ނުހާއަށް ހުރެވުނީ ހުރި ފިޔަވަޅު މަތީގައި ގާ ވެފައެވެ. އިތުރަށް އައްފާން ހުއްޓުވަން އޭނާ މަސައްކަތެއް ނުކުރެއެވެ. ރޮވިފައި ބަލަހައްޓައިގެން ނުހާ ހުއްޓެވެ.
ފޮށި ބަންދުކޮށް އަލަމާރި ކައިރީގައި ބަހައްޓާފައި ލައިޓުގެ އަލި އައްފާން ފަނޑުކޮށްލިއެވެ. އެނދަށް އަރާފައި ފުންނޭވައެއް ލިއެވެ.
"މާދަމާއަކީ ތި އަންހެނާ އަހަރެންގެ އަންބެއްގެ ގޮތުގައި ހުންނާނެ އެންމެފަހު ދުވަސް"
****
ޒާރާ ތެދުވީ ނިދަން އުޅެއުޅެ ނުނިދިންގެންނެވެ. ރޭގަނޑުގެ ކެއުން ރަނގަޅަށް ނުކެވޭތީ ބަނޑުހައިވެސްވަމުން ދިޔައެވެ. ކޮފީ ބޯން ނިކުންނާނަމޭ ހިތާ ކޮޓަރިން ނިކުންނަން ދަނިކޮށް ހުއްޓުނީ މަންމަގެ އަޑަށެވެ.
"ޒާރާ ކޮންތާކަށް؟" ޒާރާ ފަހަތް ބަލައިލިއިރު އެހާ އަވަހަށް ހިމްނާ އިނީ އެނދުގައި ކޮޅަށް ޖެހިފައެވެ. ހިމްނާ ހުޝިޔާރުކަމުން ޒާރާއަށް ހެވުނެވެ.
"ނުނިދަންތަ މަންމަ އަދިވެސް" ޒާރާ ބުންޏެވެ.
"ނިދެމުން ދަނިކޮށް ޒާރާ ތެދުވިހެން ހީވީމަ ބަލައިލީ. ކޮންތާކަށް ތިދަނީ. ގަޑި ބަލާލަބަލަ" ހިމްނާ ބުންޏެވެ.
"މަންމަ ނިދާލާ. މިއަންނަނީ ކޮފީއެއް ބޮއެގެން" ޒާރާ ބުންޏެވެ.
"ބަތްތަށި އުކާލީމަ އޭރުވެސް މަންމައަށް އެނގުނޭ ފަހުން ބަނޑުހައިވެގެން އުޅޭނެކަން. އަވަހަށް އަންނާތި" ހިމްނާ ބުންޏެވެ.
ކޮފީތަށި ހިފައިގެން އައިސް ޒާރާ އިށީނީ ކާމޭޒު ކައިރީގައެވެ. ފޯނުން ގަޑި ބަލައިލިއިރު އެކެއް ޖަހަން ދިހަވަރަކަށް މިނެޓް ހުއްޓެވެ. ޒާރާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ކޮފީތަށި ބޯލައިގެން ކޮންމެހެން އަވަހަށް ކޮޓަރިއަށް ވަދެ އޮށޯތަސް ނުނިދޭނެއެވެ. ލަސްލަހުން ކޮފީ ބޮމުން ގޮސް ފޯނުން ފޭސްބުކަށް ވަދެލިއެވެ. އެތައް ދުވަހަކަށްފަހު ފޭސްބުކް ލޮގިންވުމާއެކު ފުލުފުލުގައި ނޮޓިފިކޭޝަންތައް އަންނަން ފެށިއެވެ. އެހުރިހާ އެއްޗެއް ޗެކްކުރުމުގެ ކުރިން ޒާރާއަށް ސަމާލުކަންދެވުނީ އައްޔަ ޖަހާފައި އޮތް ސްޓޭޓަސްއަކަށެވެ. އިނގިރޭސި ބަހުން އައްޔަ ޖަހާފައިވާ އެ ސްޓޭޓަސް އެތައް ފަހަރަކު ޒާރާ ކިއިއެވެ. އެއީ މީގެ އިރުކޮޅެއް ކުރިން ޖަހާފައިވާ ސްޓޭޓަސްއެކެވެ. އެގޮތަށް އައްޔަ ލިޔެފައިވާ ލިޔުންކޮޅުގެ މާނަ ޒާރާއަށް ނޭނގުނެވެ. އެކަހަލަ އެއްޗެއް އައްޔަ ޖެހީ ކީއްވެ ހެއްޔެވެ؟ މީގެކުރިން އައްޔައަކީ ފޭސްބުކްގަ އެއްވެސް އެއްޗެއް ލިޔެ އުޅޭ މީހެއް ނޫނެވެ. އެންމެފަހުން ޒާރާ ހުޅުވާލީ ކޮމެންޓް ބޮކްސްއެވެ. ބައެއްމީހުން ބޮޑުކަމެއްވީތޯ އަހާފައި އޮތެވެ. ބައެއްމީހުން އައްފާންގެ ވާހަކައަށް ތައުރީފުކޮށްފައިވެސް ހުއްޓެވެ. އެއްވެސް ކޮމެންޓަކަށް އައްފާން ޖަވާބެއް ދީފައެއް ނެތެވެ. ސަތޭކައަށް ވުރެ ގިނަ ކޮމެންޓް އެއްކޮށް ކިޔައި ނިމުނުއިރުވެސް ވީގޮތެއް ޒާރާއަށް ނޭނގުނެވެ. ގިނައިރުވުމުން ކޮފީތަށިވެސް އެއްކޮށް ފިނިވެއްޖެއެވެ. އައްފާނަށް ދިމާވެގެން އުޅޭކަމެއް ނުބަލައި އޭނާއަށް ކެތެއްނުވިއެވެ. ކޮމެންޓް ކުރާކަށް ޒާރާއަށް ނުކެރުނެވެ. ތުންފަތުގައި ދަތް އަޅާލައިގެން އިރުކޮޅަކު އިނދެފައި ގުޅީ ޖަންނަތަށެވެ. ފަހަރެއްގަ ޖަންނަތަށް އެނގިދާނެއެވެ. އެހެންނަމަވެސް ޖަންނަތު ފޯނަށް ޖަވާބުނުދިނެވެ. ނިދާފަ ތޯއްޗެކެވެ.
ކޮފީތަށި ޒިންކަށް އަޅާލާފައި ޖޯޑު ދޮވެ ބަދިގޭ ލައިޓުތައް ނިއްވާލާފައި ޒާރާ ނިކުތެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެފައިވެސް އޭނާއަށް ވިސްނެނީ އައްފާންގެ ސްޓޭޓަސްއާ މެދުގައެވެ. ސޯޝަލް މީޑިޔާގެ ގިނަ މަންސަތަކުގައި ގިނަ މީހުން ހިއްސާކުރާ ވާހަކަތަކަކީ ގިނަފަހަރަށް އެމީހުންގެ ދިރިއުޅުމާ ގުޅުންހުރި ކަންކަން ނޫނަސް ބައެއްމީހުންނަކީ ސީދާ ދިރިއުޅުމުގެ ކަންކަން އެކި ސިފަ ސިފައިގައި ހިއްސާކުރާ މީހުންނެވެ. ފޭސްބުކް އިން އައްފާންގެ ރައްޓެއްސަކަށް ޒާރާ ވީ މިފަހުން އައްފާން ރަށަށް އައިސްފައި ދިޔަ ފަހުންނެވެ. މީގެކުރިންވެސް އައްފާނަކީ މާ ފޭސްބުކް ވެގެން އުޅޭ މީހެއް ނޫނެވެ. ކޮންމެގޮތެއް ވިޔަސް އައްފާންގެ އެ ވާހަކަތަކާ އޭނާގެ ދިރިއުޅުމާ ގުޅުމެއް ވެއެވެ.
"އަހަރެން ކީއްވެ މިހާވަރަށް ހާސްވާންވީ. އައްޔަގެ ދިރިއުޅުމެއްނު. އައްޔަގެ ދިރިއުޅުމުގައި ބަރަކާތް ލައްވާށި"
****
ކުރިމަތީގައި ހުރި ރޮށި ކަހަނބާއި ކުޅިމަސް އަޅާފައި ހުރި ތައްޓަށް ބަލައިލާފައި ދެން ފައްވާޒް ބަލައިލީ ކައިރީގައި ހުރި ޖޫލިޔާއަށެވެ. ކުޅިމަހުން ދުވި މީރުވަހުން އެކަނިވެސް ފައްވާޒަށް ހީވީ އޭނާ ބަނޑުފުރުނު ހެންނެވެ.
"ކިހިނެއްވީ؟ އަހަރެން ކައްކާފަ ދޭ އެއްޗެހި މިހާރު ކަމުނުދަނީތަ؟" ޖޫލިޔާ ބުންޏެވެ.
"ހީވޭތަ އެހެން މަންމައަށް" ފައްވާޒް ބުންޏެވެ. "ވަރަށް އުފާވާނެ ރޮއްޓާއެކު މޮޑެދީފިއްޔާ"
ޖޫލިޔާ ފައްވާޒް އެދުނުގޮތަށް ކަންތައް ކޮށްދިނެވެ. ކުޅިމަހާއެކު ރޮށި ކުދިކޮށްފައި މޮޑެދިނެވެ. ސަމްސާލާފައި ފައްވާޒް އަތަށް ތަށި ދިނުމުން ފައްވާޒް އަނގަ ހުޅުވާލިއެވެ. އެބުނީ ކީކޭކަން އެނގުމުން ރޮށި ސަމްސަލެއް ނަގާފައި ފައްވާޒްގެ އަނގައަށް ލަވައިދިނެވެ.
ފައްވާޒަށް އެހާ ލޯބިން ކަންތައްކޮށްދޭ ހިތެއް ޖޫލިޔާ ނެތެވެ. އެކަމަކުވެސް އެއީ އޭނާ ލޯބިން އިންދި ގަހުގައި އެންމެ ފުރަތަމަ އެޅި މޭވާއެވެ. އެތައް ގުރުބާނީއެއްވެގެން އޭނާ ބަލައިބޮޑުކުރި ދޮށީ ދަރިފުޅެވެ. ފައްވާޒް ކުރި ވިޔާނުދާ ކަންތަކަށް ތަރުހީބުދޭކަށް ޖޫލިޔާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ވަރުބަލިވެއްޖެއެވެ. ފައްވާޒް ދުރުކޮށްގެން ހުންނަންވީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ޒާރާއާ މެދު ފައްވާޒް ކަންތައްކުރި އިހާނެތިގޮތަށް ފަހު އަބަދަށްޓަކައި މައެއްގެ ލޯބިން ދަރިފުޅު މަހުރޫމު ކުރަންވީ ހެއްޔެވެ؟
ގުޅައިގެން ފައްވާޒް ގެއަށް ގެނައީ ދަރިފުޅު ނުފެންނަތާ އެތައް ދުވަހެއްވެފައި ދަރިފުޅު ދެކިލާހިތުންނެވެ. މައި ލަގޮނޑިއަށް ކެތްނުވެގެންނެވެ. އަތުން މޮޑެފައި ކާއެއްޗެއް ފައްވާޒަށް ދިނީ އެތައް ދުވަހަކަށް ފަހުގައެވެ.
"ފައްވާޒު ގާތު މަންމަ ވާހަކައެއް ދައްކަންވެފަ އެބައޮތް" ޖޫލިޔާ ބުންޏެވެ.
ފެންތަށިން ކޯވަރެއް ބޯލާފައި ފައްވާޒް ޖޫލިޔާގެ މޫނަށް ބަލައިލިއެވެ.
"މިއަދު މީނީ ވަރަށް އުފަލުން. އެތައް ދުވަހަކަށްފަހު މިހާ މީރުކޮށް ކާއެއްޗެއް މިކެވެނީ. އެހެންވެ މަންމަ ބުނާ ކޮންމެ ވާހަކައެއްވެސް އަޑުއަހާނަން"
ހިތްހަމަޖެހިފައި ހުރިވަރުން ބޮޑު ޖޯޑެއްގައި ފުރާލާފައި ހުރި ކަޅުސައި ތަށިވެސް އެއްފަހަރާ ދަމާލިއެވެ. އެތައް ދުވަހަކަށްފަހު ބަނޑުފުރާ ފައްވާޒަށް ކާންދެވުމުން ހުދު ޖޫލީޔާވެސް ހިތްހަމަޖެހިފައެވެ.
"މަންމައެއް ނުބުނާނަން އަލުން ގޮސް ޒާރާއާ އިންނާށެކޭ. ތެދަށް ބުނަންޏާ އަދިވެސް މަންމަ ބޭނުމީ ފައްވާޒު ޒާރާއާ އިނދެގެން އުޅެން. އެކަމަކު އަހަރެން ބޭނުންވިޔަސް އެއީ ވާނެކަމެއް ނޫން. މަންމަ ނެތިން ފައްވާޒާ މާހީއާ ދެމެދަށް ވަންނާކަށްވެސް. ކައިވެންޏެއްނުކޮށް އަންހެނަކާ ފިރިހެނަކާ އެއް ގެއެއްގައި ދިރިއުޅުމަކީ ތާހިރުގޮތެއް ނޫން. އެހެންވީމަ މިބުނަނީ. ކޮންމެހެން އަހަރެން ނުގަބޫލެކޭ ކިޔާފަ ނުއިނދެ ތިބޭނެކަމެއް ނެތް. އަހަރެން ބޭނުންވަނީ ވީއެންމެ އަވަހަކަށް ފައްވާޒު ކައިވެނިކުރަން. އަދި ކައިވެނި ކުރެވެންދެން މިގޭގަ ހުންނަން. ކައިވެނިކޮށްގެންވެސް އަހަރެން ބޭނުންވަނީ މިގޭގަ ދިރިއުޅެން. އަހަރެން ބޭނުންވަނީ ފައްވާޒު އަބުރުވެރި ދިރިއުޅުމެއް އުޅޭތަން ބަލަން. ދަރިން ހޯދައިގެން ޒިންމާދާރު ބަފައެއްހެން ފައްވާޒު އުޅެން. މާޒީވެ ދިޔަކަމެއް ދެން ބަދަލެއްނުވާނެ" ޖޫލިޔާ ވާހަކަދެއްކިއެވެ.
ފައްވާޒަށް ހެވުނެވެ. ޖޫލިޔާގެ ރުހުން ލިބުނުކަން ގަބޫލުކުރަން އޭނާއަށް ދަތިވިއެވެ. ޖޫލިޔާ އިން ސޯފާގައި އައިސް އިށީނދެފައި ޖޫލިޔާގެ އަތުގައި ހިފާލިއެވެ.
"އަސްލުވެސްތަ މަންމާ. މާހީ ހާދަ އުފާވާނޭ. ގެންނަންތަ މިގެއަށް މަންމަ ބައްދަލުކޮށްލަން" ފައްވާޒު ބުންޏެވެ.
"އުނހު. ކައިވެނިކޮށްގެން ހަލާލު ގޮތުގަ މިގެއަށް ގެނޭ" ޖޫލިޔާ ބުންޏެވެ.
****
މާރުކޭޓުގައި ހުރެފައި ރަހްމާން ގެއަށް އައީ އައްފާންގެ ކޯލެއް ލިބުމުންނެވެ. ގެއަށް ރަހްމާން ވަންއިރު ސިޓިންގރޫމަށް އާއިލާގެ ހުރިހާ މެންބަރުން ޖަމާވެފައި ތިއްބެވެ. ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އަނބިމީހާގެ މޫނުމައްޗަށް ވެރިވެފައިވާ މޮޅިވެރިކަން ފެނި ރަހްމާންގެ ހިތަށް ފިނިވެގެން ދިޔައެވެ. ކުއްލިއަކަށް ރަހްމާނަށް ސަމާލުކަންދެވުނީ ސޯފާތަކަށް ވުރެ ތަންކޮޅެއް ކުރީގައި ހުރި ދެ ފޮއްޓެވެ. ގެއިން ތަނަކަށް ފުރައިގެން ދާން އުޅެނީ ކާކު ހެއްޔެވެ؟
"ސައީދާ، މިއީ ކޮންކަމެއް؟" އެތެރެއަށް ވަދެފައި ރަހްމާން ބުންޏެވެ.
ބަހެއް ނުކިޔާ ސައީދާ އިސްޖެހިއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ވަކިން ހުރި ސޯފާގައި އިން ނުހާއެވެ. ދެފައި ސޯފާއަށް އަރުވައިގެން ދެކަކޫ ގަޔާ ކައިރިއަށް ގެނެސްގެން އިން ނުހާ އިނީ ފިކުރެއްގެ ތެރޭގައެވެ. އެއްވެސް މިހަކާ އެވަގުތު ހަތަރުކަޅި ހަމަކުރަން ބޭނުންނުވެފައި އޭނާ އިންކަހަލައެވެ.
"މިއީ ކޮންކަމެއް. ކޮބާ އައްފާން؟"
ރަހްމާން އެހެން ބުނި ވަގުތު އެއީ ކޮޓަރިން އައްފާން ނިކުތް ވަގުތެވެ. އޭނާގެ އަތްމަތީގައި ނިއަމް އިނެވެ. ނިއަމް ރީތިކޮށްލާފައި އިންގޮތުންވެސް ތަނަކަށް ފުރަން އުޅޭކަން ރަހްމާނަށް އެނގުނެވެ. ނުހާގެ އާއިލާ އެންމެންގެ ކުރިމައްޗަށް އެގޮތަށް އަރަން ޖެހުމުން އައްފާން ލަދުގަތެވެ. އެހެންނަމަވެސް އެއީ ކުރަންޖެހޭ ކަމެކެވެ. އޭނާގެ ނިންމުން އިއްވުމަށްފަހު އެ އާއިލާ މީހުން އޭނާ ކުށްވެރިކުރިޔަސް އޭނާ ކުރާނެކަމެއް ނެތެވެ. ކޮންމެގޮތެއް ވިޔަސް ދެން އޭނާ އެ ނިންމުން ބަދަލެއް ނުކުރާނެއެވެ.
"ބައްޕާ،" އައްފާން ހުއްޓުނީ ރަހްމާންގެ ކުރިމަތީގައެވެ. ހިތްތެޅުމުންދާ ހާލު ރަހްމާން އައްފާނަށް ބަލައިލިއެވެ.
ނުހާ އިސްއުފުލާ ބަލައިލީ އައްފާންގެ އަޑަށެވެ. އޭނާ އައްފާން ހުއްޓުވަން ބޭނުންވިއެވެ. އެހެންނަމަވެސް ގޮތްދޫކުރަން ބޭނުންނުވާތީ އޭނާ ގޮތުގައި ހިފެހެއްޓިއެވެ. އައްފާން ކައިރީގައި އާދޭސް ކުރެވިއްޖެއެވެ. ދާން ބޭނުންވެފައި ހުރި މީހަކު ނުހިފެހެއްޓޭނެއެވެ. ދިރިއުޅުމުގައި ދިމާވި ކުޑަކުޑަ ކަމެއް ބޮޑުކޮށްފައި އައްފާން ދާނީ އެ ހިތުގައި ލޯބި ނެތުނީމައެވެ. ރަނގަޅަށް ވިއްޔާ އައްފާން ހުރީ ދޫކޮށްލާފައި ދާން ދައްކާނެ ބަހަނާއެއް ނޭނގިފައެވެ.
"އަހަރެން މިދަނީ ފުރަން. ނިއަމް ގޮވައިގެން. ރަށަށް ބަދަލުވަނީ މި" އައްފާން ބުންޏެވެ. ރަހްމާނަށް ހިންދިރުވާލެވުނެވެ. ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެހެންނަމަވެސް އެންމެ ސުވާލެއްވެސް އޭނާއަށް އައްފާނާ ކުރިމައްޗެއް ނުކުރެވުނެވެ. ކަރުއެލުވާލާފައި ބަލައިލީ ސޯފާގައި އިން ނުހާ އަށެވެ. މާކުރިންވެސް އެއީ އެކަން ވާނެގޮތްކަން އޭނާއަށް އެނގޭ ކަހަލައެވެ.
"ކީއްވެ ތިހުންނަނީ؟ ދާންވީއެއްނު. ކާކު އުޅެނީ އައްފާން ހިފަހައްޓަން" ސޯފާގައި އިން ނުހާ ހަޅޭއްލަވައިގަތެވެ.
ފަހުވަގުތުގައިވެސް ނުހާގެ ބަސްމަގު އެގޮތަށް ހުރުމުން އައްފާން ހިތުގައި ޖެހުނެވެ. އާއިލާ އެންމެންގެ ކުރިމަތީގައި އައްފާނަށް އެހާ ގަދަރު ކުޑަކޮށް ވާހަކަދެއްކުމުން އެހާ ލަދުވެސްގަތެވެ. އެހެންނަމަވެސް އޭނާ ނުހާއަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ނުހާ ބުނި އެއްޗަކަށް އެއްޗެއް ބުނެގެން ވެއްޓޭނީ އޭނާގެ އަގުކަން އެނގޭތީ އައްފާން ނުހާއަށް ޖަވާބުނުދިނެވެ.
"ކަލޭ އަނގަ މަޑުންލައިގެން އިނދޭ" ރަހްމާން ނުހާއަށް ހަޅޭއްލަވައިގަތެވެ. ރަހްމާންގެ އަޑު ބާރެވެ. މިއިން ދުވަހަކުވެސް ރަހްމާން އެހާ ރުޅިއައިސްފައި ހުއްޓައި ސައިދާ ނުދެކެއެވެ. ފިރިމީހާއާ ގާތަށް ސައީދާއަށް ޖެހެވުނީ ފިރިމީހާގެ ހަށިގަނޑުގައި ރޫރުއަޅާތަން ފެނުމުންނެވެ.
"މިއަދުން ފެށިގެން ނުހާ އަކީ.... އަހަރެންގެ... އަހަރެންގެ އަނބެއް ނޫން" އެ ޖުމުލަ ފުރިހަމަކުރަން އައްފާން ކުރި ހިތްވަރު ދެނެވޮޑިގެންވާނީ ހެއްދެވިފަރާތެވެ.
ނުހާއަށް ހީވީ އޭނާގެ ހިތުގެ ނާރުތައް އެކީ އެކައްޗަކަށް ބުރިވެގެން ދިޔަހެންނެވެ. މުޅިތަން ހަމަހިމޭންވެ ދޮރުން ނިކުންނަންދިޔަ އައްފާންގެ ކޮނޑުމަތިން އޭނާއަށް ބަލަހައްޓައިގެން އޮތް ނިއަމްގެ ތުއްތު މޫނު ފެނިފައި ނުހާއަށް އެދިމާލަށް ދުއްވައިގަނެވުނެވެ. ބޭއިހްތިޔާރުގައެވެ.
"މަގޭ ދަރި ދީފަ ދޭ. ތިއީ އަހަރެން ވިހޭ ދަރިއެއް" ނިއަމްގެ ގައިގައި ހިފަހައްޓަމުން ނުހާ ގޮވަމުން ދިޔައެވެ. އެހެންނަމަވެސް ނުހާގެ އަތް ނިއަމްގެ ގައިން ވަކިކޮށްލަމުން އައްފާން ޖެހުނީ ކުރިއަށެވެ. އަތްމަތީގައި އިން ނިއަމް އަނެއް އަތަށް ބަދަލުކޮށްލި ގޮތުންވެސް އެކުއްޖާ ނުހާއާ ދުރުކުރަން އައްފާން ބޭނުންވެފައިވާ ވަރު ހާމަވެއެވެ.
"ކާކު ތިކަން ދެނަހުރީ. މިގޭ މިތިބީ ނުހާގެ މައިންބަފައިން. އަހާބަލަ ނިކަން ނިއަމް އަކީ ނުހާގެ ދަރިއެއްތޯ. ނުހާ ލަދެއް ނުގަނޭތަ ތިހެން ބުނަން"
އައްފާން އަނެއްފަރާތަށް އެނބުރުނެވެ. ދެލޯމަރާ ބާރުކޮށްލީ އޭނާގެ ދުލުގައި ތަޅު އެޅުވުމުގެ ގޮތުންނެވެ. ނުހާއަށް ގޮވަން ހުރި އެއްޗެހި ބައިވަރެވެ. އެހެންނަމަވެސް އޭނާ އެވަގުތުވެސް ނުހާއަށް އިހުތިރާމު ކުރިއެވެ. އެއީ އަލަތު އަނބިމީހާގެ މަގާމަށް ފުރަތަމަ އައި މީހާއަށް ވީތީއެވެ. އޭނާގެ ހިތުގައި ނުހާއަށް ގަދަރު ފަނޑުނުވާތީއެވެ.
"މި އެންމެންގެ ކުރިމަތީގައި އަހަރެންގެ އަނގަ ހުޅުވަން ނޫޅޭ ނުހާ. އަހަރެން މިއީ ނުހާ އެއް ނޫން. އަހަރެން ބުނަން އޮތީ އެންމެ އެއްޗެއް. މިއަދު އަހަރެން އަތުން އެއްވެސް އެއްޗެއް ނުގެއްލޭ. އެކަމަކު ނުހާ އަތުން ވަރަށް ބައިވަރު އެއްޗެހި ގެއްލިގެން އެދިޔައީ"
އައްފާނާ ދިމާލަށް އެންމެ ފުރަތަމަ ދުވެފައި ދިޔައީ ދިމްނާއެވެ. އޭނާ ގޮސް ހުއްޓިފައި އަތް ދިއްކޮށްލުމާއެކު ދިމްނާ އަތަށް ނިއަމް ލައިދީފިއެވެ. ނިއަމްގެ ގައިގައި ދިމްނާ ބާރަށް ބައްދާލިއެވެ. މޫނުގައި އެތައް ފަހަރަކު ބޮސްދިނެވެ. ސައީދާވެސް ކައިރިވެ ނިއަމް އުރާލާފައި އޭނާގެ މެއާލާ ބޮނޑިކޮށްލިއެވެ. ނިއަމްގެ ގައިގައި ބައްދައިގެން ހުރެ ރުއިއެވެ.
