ބ. ތުޅާދޫގެ އެއާޕޯޓްގެ މަސައްކަތް އަންނަ ހަފުތާ ނިމުމުގެ ކުރިން ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ތުޅާދޫގައި އެއާޕޯޓެއް ގާއިމުކޮށްދެއްވުމަށް ރައީސް ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައެވެ. އެ މަސައްކަތް ފެށުން ލަސްވެ، މިރަށުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިރަށުގެ އެމްޑީޕީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދެމުން ދިޔައީ އެއާޕޯޓަކަށް ކަމަށެވެ.
"މިރަށުގައި އެއާޕޯޓެއް އެޅި، މިރަށު ކައިރީގައި މިހުރި ރަށްރަށަށްވެސް ފަސޭހައިން ދަތުރުކުރެވޭނެ ފަސޭހަ ލުއި ގޮތެއް ބ އަތޮޅުގެ މި ސަހަރައްދަށް ލިބުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 20 މިނެޓުން ދެވޭ އެއާޕޯޓެއް ރާއްޖޭގެ ކޮންމެ ރަށެއްގެ ކައިރީގައި ހެދުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. އަދި ތުޅާދޫގައި އެއާޕޯޓެއް ހަދަން ނިންމީ އެ ސިޔާސަތުގެ ދަށުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިއަދު އެވަނީ ކޮންޓްރެކްޓް ކުރެވިފައި، މިކަމުގެ އަމަލީ މަސައްކަތް ފަށަން މީހުން އައިސް އެތިބީ. އިރާދަކުރެއްވިއްޔާ އަންނަ ހަފުތާ ނިމުމުގެ ކުރިން ތިޔަބޭފުޅުންނަށް މިތަނުގައި އެކަމުގެ އަމަލީ މަސައްކަތް ފެށިގެން ދާތަން، އެ 40 ހެކްޓަރު ހިއްކަން ފަށާތަން ތިބޭފުޅުންނަށް ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ތުޅާދޫގެ އެއާޕޯޓަށް ބޭނުންވާ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު