ވަޓްސްއެޕް މެދުވެރިކޮށް އެޗްޑީ ކޮލެޓީގައި ފޮޓޯ ފޮނުވޭގޮތް ހަދަން ނިންމައިފިއެވެ.

މެޓާ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ދިން ހާއްސަ ބަޔާނެއްގައި ވަޓްސްއެޕަށް އަންނާނެ ބަދަލުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

ޒަކަބާގް ވިދާޅުވީ ވަޓްސްއެޕް މެދުވެރިކޮށް އެޗްޑީ ކޮލެޓީގައި ފޮޓޯ ފޮނުވޭނެ އަޕްޑޭޓް ބައެއް ގައުމުތަކުގައި އެ އެޕް ބޭނުންކުރާ ފަރާތްތަކަށް ދީފައިވާ ކަމަށާއި ވަޓްސްއެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް އެ ހިދުމަތް ކުރިއަށްއޮތް ހަފުތާއެއްހާ ދުވަސްތެރޭ ލިބިގެންދާނެ ކަމަށެވެ.

އެޗްޑީ ކޮލެޓީގައި ވަޓްސްއެޕުން ފޮޓޯ ފޮނުވޭ ހިދުމަތް އެންޑްރޮއިޑްގެ އިތުރުން އައިއޯއެސް އަދި ވެބް ބޭނުންކޮށްގެން ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެއެވެ.

ވަޓްސްއެޕް މެދުވެރިކޮށް ފޮޓޯ ފޮނުވާ އިރު، ސްކްރީނުގެ މަތީގައި އެޗްޑީ ލޯގޯއެއް ފެންނާނެއެވެ. އަދި އެ އޮޕްޝަން ސެލެކްޓު ކުރުމަށްފަހު ފޮޓޯ ފޮނުވުމުން އެ ކޮލެޓީގައި ފޮޓޯ ދާނެ ކަމަށް މެޓާއިން ބުނެއެވެ.

މީގެ އިތުރުން މެޓާއިން ވަނީ ވަޓްސްއެޕް މެދުވެރިކޮށް އެޗްޑީ ވީޑިއޯގެ ހިދުމަތްވެސް ވަރަށް އަވަހަަށް ތައާރަފުކުރާނެ ކަމަށް ބުނެފައެވެ.