"މި ދުނިޔެއިން އަހަރެންނަށް ލިބުނު އެންމެ އަގުބޮޑު ނިއުމަތަކީ ތި ދަރިފުޅު. ނިއަމް ބޮޑުވާނީ ދުނިޔޭގައި ހުރި އެންމެ އަހްލާގު ރަނގަޅު ކުއްޖާގެ ގޮތުގަ. ނިއަމްގެ މާމަ ކާފަ އަދި ބޮޑުދައިތައާ އެކުއްޖާ ދުރެއް ނުކުރަން. ތިއިން ކޮންމެ މީހަކު ނިއަމްއާ ބައްދަލުކުރަން ބޭނުންވެ ބުނަން ނުކެރިފަ ހުންނާކަށް ނުޖެހޭނެ. މަންމަމެން ތިބި ތަނަކަށް ނިއަމް ގޮވައިގެން ހުދު އަހަރެން އަންނާނަން"
އެންމެފަހު ކަމަކަށް ގެއިން ނިކުތުމުގެ ކުރިން އައްފާން ނުހާގެ މައިންބަފައިންގެ ކިބައިން މައާފަށް އެދުނެވެ. އަލަތު ކައިވެނި އެގޮތަށް ރޫޅާލާފައި ދާންޖެހުމުން އައްފާނަށް ކޮށްފައިވާ ފުންއަސަރު އެގޭ ހަތަރުފާރުން އެތެރޭގައި ތިބި ކޮންމެ މީހަކަށް ފާހަގަވިއެވެ.
****
ގޯތިތެރެއަށް ނުވަންނަން ހުރުމުން ޒާރާގެ އަތުގައި ހިފައި ޖަންނަތު ދަމައިގަތެވެ. އެންމެފަހުން ޒާރާއަށް ޖެހުނީ ޖަންނަތާއެކު ދޮރާށިން އެތެރެއަށް ވަންނާށެވެ.
"މިގެއަށް އަންނަން އަހަރެން ކައިރީގަ ބުނީވެސް ޒާރާ. މިހިސާބަށް އައިސްފަ މީހާގެ ފައި ބިންމަތީގައި ތަތްލަވައިފި. އަހަރެން ހަމަ ހައިރާންވެއްޖެ. މިގޭގަ ހަފައި ކާއެއްޗެއް އުޅެނީތަ؟" ޖަންނަތު ކުދި ކިޔާލިއެވެ.
"އަހަރެންނަށް ނޭނގެ ވާގޮތެއް. މިގެއަށް ވަންނަން ހަމަ ފަސްޖެހެވެނީ" ޒާރާ ބުންޏެވެ.
"އައްޔައާ ލޯބީގެގޮތުން ގުޅުނީކީވެސް ނޫނެއްނު. ދެން... ހުރެބަލަ ތިހެން އުޅެނިކޮށް ޒާ ދެވަނަ ކައިވެނި ކުރާނީ އައްޔައާ ތޯއްޗެ" ޖަންނަތު ބުންޏެވެ. ޒާރާ ޖަންނަތަށް ދެލޯ އަޅާލަމުން ޖަންނަތުގެ އަތުގައި ބޮނޑިއެއް އަޅާލިއެވެ.
ކާގެއިން ވަސީމާ ނިކުތީ ދެކުދީންނަށް ސަލާންވެސް ގޮވާނުލެވި އުޅެނިކޮށެވެ. ވަސީމާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.
"ދެކުދީން ކޮންކަމެއް؟" ވަސީމާ އެހިއެވެ.
"ރަނގަޅު ހަމަ. ފިނިކޮށްލަން އަތިރިމައްޗަށް ދަމުން ވަސިންތައަށް ގޮވާލަން ހަމަ ވަނީ" ޖަންނަތު ބުންޏެވެ.
ބަދިގޭ ކައިރީގައި ހުރި ޖޯލިފަތީގައި ދެކުދީން އިށީނުމުން ވަސީމާ ވަނީ އެތެރެ ގެއަށެވެ. އިރުކޮޅަކުން ބޭރަށް ނިކުތްއިރު މީހާގެ މޫނު ނުފެންނަ ވަރުގެ ބޮޑު ދެ ބާލިސް ހިފައިގެން ދޮރާށި ހުޅުވާލާފައި މަގުމަތީގައި ހުރި ޖޯލިފަތީގައި އަވީލިއެވެ. ޖަންނަތާއި ޒާރާ ތިބީ ވަސީމާގެ ހަރަކާތްތަކަށް ބަލާށެވެ.
"ދެން އަހާބަލަ" ޖަންނަތު ބުންޏެވެ.
"މަށަށް ކެރޭތަ. އެހެންނޫނަސް ވަސިންތަ ހީކުރާނީ ކީކޭ؟" ޒާރާ ބުންޏެވެ.
ވަސީމާ ބަދިގެއަށް ވަންނަމުން އަނެއްކާވެސް ހިނިތުންވުމެއް ދެކުދީންނަށް ދިނެވެ.
"ވަސިންތަ ވަރަށް ބުރަކޮށް އުޅެނިކޮށް ތިއައީ. އެނގޭތަ މިއަދު އަލީ އެބައާދޭ" ވަސީމާ ބުންޏެވެ. ޒާރާ އާއި ޖަންނަތު އެކަކު އަނެކަކަށް ބަލައިލިއެވެ. "މިހާ ހޫނު ގަޑިއެއްގަ ވާނެއްނު ފިނި އެއްޗެއް ބޯލަން. މި އަންނަނީ އެއްޗެއް ހިފައިގެން"
"ކޮބާ؟ މަ ބުނީމެއްނު" ވަސީމާ ލޯމަތިން ގެއްލުމުން ޖަންނަތަށް ބަލައިލާފައި ޒާރާ ބުންޏެވެ.
