- ބ. ދަރަވަންދޫން އަލީ އަފާފް ރަމީޒް
ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކުރައްވާނެ ގޮތްތަކާއި ހުންނަން ޖެހޭނެ ސިފަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެދެއްވައިފިއެވެ.
މި ރަށުގައި ބޭއްވި ހަރުގެ ޖަލްސާގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ހެޔޮވެރިކަމަކީ ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއް ކަމަށާއި އެ ވެރިކަމަކީ ރައްޔިތުން ބުނާ ގޮތަށް އަދި ރައްޔިތުން އެދޭ ގޮތަށް ކުރާ ވެރިކަމެއް ކަމަށެވެ.
އެހެންކަމުން ހެޔޮވެރިކަމެއް ކުރެވޭނީ ރައްޔިތުން އިންތިހާބު ކުރާ މީހެއްގެ ހުރި އުސޫލުތަކާއި ހުރި ގޮތްތަކަކާއި ހަމަތަކެއްގެ ދަށުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރި ހުރިހާ ސަރުކާރަކުންވެސް ހެޔޮވެރިކަމެއް ކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް، 2018 ވަނަ އަހަރުގެ ނިޔަލަށް ހެޔޮވެރިކަމެއް ފެނިގެން ގޮސްފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ތި ބޭފުޅުންނަށް މި ތިން ސަރުކާރު ވެސް ވަނީ ޓެސްޓު ކުރެވިފައި. އަނެއްކާޥެސް 9 ސެޕްޓެމްބަރުގައި އެކަން އޮތީ ތިބޭފުޅުންގެ އަތްމަތީގައި. ހެޔޮވެރިކަމެއް ކުރާނެ ބަޔަކު އިހުތިޔާރުކުރުން. އަޅުގަނޑަށް މިހާތަނަށް ކުރެވުނު ދަތުރުތަކުން ފެނުނު މަންޒަރުތަކުން ތިޔަ ބޭފުޅުން ގޮތް ނިންމައިގެން ތިއްބެވީ. އެއީ ތިބޭފުޅުން ކުރިއަށްދާނީ މިހާރު އޮތް ވެރިކަމާއެކީގައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިއްޔެ މި އަތޮޅު ހިތާދުއަށް ވަޑައިގެންފައެވެ. އެރަށުން ކުޑަކުއްޖަކު ކުރި ސުވާލަކީ "ތިމަންނަ ބޭނުންވޭ ރާއްޖޭގެ ވެރިކަން ކުރަން، ހިންޓެއް ދީބަލާށޭ" ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ބުނިން ނަމާދު ކުރަންހޭ، ބޯ ޖަހާލި، ދެން އަޅުގަނޑު ބުނިން މީހުން ދެކެ ރުޅި ނާންނާށޭ. މީހުން ދައްކާ ވާހަކަ އަޑުއަހަން ވާނޭ މަޝްވަރާ ކުރަން ވާނޭ. ބުނީމަ ބުނީ ވަރަށް ރަނގަޅޭ އެނގިއްޖޭ،" ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ބުނިން އަދި އަންނަން ވާނޭ ބައްދަލުކޮށް ވާހަކަދައްކަން. ބުނީ މިހާރު އެނގިއްޖޭ އަޅުގަނޑަށް ހެޔޮ ވެރިކަން ކުރަންވީ ގޮތް،" ރައީސް ވިދާޅުވިއެވެ.
ހެޔޮވެރިކަމެއް ކުރަން ބޭނުންވާނަމަ އެކަންކަން ފުރިހަމަ ވާންޖެހޭނެ ކަމަށެވެ. އެގޮތުން އެހާ އަވަހަށް ރުޅި އިސްނުކޮށް މަޝްވަރާކުރެވެން ކަމަށާއި މީހުން ދައްކާ ވާހަކަ އަޑު އަހަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރާނަމަ އެކަންކަން ކުރަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު