"އަހަރެން އަދިވެސް އަހާލަން ބޭނުން ހަގީގަތުގައިވެސް ކައިވެނި ރޫލާލަން ނުހާ ބޭނުންތޯ" އައްފާން ބުންޏެވެ.
"އައްފާން ބޭނުންވަނީ ކޮންގޮތެއް" ނުހާ ބުންޏެވެ.
އައްފާނަށް ހެވުނެވެ. ނުހާ އެ އެހީ އައްފާން ބޭނުންވާގޮތެވެ.
"ނުހާ އަހަރެންގެ އަންބެއްގެ ގޮތުގައި ބަހައްޓަން އަހަރެން ބޭނުމެއްނުވޭ" ފާޅުގައި އައްފާން ބުންޏެވެ.
****
ނުހާ އަށް ހީވީ އޭނާގެ ހިތުގައި އަނިޔާވެރި އަތަކުން މީހަކު ހިފާ ފިތާލިހެންނެވެ. އައްފާންގެ މޫނަށް ބަލައިލެވުނީ ދެންމެ އައްފާން އެބުނި ބަސްތަކުގެ ދޮގުތެދު ޔަގީންކުރުމަށެވެ. އެއީ ހަމަ ހަގީގަތުގައިވެސް އައްފާން ބޭނުންވާގޮތްތޯ ޔަގީންކުރުމަށެވެ. އައްފާންގެ ދެލޮލުން އޭނާއަށްޓަކައި ލޯބީގެ އެއްވެސް އަސަރެއް ފެންނަން ނެތްތޯ ޔަގީންކުރުމަށެވެ.
"އަހަރެން ހަމަ އަސްލަށްވެސް ވަރިކުރަންތަ ތިއުޅެނީ؟ އައްފާން މިހާރު ލޯބިނުވަނީތަ؟" ނުހާ ބުންޏެވެ.
"ލޯބި އޮތް ތަނެއްގަ ބާއްވާ. އަހަރެން ބުނީމެއްނު އަހަރެންގެ ދަރިފުޅު މަރާ ހަނގުރާމަކުރި ރޭގައި ނުހާ އުޅުނީ ރައްޓެހިންނާއެކު މަޖާނެގުމުގަ ރިސޯޓްގައޭ. ނުހާގެ ތިހަށިގަނޑުގެ ޠާހިރުކަމާމެދު އަހަރެންނަށް ޝައްކޭ" އައްފާން ބުންޏެވެ.
"އަބަދު ކިއްވެ ތިހެން ތިކިޔަނީ؟ އަހަ.. އަހަރެން ކީއްކުރީ..." އެ ޖުމްލަ ފުރިހަމަކުރަން ނުހާއަށް އުނދަގުވިއެވެ.
"ކުރިކަމެއް އެނގޭނީ ނުހާއަކަށްނު. ނިކަން ބުނެބަލަ މިއީ ދޮގޭ" އައްފާން ބުންޏެވެ. ނުހާ އިސްޖެހިއެވެ. އެއީ އަނެއްކާވެސް އައްފާންގެ ހިތަށް އަނިޔާއެއް ލިބިގެންދިޔަ ވަގުތުކޮޅެކެވެ.
"ދުވަހަކުވެސް ނުހާ އާ އިނުމުގެ ކުރިންވެސް ފަހުންވެސް ތި ނޫން އެހެން އަންހެނެއްގެ ގައިގައި އަހަރެން ބީހިފައެއް ނޯންނާނެ. އަދި އެހެން އަންހެނަކަށްވެސް އަހަރެންގެ ގައިގައި ބީހޭކަށް ފުރުސަތެއްނުދެން. ﷲ ގަންދީ ހުވާކޮށްފަ އަހަރެން ބުނާ ތެދެއް މިއީ. ނުހާއަށް ކެރޭނެތަ މިހެން ބުނަން. އަހަރެންނާ ހަތަރުކަޅި ހަމަކޮށްފަ"
ނުހާ އަށް ބަހެއް ނުބުނެވުނެވެ. އޭނާގެ މައުސޫމްކަން ހާމަކުރަން ބޭނުންވިއެވެ. އެކަމަކު ދުލުގައި ހީވީ ތަޅެއް ލެވިފައި ހުރިހެންނެވެ. ސިކުނޑީގައި ރޯލްވާން ފެށީ އޭނާ ރާފިއު އާ އެކު މަސްތީ ދާނެއްގައި ހޭދަކުރި ދެ ރެއެވެ. ނުހާ އެއްޗެއް ނުބުނެ ހިމޭނުން ހުރުމުން ނަބީލް ދެއްކި ވާހަކަތައް އެއްވެސް ޝައްކަކާ ވަހުމަކާ ނުލާ އައްފާނަށް ޔަގީންކުރެވުނެވެ. ހިތަށް އެރިއެވެ. އަހަރެންގެ އަންބެއްގެ މަގާމުގައި މިހާރު މިހުރީ ނަޖިސް އަންހެނެއް ހެއްޔެވެ؟ ނުހާ ހަމަ އެހާ މުޑުދާރުވީ ހެއްޔެވެ؟ އަހަރެންގެ ލޯބިން އުނިވީ ކޮންކަމެއް ހެއްޔެވެ؟ ނުހާ އަށް ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ ނުހާ އަށްޓަކައި ގުރުބާން ނުވަން ހެއްޔެވެ؟ ﷲ ފުދުންތެރިކަން ދެއްވާފައިވާ މިންވަރުން ނުހާ އަށް ހުރިހާ އުފާތައް ހޯދައިދޭން މަސައްކަތެއް ނުކުރަން ހެއްޔެވެ؟ މިނިވަންކަމާއި ވަގުތު ނުދެން ހެއްޔެވެ؟ ވީއިރު ނުހާ ބޭވަފާތެރިތިވީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ ނުހާ އަށް ތިކުރެވުނީ ކިހާ ވިޔާނުދާ ކަމެއްކަން އިހުސާސް ކުރެވޭ ހެއްޔެވެ؟ ހިލޭ ފިރިހެނަކު ތި ހަށިގަނޑުގައި ބީހުނުއިރު ތިމަންނާގެ ހަލާލު ފިރިއެއް ހުރިކަން ހަނދާނުގައި ނެތް ހެއްޔެވެ؟ އަހަރެން މަސައްކަތްކުރީ ފިޔަކޮށާފައި ކޮށީގައި ނުހާ ބައިންދާކަށް ނޫނެވެ. ނުހާ އާ އެކު ދިރިއުޅެން ބޭނުންވީވަރުން އިސްލާހުވޭތޯ އަހަރެން ކުރި ކަމެކެވެ. ނުހާ އަށް ވިސްނައިދިނީ ބޮލަށް އުނދަގުކުރާކަށް ނޫނެވެ. އަހަރެން ހީކުރީ ފަހުންވިޔަސް ނުހާ ބަދަލުވާނެ ކަމަށެވެ.
"ނުހާ! އަހަރެން އިތުރަށް ނުހާ ބޭނުމެއްނޫން.... އަހަރެން ފޫހިވެއްޖެ... ވަރަށް ބޮޑަށް ފޫހިވެއްޖެ. ދެން ނުހާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ކުރިން އަހަރެން ހިތުން ނުހާއަށް ދިން މަގާމެއް ނުދެވޭނެ" ދެލޮލުން ކަރުނައެއް ފައިބަން އުޅުނު ވަގުތު އައްފާން ނުހާ އަށް ފުރަގަސްދިނެވެ. ހުރިހާ ކަމެއް ނިންމަންވީ ވަގުތު ޖެހުނީއެވެ. އައްފާން ވަރަށް ހިތްވަރު ކުރިއެވެ.
"ދަރިފުޅާ. ﷲ އަށްޓަކައި. އަދި އެއްފަހަރު މަސައްކަތްކޮށްބަލަ" ކުއްލިއަކަށް އައްފާންގެ ހަނދާނަށް އައީ ދައްތަ ދިން ނަސޭހަތެވެ. އަނެއްކާވެސް އައްފާން ނުހާ އާ ވީކޮށް އެނބުރިލިއެވެ.
"އެކަމަކު... އަދިވެސް އަހަރެން ނުހާއަށް ފުރުސަތެއް ދީފާނަން. އެއީ އަހަރެންގެ ދައްތަ އަހަރެންނަށް މިކައިވެންޏަށް ފަހު ފުރުސަތުދޭން ވިސްނައިދިނީމަ. ނުހާގެ ބައްޕަ ބުނީތީވެސް އަހަރެން މަސައްކަތްކޮށްފިން. ނުހާއަށް ފަހު ފުރުސަތު މިދެނީ އަހަރެންގެ ދައްތަ ބުނީތީ. އަހަރެން ބޭނުންވެގެނެއްނޫން"
ނުހާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެއީ އޭނާވެސް ބޭނުންވާގޮތެވެ. ވަރިވުމަކީ އޭނާ ދުވަހަކުވެސް ބޭނުންވާގޮތެއް ނޫނެވެ. ނުހާގެ އުފާތަކަށް އައްފާން ފުރަގަސްދީ ވަރިވިކަން އެކުވެރިންނަށް އެނގޭ ހިސާބުން ހާދަ މަލާމާތެއް ކުރާނެއެވެ. އަނެއްކޮޅުން ހަގީގަތުގައިވެސް އައްފާންދެކެ ނުހާ ލޯބިވެއެވެ. އައްފާން ބޭނުންނުވެ ހުރެވެސް ކައިވެނި ދަމަހައްޓަން އެއްބަސްވީތީ ނުހާގެ ބޯހަމަޖެހިއްޖެއެވެ.
ދުވަސްކޮޅެއް ވަންދެން ގޭގައި މަޑުކޮށްގެން ހުރެ އައްފާން ހަމަޖެއްސޭތޯ މަސައްކަތްކުރާނީއެވެ. މަޑުމަޑުން ނިއަމްގެ ކަންތައްތައްވެސް ކުރާނީއެވެ.
"އަހަރެންވެސް ބޭނުންވަނީ ތިގޮތް" ނުހާ ބުންޏެވެ.
"އެކަމަކު އަހަރެންގެ ޝަރުތެއް އެބޮތް" އައްފާން ބުންޏެވެ.
"އަހަރެންވެސް"
އައްފާން ފުންމައިގެން ތެދުވިއެވެ. ނުހާދެކެ ހިތްހަމަނުޖެހުނުވަރުން ދެއަތްތިލަ މުއްކެވިގެން ދިޔައެވެ.
"މި ކައިވެނި މިހާ ހިސާބަށް މިދިޔައީވެސް ނުހާގެ ވިޔާނުދާކަމަގެ ސަބަބުން. ކައިވެންޏަށް އިތުރު ފުރުސަތެއްދޭން އަހަރެން ނިންމީ ނުހާ ރައްޓެހިންނާއެކު ނާޗަރަންގީ ކުޅޭތަން ބަލާކަށްނޫން. ނުހާއަށް އެނގޭތަ ދެވަނަ ފުރުސަތުގެ މާނައަކީ ކޮބައިކަން" އައްފާން ބުންޏެވެ. ނުހާއަށް ހުރެވުނީ އަނގަ ހުޅުވައިގެން ބަލަހައްޓައިގެންނެވެ.
"އަހަރެންގެ ޝަރުތު އަޑުއަހާ. ނުހާއަށް އޮތީ ދެގޮތް. އެއްގޮތަކީ އަހަރެންނާ އިނދެގެން އުޅެން ނުހާ ބޭނުންވާނަމަ އަހަރެންނާއެކު އަހަރެންގެ ރަށަށް ދިރިއުޅުން ބަދަލުކުރުން. އަނެއް ގޮތަކީ ވަކި ދިރިއުޅުމެއް ފެށުން. އެގޭތެރޭގަ ހުރިހާކަމެއް ކުރަންޖެހޭނީ ނުހާ. ފިރިއެއްގެ ލޯތްބާ ނިއަމްއަށް މައެއްގެ ލޯބި އެންމެ ތަންކޮޅެއްވެސް އުނިކޮށްގެން ނުވާނެ. ކައްކަން ނޭނގެންޏާ ކައްކަން ދަސްކުރޭ. ނުހާ އަތުން ރޯފިލުވާފައި ކޮންމެ ގޮތަކަށް ހުރި ކާއެއްޗެއް ނަމަވެސް އަހަރެން ކާނަން. މިދެގޮތުން ކުރެ ގޮތެއް ނުހާ އިހްތިޔާރުކުރޭ. ސާފު ބަހުން އަހަރެން މިބުނަނީ. ނުހާގެ ޝަރުތު އަހަރެން ބަލައެއް ނުގަންނަން. ނުހާ ބޭނުންވާގޮތެއް އަހަރެން ކައިރީގައި ބުނޭ. އޭގެފަހުން ކަންތައްކުރާނެ ގޮތެއް އެނގޭނީ އަހަންނަށް" އައްފާން ބުންޏެވެ. ރަތްވެފައިވާ ދެލޮލުން ނުހާ އަށް ބަލަހައްޓައިގެން ހުރެ އައްފާން ވާހަކަދެއްކީ ހަރުކަށި ކޮށެވެ.
އައްފާންގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައީ ކޮޓަރިން ނިކުމެ ދޮރުލައްޕާލި ފަހުންނެވެ. ހިމޭންވެފައި ކޮޓަރި ދޮރުމަތީގައި އައްފާން މަޑުކޮށްލައިގެން ހުއްޓެވެ. ގޭތެރެއިން އިތުރު މީހަކަށް އޭނާ އެތާ ހުއްޓާ ފެނުމުގެ ކުރިން އަވަހަށް އެތަނުން ދިޔައެވެ.
****
މޭޒުކައިރީގައި ހިމޭންވެފައި އިން ނުހާ ހަމަޔަކަށް އެޅުވޭތޯ ދެފަރާތުގައި ތިބި އެކުވެރިން މަސައްކަތްކުރަމުން ދިޔައެވެ. އޭނާއަށް އަދިވެސް ގޮތެއް ނުނިންމެއެވެ. ނިދުމުގެ ކުރިން އައްފާނަށް ޖަވާބެއް ދޭންޖެހެއެވެ. އަތޮޅުތެރެ ކަހަލަ ފަކުރު ތަނެއްގައި ދިރިއުޅުމަކީ ހުވަފެނަކުންވެސް އޭނާ ދުއްކަމެއް ނޫނެވެ. އަނެއްކޮޅުން ވަކި ދިރިއުޅުމެކެވެ. ބަދިގެއަށް ވަދެ ކައްކައިގެން ތަށިދޮވެ ހަދައިގެން އުޅެންވެއްޖިއްޔާ ގެއްލޭނީ މީހާގެ ސިފައެވެ. އެހާ ލޯބިން ދިގުކޮށްފައި ހުރި ނިޔަފަތިތައް ހަލާކުވެ ބިނދޭނެއެވެ. މުޅި ގައިން ދޮވާނީ ބަދިގެ ވަހެވެ. ބޭރަށް ނިކުމެ ހަމަނޭވައެއްލާނެ އެންމެ ވަގުތުކޮޅެއްވެސް ނުވާނެއެވެ.
"ދެން ކޮންގޮތަކަށް ތިވިސްނަނީ؟" ޖުމާ އެހިއެވެ.
"ނޭނގޭ މަށަކަށް. އަހަރެން ވަރަށް ލޯބިވޭ އައްފާންދެކެ" ނުހާ ބުންޏެވެ.
"ތިބުނާ ރަށަކަށް ގޮސްފަ އައިފަހުން ވީގޮތެއް. ރަނގަޅަކަށްވިއްޔާ އަންހެނަކާ ތަތްވެފަ އޮންނާނީ. އެއީ މިއުޅޭ ފައްވާޒްގެ އެކްސްވައިފް ގެ ރަށެއް ނޫންތަ؟ މުޅިންވެސް އެކަހަލަ ކަޓު އަންހެނުން އުޅޭ ރަށެއް. ވަރަށް ފޫހިވޭ" މާހީ ބުންޏެވެ.
"ދޫކޮށްލާ. ދުރުވާން އުޅޭ މީހެއް ކޮންމެހެން ލައިފްގަ ބަހައްޓާނެކަމެއް ނެތް. ނުންނުއަށް އަދި މާ ސްމާޓް މީހުން ވާނެ. ފަސޭހައެއްނު. މިނިވަންކަމަށް ހުރަސްއަޅާނެ މީހަކު ދެނެއް ނުހުންނާނެއްނު" ޖުމާ ބުންޏެވެ.
"ފަސޭހައެއްނޫން. ނިއަމް އާ ދުރުގައި ހުރެވިދާނެ. އެކަމަކު އައްފާން. ހަމަ އަސްލަށްވެސް އަހަރެން އައްފާން ބޭނުން" ނުހާ ބުންޏެވެ.
"ތިހެންވިއްޔާ ބުނޭ އެރަށަކަށް ނުދާނަމޭ. ވަކިން ދިރިއުޅެފާނަމޭ... ދެން ބުނާނީ އަހަރެން މިބުނާހެން" ޖުމާ ބުންޏެވެ.
****
ގޭ ކައިރިއަށް ސައިކަލު މަޑުކޮށްލާފައި ފޭބީ ދެކުދިން އެކުގައެވެ. ދޮރާށިން އެތެރެއަށް ނޫރީން ވަނުމުން ޒާރާ ދިޔައީ ފިހާރަ އާ ދިމާލަށެވެ. މަންމަ އިންނާނީ ފިހާރައިގައި ކަން އެނގޭތީއެވެ. ނަސީބަކުން ޒާރާ އަށް ވަދެވުނީ ފިހާރައިގައި އިންނަ ބިދޭސީ ފިރިހެންމީހާ އާ އެކުގައެވެ.
"ތި އައީތަ؟ ނޫރީން ގޭތެރެއަށް ވަދެއްޖެ ދޯ" ޒާރާ ފެނުމުން ހިމްނާ ބުންޏެވެ. ޒާރާ ބޯޖަހާލިއެވެ.
ބިދޭސީ މީހާ އާ ކައުންޓަރު ހަވާލުކޮށްފައި ހިމްނާ ތެދުވިއެވެ. ގޯތިތެރެއަށް ކަނޑާފައި ހުރި ދޮރުން ދެމައިން ގޯތިތެރެއަށް ވަނެވެ.
"މަންމަ ދިޔައީ ކާންހަދާފަ. އާދޭ ކާން" ހިމްނާ ބުންޏެވެ.
މާގިނަ އިރެއްނުވެ ތިންމައިން އެކުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ފެށިއެވެ. މައިގަނޑު ގޮތެއްގައި ކާމޭޒުދޮށުގައި ދެކެވުނީ ކުރިއަށް އޮތް ނޫރީންގެ ޓެސްޓްތަކުގެ ވާހަކައެވެ.
"މިދަނީ ނިދަން އެނގޭ މަންމާ. ވަރަށް ވަރުބަލި" ކައިގެން އެންމެ ކުރިން މޭޒު ކައިރިން ތެދުވީ ނޫރީންއެވެ.
"މަންމާ، އަހަރެން ވާހަކައެއް ބުނަން ބޭނުން" ޒާރާ ބުންޏެވެ. ތަށިތައް ނަގަމުންދިޔަ ހިމްނާގެ ސަމާލުކަން ޒާރާއަށް ހުއްޓުނެވެ.
"އަހަރެންގެ ކޮޓަރިއަށް ބަދަލުވާންވެގެން"
"އުނހު. އަދިނުވޭ. ޒާރާ އެކޮޓަރިއަށް ވަންނަންވީމަ މަންމައަށް އެނގޭނެ. އަދި މަޑުކޮށްލާ"
އިތުރަށް ޒާރާ އެއްޗެއް ނުބުނެއެވެ. މަންމަގެ ކޮންމެ ނިންމުމަކަށްވެސް ޒާރާ އިހްތިރާމްކުރާނެއެވެ. އޭނާއަށް ދެރަވާ އެއްވެސް ގޮތަކަށް މަންމަ އެއްވެސް ކަމެއް ނުނިންމާނެއެވެ.
****
ގަޑިން ބާރަޖަހަން ދެ މިނެޓް ހުއްޓެވެ. އައްފާނާއި ނުހާ އެނދުގައި ތިބިއިރު ކޮޓަރިތެރެއަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭންކަން މުގުރާލީ އައްފާންގެ ފޯނަށް އައި ފޯނުކޯލެވެ. މުހިންމު ކޯލެކެވެ. ވަގުތުން އައްފާން ފޯނު ނަގައިފިއެވެ.
"ޝުކުރިއްޔާ ވަރަށް ބޮޑަށް. މާދަމާ އަޅުގަނޑު ނުހުންނާނެ މިކޮޅުގަ. އެކަމަކު ޝަރިއްޕެ ލައްވާ ލިޔުންތައް ލާނަން" އައްފާން ބުންޏެވެ. އަނެއްފަރާތަށް އެނބުރިގެން އޮތަސް ނުހާގެ ދެކަންފަތް ވަނީ އައްފާން ދައްކަމުންދިޔަ ވާހަކަތަކަށް ހުޅުވާލާފައެވެ.
"ސަރ. އަދި އެއްކަމެއް ޔަގީންކޮށްލަން ބޭނުން. ސަރ އަށް ޔަގީންތަ އަޅުގަނޑުގެ ރަށުން ޖޮބް ހަމަޖެހޭނެކަން"
އައްފާން ފޯނު ބެއްވީ އެޔަގީންކަން ލިބުނީމައެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ. ބޮލުން ހީވީ ބުރައެއް ފިލައިގެން ދިޔަހެންނެވެ. މުޅި ދުވަހު އެއްކޮށް އެ ކޯލަށް އޭނާ އިންތިޒާރުކޮށްފިއެވެ. އެންމެފަހުން ބޭނުންވިގޮތަށް ވަޒީފާ ބަދަލުކުރުމުގެ ކަންކަން ހަމަޖެހުނީތި ހިތްހަމަޖެހުނެވެ. ދެން އައްފާން ގުޅީ އެހެން ރައްޓެއްސަކަށެވެ. އެއީ މޯލްޑިވިއަންގައި އުޅޭ އޭނާގެ އެކުވެރިއެކެވެ. ފުރަންޖެހޭ ގަޑިއާއި ޓިކެޓްގެ ހުރިހާކަމެއް އޭނާ ބެލީ ޖާގަ ލިބުނުކަން ކަށަވަރު ނުވާތީއެވެ. އެންމެފަހުން އެކަންވެސް ކަށަވަރުވިއެވެ. ދެން އޮތީ އެންމެ ބޮޑު ކަންތަކެވެ. ނުހާގެ މައިންބަފައިންނާ ނުހާ ހަވާލުކުރުމެވެ. މީގެ ދުވަސްތަކެއް ކުރިން އަންބެއްގެ ސިފައިގައި ހެއްދެވިފަރާތުން އޭނާއަށް ދެއްވި އަންހެނާއަށް ފަހުވަގުތާ ހަމައަށް ހިޔާނާތްތެރިނުވެ އަމާނާތްތެރިވީކަން ނުހާގެ އާއިލާ މީހުންނަށް ސާބިތުކޮށްދިނުމެވެ. ނުހާގެ މައިންބަފައިންގެ ފަރާތުން ހިތްހަލާލު ހޯދުމެވެ. އައްފާންގެ ހިތުގައި ރިއްސާލިއެވެ. އެއީ ދުވަހަކުވެސް އައިސްދާނެކަމަށް އުއްމީދުކުރި ދުވަހެއް ނޫނެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. އެދުވަސްވެސް އައިސް ޖެހިއްޖެއެވެ. ދިރިއުޅުމަކީ މިކަހަލަ އެއްޗެކެވެ.
އައްފާން ތެދުވެގެން ގޮސް ނެގީ އަލަމާރި މަތީގައި ހުރި ފޮއްޓެވެ. މާދަމާ އޭނާއަށް ވަގުތެއް ނުވާނެއެވެ. ފޮއްޓަށް އެއްޗެހި އަޅާފައި ބަހައްޓައިގެން ވާނީ ފަސޭހައެކެވެ. ނިއަމްގެ އަލަމާރި ހުޅުވާފައި އެންމެ ފުރަތަމަ ބޭނުންވީ ނިއަމްގެ އެއްޗެހި ޕެކްކުރާށެވެ. އެކަމަށް ކޮޓަރިތެރެ އަލިކޮށްލުމުގެ ގޮތުން ލައިޓްތައް ޖައްސާލިއެވެ.
ނުހާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ. ހަގީގަތުގައިވެސް އައްފާން ދަނީ ހެއްޔެވެ؟ ނިއަމްވެސް ގޮވައިގެން ހެއްޔެވެ؟ ހަމަ ހަގީގަތަށްވެސް އައްފާންގެ ހިތް އެހެން އަންހެނަކަށް ދެނީ ހެއްޔެވެ؟ ނިއަމް އެރަށަކަށް ފޮނުވާފަ އައްފާން މަޑުކުރާނެނަމައެވެ. ކުރިން ވި ލޯބި ވާނެ ނަމައެވެ.
"އަހަރެން ވާހަކައެއް ބުނަން ބޭނުން" ނުހާ ބުންޏެވެ.
ނިއަމްގެ ފޮށި ލައްޕާލާފައި އެނދުގައި އައްފާން އިށީނެވެ. ނުހާއަށް ބަލައިނުލައެވެ. ހެންނަމަވެސް އޭނާގެ އެ އަމަލުން ނުހާގެ ބުނަން އުޅޭ ވާހަކަ އަޑުއަހަން ވަގުތުދިނީކަން އެނގެއެވެ.
"ހަމަ ދަނީތަ؟ އަހަރެން ދޫކޮށްލަންތަ ތިއުޅެނީ؟" ނުހާ ބުންޏެވެ. ނުހާގެ އަޑުގައި ރިހުމެއް ވިއެވެ.
"ނުހާ ހީކުރީތަ ނުހާ ހިތުހުރިހާ ގޮތަކަށް އުޅޭތަން ބަލަން އަހަރެން ހުންނާނެކަމަށް. ނުހުންނާނަން. މި ދިރިއުޅުން މަތިން އަހަރެން ފޫހިވިތާ ކޮންދުވަހެއް. އަހަރެން ނުބުންޏަސް މާދަމާ އަހަރެން ފުރާކަން މިހާރު ނުހާއަށް އެނގޭނެ" އައްފާން ބުންޏެވެ.
ދެލޮލުން ފައިބަން ތައްޔާރުވި ކަރުނަތިކި ހިންދާލާފައި އަނެއްކާވެސް އައްފާން ތެދުވިއެވެ. އޭނާ ގޮސް ނެގީ އޭނާގެ އަންނައުނެވެ. ނުހާގެ ކެތްތެރިކަން ކޮޅުންލިއެވެ. ތެދުވެގެން ގޮސް އައްފާންގެ ދެއަތުގައި ހިފެހެއްޓިއެވެ. ހަމަ ހިފުމާއެކު ނުހާގެ ދެއަތް އައްފާން ފޮޅާލިއެވެ. ނުހާ އެގޮތަށް މިހާރު އެ އުޅެނީ އޭނާގެ އަމިއްލަ އެދުމެއް އޮވެގެންކަން ޔަގީނެވެ.
"ތިއީތަ އައްފާން އަހަރެންދެކެ ވި ލޯތްބަކީ؟ ހިތަށް އެރީމަ ދޫކޮށްލާފަ ތިދަނީ އަހަރެން އެކުވެރިންނާއެކު ބޭރަށްދާތީ އޭ ކިޔާފަތަ؟ މިހުރިހާ ދުވަހު އައްފާނަށް މައްސަލައަކަށް ނުވާ ކަންކަން މިހާރު މައްސަލައަކަށް ވެގެން ތިއުޅެނީ ކިއްވެތަ؟"
އައްފާން ރުޅިއައެވެ. ފުރަތަމަ ފަހަރަށް ނުހާގެ ދެކޮނޑުގައި ހިފަހައްޓާފައި ފަހަތަށް ކޮށްޕާލިއެވެ. އައްފާންގެ އެ އަމަލުން ނުހާއަށް ލިބުނީ ޝޮކެކެވެ. އެއީ އަދި އައްފާންގެ ފުށުން ނުފެންނަ ކަމެކެވެ.
"ބުނަންތަ ވާހަކައެއް. އަހަރެންގެ ކެތްތެރިކަން އިމްތިހާންކުރަން ނޫޅޭތި. އަހަރެން ނުހާދެކެ ވީ ޠާހިރު ލޯތްބަށް ފާޑުކިޔޭނެ އެއްވެސް ފުރުސަތެއް މިއަދާ ހަމައަށްވެސް ނުހާއަށް ދީފައެއް ނޯންނާނެ. އަހަރެން ނުހާ ދޫކޮށްލާނީ އެކަމުގައި އަހަރެންގެ ކުށެއް އޮވެގެން ނޫންކަން މުޅި ދުނިޔެވެސް ހެކިވާނެ" އައްފާން ބުންޏެވެ.
ނުހާއަށް ރޮވުނެވެ. އޭނާ ގޮތްނިންމަންވީ ވަގުތު ޖެހުނީކަން އޭނާއަށް އެނގުނެވެ. ހަނދާންވީ އެކުވެރިން ދިން ހިޔާލެވެ. އެއީ ރަނގަޅު ގޮތެކެވެ. އައްފާންގެ ވިސްނުން ބަދަލުކުރެވިދާނެއެވެ.
"އައްފާން... އައްފާން މަޑުކޮށްބަލަ. އަހަރެން ގަބޫލު. އެހެން ތަނެއްގަ ދިރިއުޅެން އައްފާން ކުރި ޝަރުތާ އަހަރެން އެއްބަސް"
[އައްފާންގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. އެ ޝަރުތާ ނުހާ ގަބޫލުވާނީ ރަނގަޅު ވިސްނުމެއްކަމެއް ނުވަތަ ނޫންކަމެއް އެވަގުތު ކަނޑައަޅަން އޭނާއަށް އުނދަގުވީއެވެ. ހަގީގަތުގައި ނުހާ ބުނި ބުނުމަށް އޭނާއަށް އިތުބާރުކުރަން ދަތިވީއެވެ.
"ތި ވިސްނުން ނުހާ ދުވަހަކުވެސް ބަދަލުނުކުރާނެކަމަށް ވައުދުވާން ކެރޭނެތަ؟" އައްފާން ބުންޏެވެ.
