުރު ބޮޑުވެފަ. ބުނި އައިގޮތަށް ތިމަންނަ އަތަށް ކުޑަމީހާ ދީފަ ކޮޓަރިއަށް ވަންގޮތަށް ނުނިކުމެއޭ" ހިމްނާ ބުންޏެވެ.

"ތިހެންވިއްޔާ ވަރަށް ބޮޑުކަމެއް ހިނގީހެން ހީވަނީ. އައްޔައަށް ގޯސްވާނީ ދެން ކާކުތަ އަޅެ. ނުލާހިކު ހިތްހެޔޮ އިންސާނެއް" ޒާރާ ބުންޏެވެ.

"ދަރިފުޅު ނުދާނަންތަ އަލީގެ ދަރި ދެކިލާކަށް. ހަމަ ފުށްގަނޑެއް" އެނދުން ތެދުވަމުން ހިމްނާ ބުންޏެވެ.

ޒާރާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ކުއްލިއަކަށް އައްޔަގެ ދަރި ދުށުމުގެ ޝައުގު ހިތުގައި އާވެގެން ދިޔައެވެ.

ހިމްނާ ފާހާނާއަށް ވަނުމުން އެނދުގައި ދިމާ ސީދަލަށް ޒާރާ އޮށޯތެވެ. އޭނާއަށް ވިސްނާލެވުނީ ފޭސްބުކްގައި އައްޔަ ޖަހާފައި އޮތް ސްޓޭޓަސްއާ މެދުގައެވެ. ދިރިއުޅުމުގައި ބޮޑު ނިންމުމެއް ނިންމަން ބުނި ކަމަކީ އަނބިމީހާ ދޫކޮށްލާފައި ދަރިފުޅު ގޮވައިގެން ރަށަށް އައުން ހެއްޔެވެ؟ ވީގޮތެއް އޮޅުންފިލުވަން ވާނެއެވެ. ޒާރާ އެންމެ ނިކަމެތިވީ ދުވަހު ދުރުގައި ހުރެވެސް އައްޔަ ހާލު ބެލިކަން ވަސީމާގެ ވާހަކަތަކުން އޮތީ އެނގިފައެވެ. ޒާރާއަށް ނުކެރުނީ ގުޅާށެވެ. އެންމެފަހުން ރަށަށް އައިސްފައި ދިޔަފަހުން އެންމެ ފަހަރަކުވެސް އައްފާން ޒާރާއަށް ނުގުޅައެވެ. ޖަންނަތަށް ގުޅިކަން އެނގެނީ އައްފާންގެ ސަލާމެއް ހިފައިގެން އަންނަ ފަހަރެއްގައެވެ.

ފޯނު ނަގާފައި ޖަންނަތުގެ ނަންބަރަށް ޒާރާ ގުޅާލިއެވެ. ޖަންނަތު ފޯނު ނެގުމާއެކު ހިމްނާ ދެއްކި ވާހަކަތައް ޖަންނަތަށް ކިޔައިދިނެވެ.

"އަސްލުވެސްތަ؟ އެހެންވީމަ ހަމަ ކަމެއްވީތާ" ޖަންނަތު ބުންޏެވެ.

"ޖަންނައަށް އޭނަ ގުޅައެއްނު. އެކަހަލަ ވާހަކައެއް ނުދައްކާތަ؟" ޒާރާ އެހިއެވެ.

"އަމިއްލަ ދިރިއުޅުމުގެ ވާހަކައެއް އޭނަ ނުދައްކާ. އެހިޔަސް ބުނާނީ ބަރާބަރޭ. ގުޅައިފިއްޔާ މުޅީންވެސް ދައްކާނީ ކުރީގައި ހިނގާފައި އޮތް މަޖާ ވާހަކައެއް. އެހެން ނޫނީ ނަސޭހަތެއް ދޭނީ އަވަހަށް މީހަކާ އިންނަން އުޅޭށޭ ކިޔާފަ" ޖަންނަތު ބުންޏެވެ.

"މާދަމާ ވާނެ އެގެއަށް ވަދެލަން. އައްޔަގެ ދަރި ވަރަށް ދެކިލާހިތްވޭ" ޒާރާ ބުންޏެވެ.

