ރަޝިއާގެ ގައުމީ އެއާލައިން، އޭރޯފްލޮޓް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

އޭރޯފްލޮޓުން ރާއްޖެއަށް މިހާރު ކުރަނީ ހަފުތާއަކު ހަތަރު ދަތުރެވެ.

އޭރޯފްލޮޓް އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ އެއާލައިނުން މޮސްކޯއާއި މާލެއާ ދެމެދު ބާއްވާ ދަތުރުތައް އިތުރުކުރާނީ އަންނަ އޮކްޓޯބަރު އެކަކުން ފެށިގެން ކަމަށެވެ. އެގޮތުން ހަފުތާއަކު ކޮންމެ ދުވަހަކު ދަތުރެއް ކުރާނެ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ނޮވެމްބަރު އެކަކުން ފެށިގެން އިތުރު ތިން ދަތުރު މާލެއަށް ބާއްވާނެ ކަމަށް ބުންޏެވެ. އެ ދަތުރުތައް އޮންނާނީ ކޮންމެ ބުދަ، ހޮނިހިރު އަދި އާދީއްތަ ދުވަހުއެވެ. އެއާ އެކު އޭރޯފްލޮޓުން ރާއްޖެއަށް ކުރާ ދަތުރުތައް ހަފުތާއަކު 10 ދަތުރަށް އިތުރުވާނެއެވެ.

އޭރޯފްލޮޓްގެ ފްލައިޓް ޕްރޮގްރާމުގައި އެންމެ މަގުބޫލު އެއް މަންޒިލަށް ރާއްޖެ ވެފައިވާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާ އިން 137،221 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ މާކެޓް ޝެއާގެ 11.8 ޕަސެންޓެވެ.