އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ލާމަރުކަޒީ ގާނޫނު)އާ ހަވާލާދީކަމަށް ބުނެ، މާލެ ސިޓީކައުންސިލުން އެކުލަވާލާފައިވާ 'މަގު ބަންދު ނުކޮށާއި، މަގު ބަންދު ކޮށްގެން މާލެ ސިޓިގެ މަގުމަތީގައި މަސައްކަތް ކުރުމާބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާއްމުކޮށް މަސައްކަތް ކުރުމުގެ އުސޫލަކީ އެއްވެސް ގާނޫނެއް އަދި ގަވާއިދަކާ ބެހޭ އެއްޗެއްނޫން ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ ސްޓެލްކޯގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ބެހޭގޮތުން އެ ކޯޓުން ނިންމި ނިންމުމެކެވެ.

ސްޓެލްކޯއިން ހައިކޯޓަށް ހުށަހަޅާފައި ވަނީ އެ ދެ އުސޫލަކީ، ގާނޫނުއަސާސީގެ 271 ވަނަ މާއްދާ އާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފު ދެ އުސޫލުކަމަށް ބަޔާންކޮށް އެ ދެ އުސޫލަކީ ބާތިލު އުސޫލުތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. މި މައްސަލަ ރައްދުވަނީ މާލޭ ސިޓީކައުންސިލްގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހަށެވެ.

މި މައްސަލަ ބެލުމަށްފަހު، ހައިކޯޓުން ނިންމާފައިވާ އިޖުރާއީ ނިންމުމުގައި ވަނީ، ކައުންސިލްތަކުގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ގަވާއިދު ހެދުމުގެ ބާރު ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައި ވީނަމަވެސް، އެ ގާނޫނުގެ ދަށުން ކައުންސިލްތަކުން ގަވާއިދުތައް ހަދަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މަޝްވަރާއާއެކު ކަމަށާއި، އެ ގަވާއިދުތައް ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށް ޝާއިއު ކުރަންވާނެ ކަމަށް ގާނޫނު ބަޔާންކުރާ ކަމަށެވެ.

މި މައްސަލއިގައި ބަޔާންކުރާ ދެ އުސޫލަކީ ލާމަރުކަޒީ ގާނޫނަށް ރިއާޔަތްކޮށްގެން އެކުލަވާލާފައިވާ އުސޫލެއް ކަމަށް މާލެ ސިޓީކައުންސިލުން ބުނި ނަމަވެސް އެ ގާނޫނުގެ ބޭނުމަށް ހަދަން ޖެހޭ އުސޫލު ހެދުމުގެ ބާރު ކައުންސިލްތަކަށް ގާނޫނުން ލިބިދީފައި ނުވާކަން އެނގޭކަމަށްވެސް ބުނެފައިވެއެވެ.

އެ އުސޫލުތައް އެކުލަވާލާފައިވަނީ ލާމަރުކަޒީ ގާނޫނުން މާލެ ސިޓީކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށާއި، އެ ދެ އުސޫލަކީ އެ ގާނޫނުގެ ދަށުން މާލޭ ސީޓިކައުންސިލަށް ލިބިދޭ ބާރުގެ ދަށުން މާލޭ ސިޓީކައުންސިލުން އެކުލަވާލާފައިވާ ގަވާއިދެއް ކަމަށްވާ، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާއްމުކޮށް މަސައްކަތް ކުރުމުގެ ގަވާއިދަށް އަމަލު ކުރުމަށް ޓަކައި އެކުލަވާލާފައިވާ އުސޫލުތަކެއް ކަމަށް ސިޓީކައުންސިލުން ބުނާއިރު، އެ ދެ އުސޫލު ހެދުމަށް ރިއާޔަތްކުރި ގަވާއިދުކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން ހައިކޯޓުގެ ޝަރީއަތަށް ހުށަހެޅި ގަވާއިދަކީ، ކޮން ގާނޫނެއްގެ ދަށުން ބާރުލިބިގެން، ނުވަތަ ކޮންއިރަކު އެކުލަވާލާފައިވާ ގަވާއިދެއްކަން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ދެ އުސޫލު ހެދުމުގެ ބާރު ކައުންސިލަށް ލިބިގެން ނުވުމާއި، އެ ދެ އުސޫލަށް ބެލެނިވެރިކަން ދީފައިވާ ގަވާއިދަކީ އެއްވެސް ގާނޫނަކުން ބާރުލިބިގެން އެކުލަވާލާފައިވާ ގަވާއިދެއްކަން އެނގެން ނެތަކީ އެ އުސޫލަކީ ގަވާއިދުގެ މާނައިގެ ތެރޭގައި ހިމެނޭ އުސޫލުތަކުގައި ހުންނަން ޖެހޭ ސިފަތައް ފުރިހަމަވާ އުސޫލުތަކެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ދެ އުސޫލަކީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް، ނުވަތަ ގަވާއިދެއް، ނުވަތަ ގަވާއިދެއްގެ ބައެއްކަމަށް ބެލޭނެ ފަދަ އުސޫލަކަށް ނުވާތީ މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، ފުރަތަމަ މަރުހަލާގައި ހައިކޯޓުގައި ބެލިދާނެ މައްސަލައެއް ކަމަށް ނުފެންނަ ކަމަށްވެސް ހައިކޯޓުން ވަނީ ނިންމައިފައެވެ.