ހުޅުމާލޭގައި އާއްމުން އުޅޭ ގެތައް، 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް އާބަންކޯ އިން ބަދަލު ގެނެސްފިއެވެ.

ކުރީގައި އޮންނަ ގޮތުން، ހުޅުމާލޭގައި ގެދޮރުވެރިކަމަށް ކަނޑައަޅާފައިވާ 'ރެޒިޑެންޝަލް ޕްލޮޓް'ތަކުގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ޓެރަސްއާއެކު ހަތް ބުރިއަށެވެ. އެ އުސޫލު ބަދަލުކޮށް އާބަންކޯ ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރެޒިޑެންޝަލް ޕްލޮޓުތައް މިހާރު 10 ބުރިއަށް ނުވަތަ 31 މީޓަރަށް އިމާރާތް ކުރެވޭނެ ކަމަށެވެ.

މި ގެނައި ބަދަލާއެކު 15 މީޓަރަށް ވުރެ އުސްވެއްޖެ ނަމަ ލިފްޓް ހަރުކުރަން ޖެހޭނެއެވެ. އަދި ލިފްޓުގެ މެޝިން ރޫމް ބެހެއްޓޭނީ ޓެރަހުގެ ފްލޯ ލެވެލް އިން ފެށިގެން ގިނަވެގެން ހަތަރު މީޓަރަށެވެ.

އިމާރާތް ކުރުމުގެ މި ގަވައިދަށް ގެނައި ބަދަލާއެކު އާބަންކޯ އިން ވަނީ ޕާކިންގެ އާ ޝަރުތުތައް އިތުރުކޮށް އިމާރާތުގެ އިމުގެ ތެރޭގައި ޕާކިން ހެދުމަށް ކަނޑައަޅައިފައެވެ.

އެގޮތުން ދެ ކޮޓަރީގެ ކޮންމެ އެޕާޓްމެންޓަކަށް މަދުވެގެން ދެ ސައިކަލް ޕާކު ކުރާނެ ޖާގަ ކަނޑައަޅަން ޖެހޭއިރު، އެއް ކޮޓަރީގެ ކޮންމެ އެޕާޓްމެންޓަކަށް އެއް ސައިކަލު ޕާކު ކުރާނެ ޖާގަ ކަނޑައަޅަން ޖެހެއެވެ. ސައިކަލު ޕާކިން ސައިޒުގެ ގޮތުގައި ކަނޑައަޅާފައިވަނީ މަދުވެގެން 0.8×2 މީޓަރެވެ. ކާރު ޕާކިންގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 2.5×4.8 މީޓަރެވެ.