"ކީކޭ އޭ ތަ ލިޔެފަ އޮތީ؟" ޖަންނަތު ބުންޏެވެ.
"ދިރިއުޅުމަކީ ހަނގުރާމައެކޭ. ހިތް ނޭދުނަސް ބައެއްފަހަރު ދިރިއުޅުމުގެ ބޮޑެތި ނިންމުންތައް ނިންމަންޖެހެއޭ... ދެން ނޭނގެ. ޖަންނަ ބަލާލަބަލަ" ޒާރާ ބުންޏެވެ.
ވަސީމާ ބަދިގެއިން ނިކުތްއިރު ކުރުނބާ ދެ ތަށި ފަނި އަތުގައި ހުއްޓެވެ. ދެކުދިން އަތަށް ދެ ތަށި ދީފައި ދުރުގައި ހުރި ޕްލާސްޓިކް ގޮނޑިއެއް ޖޯއްޔާ ކައިރިކޮށްލާފައި ވަސީމާ އިށީނެވެ.
"ވަސިންތައަށް ހީވަނީ ކޮންމެސްކަމެއް ގޯސްވެއްޖެހެން. ވީގޮތެއް އެނގޭނީ އެސޮރު އައިމަ. ތިއިން ކުއްޖަކަށް ހަބަރެއް ނުވޭތަ؟" ވަސީމާ ވާހަކަދެއްކިއެވެ.
ޖަންނަތު ބަހެއް ނުކިޔުމުން މަޑުމަޑުން ޖަންނަތުގެ ކޮނޑުގައި ޒާރާ ޖެހިލިއެވެ. އެ ހިސާބުން ވާހަކަދައްކަން ޖެހުނީކަން ޖަންނަތަށް އެނގުނެވެ. ޒާރާގެ ފަރާތުންވެސް ވާހަކަދައްކަންޖެހޭނެކަން އެނގުމުން ޖަންނަތު ކުޑަކޮށް ކަރުކެހިލިއެވެ. ވަރުގަދަ އަންހެނެކެވެ. ހިތުގައި ސުވާލުތައް ފުނިޖެހުނަސް ޒާރާއެއް ނުކުރާނެއެވެ.
"އެކަނިތަ އަންނަނީ؟ ފަހަރެއްގަ ޗުއްޓީއަކަށްވެސް އައިސްދާނެއްނު" ޖަންނަތު ބުންޏެވެ.
"އެހެން ހީވަނީ. ބުނި ހަތަރެއްޖަހަން ވާއިރަށް އަންނާނަމޭ. ނެތޭ ވަސިންތައަށް މިހެން އިނދެވޭކަށްވެސް. އަލީގެ ކޮޓަރި ތައްޔާރުކުރަން މިދަނީ. އެ ކޮޓަރިން ބާލިސްތައްވެސް މި ނެރުނީ"
****
އަދިވެސް ގޭތެރޭގައި އެމީހަކު ތިބި ތަނެއްގައި ތިއްބެވެ. ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެންމެބޮޑަށް ހިތަށް އަސަރުކޮށްފައި ތިބީ ސައީދާ އާއި ރަހްމާނެވެ. ސޯފާގައި އިން ނުހާ އިނީ ރޮވިފައެވެ. ބުނެދޭކަށް ނޭނގެއެވެ. އައްފާނަށް ވުރެ ބޮޑަށް ނިއަމްގެ ސޫރަ އޭނާގެ ހިތުން ފިލައިގެން ނުދިޔައެވެ. ދެލޮލުން ކަރުނަ ތިއްކެއް ވެއްޓޭއިރަށް ފޮހެލައެވެ. ނުހާ އެ ހާލުގައި އިންނަތަން ބަލަން ކެތްނުވީ ދިމްނާއަށެވެ. މަޑުމަޑުން ގޮސް ނުހާގެ ކައިރީގައި ދިމްނާ އިށީނެވެ. ނުހާގެ ބޮލުގައި ފިރުމާލިއެވެ. އެ ހިނދު ނުހާ ދިމްނާއަށް ހިތްހަމަނުޖެހުމުގެ ބެލުމަކުން ބަލައިލިއެވެ.
"އަތްނުލާތި"
އެންމެން ދިޔައީ ނުހާގެ އަޑަށް ސިހިގެންނެވެ. ދިމްނާ ދުރަށް ކޮށްޕާލާފައި ފުންމައިގެން ނުހާ ތެދުވިއެވެ.
"ކަލޭމެން އެންމެން ކުރިމަތީގައި އޭނަ އަހަރެން ދޫކޮށްފަ އެ ދިޔައީ. އެވެސް އަހަރެންގެ ދަރި ގޮވައިގެން އެކަކުވެސް އޭނަ ހުއްޓުވަން ނޫޅުނީ ކީއްވެ؟"
އާއިލާ މީހުންނަށް ހިތަށް އައިހާ އެއްޗެއް ގޮވަމުން ނުހާ ދިޔައެވެ. އޭނާއަށް ކިޔޭނުކިޔޭއެއް ނޭނގެއެވެ. އޭނާގެ ވާހަތަކުގައި ކުށްވެރިއަކީ އައްފާނެވެ. އޭނާގެ ކުށެއް ނެތްކަން މައިންބަފައިންނަށް ސާބިތުކޮށްދެމުން އޭނާ ދިޔައީ އޭނާ ދިރިއުޅެން ފަސޭހައަށެވެ. އެކަކުގެ ނަޒަރުގައިވެސް އޭނާގެ ބޮލުގައި ކުށްވެރިޔާގެ ލޭބަލް އަޅުވަން ބޭނުންނުވާތީއެވެ.