ނުހާ ދުވެލާފައި އައިސް އައްފާންގެ އަތުގައި ހިފެހެއްޓިއެވެ.
"އެންމެ ފުރަތަމަ ކަންތައް. ނުހާގެ ތި މުޑުދާރު ދެއަތުން އަހަރެން ގައިގައި އަތްނުލާތި. ނުހާ ގޮވައިގެން އަލުން އަހަރެން ދިރިއުޅޭން ފެށިއަސް އަހަރެންނާ ގާތަށް ނުހާ އަށް އާދެވޭނީ އެ ފުރުސަތު އަހަރެން ދިންއިރަކުން" އައްފާންގެ އިންޒާރުގެ އަޑުން ނުހާ ދުރަށްޖެހުނެވެ.
"އެކަމަކު އަހަރެމެން ގެންގުޅޭ މީހަކު ހޯދާނީ ދޯ. ގޭ ކަންކަން ކުރަން ދެން ނިއަމްގެ ކަންކަން ކުރަން. އޭރުން އަހަރެމެންނަށް ޕްރައިވެސީ ލިބޭނެއްނު. އޭރުން އަހަރެން އައްފާނާއެކު ނޫން ގޮތަކަށް ބޭރަކަށް ނުދާނަން" ނުހާ ބުންޏެވެ.
މިފަހަރު އައްފާން ކައިރިއަށް އައީ ހިންޏެވެ. ނުހާގެ ގަމާރުކަން ހިތަށް އަރާފައެވެ. އެހެންނަމަވެސް ރުޅިވެސް އައެވެ. ނުހާގެ ހީލަތްތެރިކަން ހިތަށް އެރުމުންނެވެ. އައްފާންގެ ދެއަތް މުއްކެވިގެން ދިޔައެވެ. ދެލޮލުން އެއްވަރު އެއްވަރަށް ކަރުނައިގެ ރޮނގެއް ތިރިއަށް ދެމިގެން ދިޔައެވެ. އެހެންނަމަވެސް އެ ކަރުނަތައް ނުހާއަށް ފެނުމުގެ ކުރިން އަވަސް އަވަހަށް ފޮހެލިއެވެ.
"ނުހާ ހީކުރީ އަހަރެން މިއުޅެނީ ނުހާ އާ އެކު ޕްރައިވެސީ ނުލިބިގެން ކަމެއްތަ؟ ނުހާ ހީކުރީ އަހަރެން މިއުޅެނީ ގެންގޫޅެ މީހަކު ނުހޯދިންގެން ކަމަށްތަ؟ ނުހާ ހީކުރީ އަހަރެންންނަށް ނިއަމްގެ ކަންކަން ކުރަން ބުރަވެގެން އުޅޭކަމަށްތަ؟ އަހަރެންގެ ދިރިއުޅުމަށް މަދުވަނީ ގެންގުޅޭ މީހެއްތަ؟ ދާދި ދެންމެއަކު އަހަންނަށް ކުޑަކުޑަ އުއްމީދެއް ލިބުނު. އެކަމަކު އެ އުއްމީދުވެސް މިހާރު ފުނޑުފުނޑުވެއްޖެ. މި ދިރިއުޅުމަށް އަހަރެން އިތުރަށް ދެން ކުރަންވީ ކޮން އުއްމީދެއް؟ އަހަރެން ހުއްޓުވަން ނޫޅޭތި. އަހަރެން ކޯޓުން ނިންމަންޖެހޭ ހުރިހާކަމެއް ނިންމާނަން"
ނުހާއަށް ހުރެވުނީ ހުރި ފިޔަވަޅު މަތީގައި ގާ ވެފައެވެ. އިތުރަށް އައްފާން ހުއްޓުވަން އޭނާ މަސައްކަތެއް ނުކުރެއެވެ. ރޮވިފައި ބަލަހައްޓައިގެން ނުހާ ހުއްޓެވެ.
ފޮށި ބަންދުކޮށް އަލަމާރި ކައިރީގައި ބަހައްޓާފައި ލައިޓުގެ އަލި އައްފާން ފަނޑުކޮށްލިއެވެ. އެނދަށް އަރާފައި ފުންނޭވައެއް ލިއެވެ.
"މާދަމާއަކީ ތި އަންހެނާ އަހަރެންގެ އަންބެއްގެ ގޮތުގައި ހުންނާނެ އެންމެފަހު ދުވަސް"
(ނުނިމޭ)