****

ފިކުރު ބޮޑުވެ ބޮލުގައި ރިއްސައިގަނެފައި ހުރިވަރުން ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލިތަނާ އައްފާނަށް ނިދުނީއެވެ. އެވަގުތު އޭނާ ހުރީ މީހަކު ކުރާ ސުވާލަކަށް ޖަވާބުދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ދެލޯ ހުޅުވާލުމާއެކު ފުރަތަމަވެސް އޭނާގެ ހިތަށް އައިސްވަނީ ނިއަމްއެވެ. ދިރިއުޅުން ރޫޅި އޭނާގެ ޒިންމާގެ ދަށުގައި ތުއްތު ކުއްޖަކު އޮތްކަން ހަނދާންވުމާއެކު ފުންމައިގެން ތެދުވެއްޖެއެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލިއެވެ. ރޭގަނޑު އެގާރަޖަހައި ބޮޑުވެއްޖެއެވެ. ބޭރަށް ނިކުންނަން އުޅެފައިވެސް އޭނާ މަޑުޖެހުނެވެ. ނިއަމް ހުރީ ޒިންމާ ނަގަން ކެރޭ ހަރުދަނާ އަންހެނެއްގެ ބެލުމުގެ ދަށުގައެވެ. އެއީ ދުނިޔޭގައި ހުރި އޭނާ އެންމެ އިތުބާރުކުރާ އިންސާނާއެވެ. ދޮންމަންމަ ކަމުގައިވީ ހިނދުވެސް ކުޑައިރުން ފެށިގެން ބޮޑުމީހަކަށް ވުމާ ހަމައަށްވެސް އެއީ ދޮންމަންމަ ކަން އިހުސާސްކޮށްދީފައި ނުވާ އަންހެނެއްގެ ބެލުމުގެ ދަށުގައެވެ. ނިއަމްއަށް ކަމެއްވެދާނެތީ އޭނާ ހާސްވާކަށް ނުޖެހެއެވެ.

އައްފާން އެނދުގައި އިށީނެވެ. ބޮލުގެ ދެފަރާތުން ހިފަހައްޓާލިގޮތަށް އިސްޖަހާލިއެވެ. އެ އަންހެނެއް ދެކެ ލޯބިވެގެން ކުރި ކައިވެނި ރޫޅިއްޖެކަން ތަކުރާރުކޮށް ސިކުނޑި އޭނާއަށް ހަނދާންކޮށްދެމުން ދިޔައެވެ. ނުހާ މަތިން ހަނދާންވުމާއެކު އައްފާންގެ ހިތް ރޮއެގަތެވެ. ކައިވެނީގެ ކުރިން ނުހާއާ އެކު ހޭދަކުރެވުނު ކޮންމެ ވަގުތެއް ފްލޭޝްބެކްވެގެން ދާއިރު މިއަދު އެކަން އޭނާއަށް ވެފައިވަނީ ވޭންދެނިވި ހަނދާނަކަށެވެ. ހަ ފަރާތުން ވަށާލާފައިވީ އެކަނިވެރިކަމެވެ.