"މިފަހުން ރަށަށް ގޮސްފައި އައިފަހުން އައްފާން ވަރަށް ބަދަލުވެފަ ހުރީ. ޔަގީން އަންހެނަކާ ހިތާވީކަން"
ކުއްލިއަކަށް ނުހާއަށް ހީވީ މޫނުމަތިން ތަރިބުރައިގެން ދިޔަހެންނެވެ. ފާއިތުވެދިޔަ ސިކުންތުކޮޅުގެ ތެރޭގައި ވީނުވިއެއް އޭނާއަށް ނޭނގުނެވެ. މީހާ ހަމަޔަކަށް އެޅުނުއިރު ރަތްވެފައިވާ ބޮޑު ދެލޮލުން ރުޅިވެރިކަމާއެކު އޭނާއަށް ބަލަހައްޓައިގެން ހުރީ ރަހްމާނެވެ.
"ބައްޕަ" ނުހާ މަޑުމަޑުން ބުންޏެވެ.
"ހަބަރުދާރު" ބާރު އަޑަކުން ރަހްމާން ބުންޏެވެ. ސައީދާ އާއި ދިމްނާ އައިސް ރަހްމާންގެ ދެފަރާތުން ހުއްޓުނެވެ. އޭރުވެސް ނުހާގެ މޫނަށް އިޝާރާތްކޮށްފައިވާ ރަހްމާންގެ އިނގިލީގައި ތުރުތުރު އަޅަމުން ދިޔައެވެ. ރަހްމާންގެ ފައިވެސް ރަނގަޅަށް ހަރުލާކަމެއް ނޭނގެއެވެ.
"އައްފާން ފަދަ މާތް އިންސާނެއްގެ ބޮލުގައި ތިކަހަލަ ހަޑި ބަދުނާމެއް އަޅުވަން ލަދެއް ނުގަނޭތަ؟ ލަހެއް ނުވިއެއްނު. އައްފާން ކަލޭ ވަރިކޮށްފަ އެދިޔައީ ހަމަ ކަލޭގެ ސަބަބުން. އައްފާންގެ ކުރިމަތީގައި މިއަދު އަހަރެންގެ އަގުވެއްޓިއްޖެ" ކިތަންމެ ރުޅިވެރިކަމާއެކު ވާހަކަދެއްކި ނަމަވެސް ފަހުވަގުތުގައި ރަހްމާނަށް ރޮވިއްޖެއެވެ. ދެން އިތުރަށް އޭނާއަށް ކުރިއަށް ނުގެންދެވުނެވެ. ސައީދާ އާއި ދިމްނާގެ އެހީތެރިކަމާއެކު ރަހްމާން ސޯފާގައި އިށީނެވެ. ހުއްޓާނުލައި ރަހްމާން ރޮމުން ދިޔައެވެ.
އޭނާގެ ލޮލުން ވެއްޓެމުން ދިޔަ ކޮންމެ ކަރުނަ ތިއްކަކީ ދެ ދަރީން ދެކެ އޭނާ އިންތިހާއަށް ލޯބިވާކަމުގެ ހެއްކެކެވެ. ކައިވެނި ރޫޅުމަކީ ކިހާ ބޮޑު ކަމެއްކަން ނުހާއަށް ނުވިސްނުނަސް އެއީ ފިރިމީހާ ދެކެ ހަގީގީ ލޯބިވާ ކުށެއް ނެތް އަންހެނަކަށް ބަރުދާސްތު ނުކުރެވޭނެ ވޭނެއްކަން ފިރިހެނަކަށްވެ ހުރެ ރަހްމާނަށް އިހުސާސް ކުރެވިއްޖެއެވެ. ނުހާއަށް އެކަން އިހުސާސް ނުކުރެވިގެން އެ އުޅެނީ ކުށްވެރިޔާ އަކީ ހުދު ނުހާ ކަން ނުހާއަށް އިހުސާސް ކުރެވޭތީއެވެ. އެކަމަކުވެސް ނުހާ މަސައްކަތް އެ ކުރަނީ ކުށެއް ނެތް އައްފާން ބަދުނާމު ކުރުމަށެވެ. މިއަދު ރަހްމާންގެ ހިތުގައި އައްފާނަށްޓަކައި އެތައް ގަދަރެއް އުފުލިގެން ހިނގައްޖެއެވެ. ނުހާގެ މައިންބަފައިންގެ ކުރިމަތީގައި ނުހާ ދެކެ އައްފާން ވީ ތެދުވެރި ލޯބި ކުރިމަތިން ފެނިއްޖެއެވެ. ފަހު ވަގުތުވެސް ނުހާގެ އަގު ހިފަހައްޓަން އައްފާން މަސައްކަތްކޮށްފިއެވެ. އެފަދަ މާތް އިންސާނެއް ދަނބިދަރިއެއްގެ ސިފައިގައި ދުވަހެއްގެ ކޮޅުންވެސް ދެން ލިބޭނެކަމެއް ނޭނގެއެވެ.
(ނުނިމޭ)