ޔުނައިޓެޑް ނޭޝަންސް ފޯ ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ދެމެދު ރާއްޖޭގައި އިންޝުއަރެންސް ދާއިރާ ކުރިއެރުވުމާ ބެހޭ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޔޫއެންޑީޕީން ބުނީ، އެ އެމްއޯޔޫގެ މަގުސަދަކީ އިންޝުއަރެންސްއާ ބެހޭ ގާނޫނުތައް ރާއްޖޭގައި ހަރުދަނާ ކުރުމާއި އިންޝުއަރެންސް އޮޕަރޭޝަން ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނެވި ގޮތެއްގައި އިންޝުއަރެންސްގެ އަމާޒުތައް ހާސިލުކުރުން ކަމަށެވެ.

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، އެ އެމްއޯޔޫގެ ސަބަބުން ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީއަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ކަމާގުޅޭ ގާނޫނުތައް ވަރުގަދަކުރުމުން އިންޝުއަރެންސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާނެ އެ ދާއިރާގެ އޮޕަރޭޝަން ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށެވެ. ހާޝިމް ވިދާޅުވީ އެމްއޯޔޫގެ ސަބަބުން މާލީ ދާއިރާގައި ރައްކާތެރިކަން ވަރުގަދަވެގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން އިގްތިސޯދީ ގޮތުން ފައިދާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅައިފައިވާ ރެޕްރެޒެންޓިވް އެންރިކޯ ގޭވްގިލާ ވިދާޅުވީ، ރާއްޖެއަކީ މޫސުމީ ބަދަލުގެ އެންމެ ބޮޑަށް ކުރާނެ އެއް ގައުމު ކަމަށްވުމުން އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. މޫސުމީ ބަދަލުގެ ސަބަބުން އިގްތިސޯދަށް ކުރާ ނޭދެވޭ އަސަރު ދަނީ މަތިވަމުންކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އިންޝުއަރެންސްއަކީ އެފަދަ ގެއްލުންތަކުން ސަބަބުން ދިމާވާ މާތީ ދަތިކަމުން އަރައިގަތުމަށް އޮތް ވަރަށް މުހިންމު ހައްލެއް ކަމަށް އޭނާ ވިދާޅުވިއެވެ.