އައްފާންގެ ހިތް އެތައް ޝަކުވާއެއް ކުރަމުން ދިޔައެވެ. ކައިވެނި ރޫޅުމުގައި އޮތީ ކާކުގެ މައްސަލައެއް ހެއްޔެވެ؟ އޭނާ ހެއްޔެވެ؟ ނޫނީ ނުހާ ހެއްޔެވެ؟ އައްފާނަށް ކުރެވުނު ކުށަކީ އަނބިމީހާ ބޭނުންވާ މިނިވަންކަމަށް ހުރަސްއެޅުން ހެއްޔެވެ؟ ނޫނީ މާބޮޑަށް ހިފެހެއްޓުން ހެއްޔެވެ؟ އައްފާނަށް ނުވިސްނުނެވެ. ނުހާ ހެދީ ހުރިހާ ގޮތަކުންވެސް ގޯހެވެ. ބުއްދިވެރި އިންސާނަކު ނުކުރާނެހާ ނުބައިކަމެއް ނުހާ އެ ހުރީ ކޮށްފައެވެ. އެހެން ނޫނީ އެ ދުވަހު ނުހާގެ ފޯނުން ނުވެސް ދަންނަ ނަންބަރަކުން އެހާ ހަޑި މެސެޖެއްކޮށްފައި ނޯތީހެވެ. އަނެއްކޮޅުން ނަބީލަކީ ދުވަހަކުވެސް އައްފާނާ ވާހަކަދެއްކި މީހެއް ނޫނެވެ. ނަބީލް އައްފާނަށް ގުޅާފައި ކޮފިއަކަށް އަންނަން އެދުނީ މުހިންމު ވާހަކައެއް ދައްކާށެވެ. ނަބީލާ ބައްދަލުކުރިއިރު ނަބީލް ބުނާނެ ވާހަކައަކީ އައްފާންގެ ހިތް ފޮތިފޮތިވެގެންދާނެ ވާހަކައެއްކަމެއް ނޭނގެއެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. އެހެންނަމަވެސް ނުހާއާ ގުޅޭ އެފަދަ ވާހަކައެއް ނަބީލް ދައްކަންޖެހޭ ސަބަބެއްވެސް އޮތީއެއް ނޫނެވެ. ކޮންމެގޮތެއް ވިޔަސް ހަށިގަނޑުގެ ޠާހިރުކަމާ ގުޅުވައިގެން ސުވާލުކުރާ ކޮންމެފަހަރަކު ހިމޭންކަން ނުހާ އިހުތިޔާރު ކުރުމަކީ ނުހާގެ އިއުތިރާފުކަން އައްފާން ހުރީ ޔަގީންކޮށްގެންނެވެ.

ވިސްނަން އިނދެގެން ބޭކާރުވެގެން ދާނީ ވަގުތުތަކެއް ކަން އެނގޭތީ އައްފާން އެނދުން ތެދުވިއެވެ. ކޮޓަރިތެރެއަށް ވައްދާފައި ހުރި ފޮށި ހުޅުވާލާފައި ނިދަންލާ ޓީޝާޓަކާ ހަރުވާޅެއް ނަގައި އެނދުގައި ބާއްވާފައި ތުވާލި ހިފައިގެން ގޮސް ވަނީ ފާހަނައަށެވެ. ފެންވަރައިގެން ނުކުމެ ކުޑަކޮށް ތައްޔާރުވެލިއެވެ. ކޮޓަރިން ނުކުތްއިރު ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ބަނޑުހައިވެފައި ހުރުމުން ވަސީމާއަށް އުނދަގޫނުކޮށް ގެއާ ދުރުގައި ހުރި ކާގެއާ ދިމާލަށް ދާން އުޅުނެވެ. އެހެންނަމަވެސް އެއީ ރަނގަޅުގޮތެއް ނޫންކަން އިހުސާސްވުމުން އެ ހިޔާލު ދޫކޮށްލިއެވެ. ނިއަމްގެ ހަބަރެއްވެސް ބަލަން ޖެހެއެވެ. ވަސީމާގެ ކޮޓަރީގެ ދޮރު އައްފާން ހުޅުވާލީ މަޑުމަޑުންނެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ނޫ ކުލައިގެ ފަނޑުއަލިކަމުގެ ތެރެއިން ނޭފަތުގައި ޖެހުނީ ނިއަމްގެ ގައިގައި އަބަދުވެސް ހަރުލާފައި ހުންނަ ތާޒާ ލުއިލުއި މީރުވަހެވެ. އެ ވަސް ނޭފަތުގައި ޖެހުމާއެކު އައްފާންގެ މޭފުރިގެން އައި ކަހަލައެވެ. އަނދިރީގެ ތެރެއަށް ދެލޯ ހަނާލެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ދިރޭ ފުރާނައެއްގެ އެއްވެސް އިހުސާސެއް ނުވުމުން އެންމެން ތިބީ ނިދާފަކަމަށް ނިންމާފައި އަލުން ދޮރު ލައްޕާލަން އުޅުނެވެ.

"އާދެބަލަ މިކޮޅަށް" ވަސީމާގެ އަޑަށް އައްފާން ސަމާލުވެލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