ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ހުރެގެން މަސައްކަތްކުރެވޭނެ ގޮތަށް "ވޯކް ފްރޮމް ހޯމް" ހަމަޖައްސައިދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ބ. ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮވެރިކަން" ސިޔާސަތު ވަނީ އިފްތިތާހުކޮށްފައެވެ. މިއީ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން އިފުތިތާހު ކުރި ހަތަރުވަނަ ސިޔާސަތެވެ.

އެ ސިޔާސަތުގެ ދަށުގައި ހިމެނޭ ދައުލަތުގެ ހިންގުން ވަރުގަދަކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މުވައްޒަފުންނާ ގުޅޭ ކަންތައްތަކެއް ހިމެނެއެވެ. އެގޮތުން މަސައްކަތުގެ ބާވަތުންނާއި، މެދުވެރިވާ ހާއްސަ ހާލަތްތަކުގެ ސަބަބުން، އާންމު އުސޫލުން މަސައްކަތަށް ހާޒިރުވުމަކާ ނުލައި ފްލެކްސިބަލް އަދި ރިމޯޓް ވޯކިންގެ އުސޫލުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރެވޭނޭ ގޮތް ހަމަޖައްސައިދިނުމަށް ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން ރޯދަ މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަޝްއޫލުވެގެން އުޅޭ ދުވަސްވަރު ކަމަށްވާތީ އާއި މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި އެ ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން "ވޯކް ފްރޮމް ހޯމް" މޮޑަލިޓީއިން މަސައްކަތްކުރާ ގޮތަށް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެ ސިޔާސަތުގެ ދަށުން ދައުލަތުގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހާ ފަންނުތަކަކަށް ބޭނުންވާ ޖޮބް މެޓްރިކްސްތައް އެކުލަވާލައި، އެއްހަމަ މުސާރައިގެ މިންގަނޑުތަކެއް ގާއިމުކޮށް، މުސާރަތަކަށް ގެންނަންޖެހޭ ކުރިއެރުންތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނަކީ ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ފުރިހަމަގޮތުގައި ހޯދައިދޭ، ހިންގުމުގެ ނިޒާމުތަކަށް އައިސްފައިވާ ކުރިއެރުންތައް އެކުލެވޭ، ފްލެކްސިބަލް އަސާސްތަކެއްގެ މައްޗަށް ބައްޓަންކުރެވިފައިވާ ގާނޫނެއްގެ ގޮތަށް ބަދަލުކުރުމަށްޓަކައި ގާނޫނު އިސްލާހުކުރުން ވެސް ހިމެނެއެވެ.

ދިވެހި ސިވިލް ސާވިސްއަކީ ވެރިކަން ހިންގުމުގެ ބާރުގެ ސިޔާސަތުތައް ހަލުވިކަމާއެކު ތަންފީޒުކުރެވޭނެ ފަދަ ބައްޓަމަކަށް ގާއިމުކޮށްފައިވާ އެފިޝަންޓް ނިޒާމެއްގެ ގޮތަށް ބަދަލު ކުރުމަށާއި، ސިވިލް ސާވިސްގެ ރެގިއުލޭޓަރީ ނިޒާމަކީ ޒަމާނީ ހިންގުމުގެ ގޮތަށް ބައްޓަންކުރެވިފައިވާ ފްލެކްސިބަލް އަސާސްތަކުގެ މައްޗަށް ގާއިމުކުރެވިފައިވާ ނިޒާމެއްގެ ގޮތަށް ބަދަލު ކުރުމުގެ ގޮތުން ސިވިލް ސާވިސްގެ މޮޑެލްއަށް ގެންނަންޖެހޭ ގާނޫނީ އިސްލާހުތައް ގެނައުމަށް ވެސް ހަމަޖެހިފައިވެއެވެ.