އެޕަލްގެ އާ އައިއޯއެސް 17 ބީޓާގައި ''ކޯލް އެންޑް'' ބަޓަން އެހެން ދިމާލަކަށް ބަދަލުކޮށްފިއެވެ.
އެޕަލް އިން އެ ކުންފުނީގެ އައިފޯންތަކުގައި ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމް ނުވަދަ އައިއޯއެސްއަށް ދަނީ އަބަދުވެސް ތަފާތު ބަދަލުތަކެއް ގެނެސް، އިތުރު އަޕްގްރޭޑް ވާޝަންތަކެއް ތައާރަފުކުރަމުންނެވެ.
މިހާރު އެޕަލް އިން އެންމެ ފަހުން ތައާރަފުކޮށްފައިވާ އައިއޯއެސް 16 އަށް ބަދަލުތަކެއް ގެންނަ އިރު، އައިއޯއެސް 17 ބީޓާ ވަނީ ޑިވެލޮޕަރުންނަށް ދޫކޮށްފައެވެ.
އެޕަލްއިން އައިއޯއެސް 17 ބީޓާ ޑިވެލޮޕަރުންނަށް ދޫކޮށްފައިވާ އިރު، އެންމެ ބޮޑު ބަދަލެއްގެ ގޮތަށް އަދި ފާހަގަވެފައިވަނީ އައިއޯއެސް 16 އާއި އޭގެ ކުރީ ވާޝަންތަކުގައި ކޯލް އެންޑް ބަޓަން ޑިސްޕްލޭ ތިރީ މެދުގައި ހުންނަތަނަށް ބަދަލު ގެނެސް 17 ބީޓާގައި ކަނާތްފަރާތު ތިރީ ކަނަށް ބަދަލުކުރުމެވެ.
އައިއޯއެސްގެ ކުރީ ވާޝަންތަކާ ހިލާފަށް 17 ބީޓާގައި ކޯލް އެންޑް ބަޓަން ހުންނާނީ އެހެން ބަޓަންތަކާ އެއްހަމައެއްގައެވެ.
އައިއޯއެސް 17 ބީޓާއަށް ދެން އަންނާނެ އާ ފީޗާއަކީ ގުޅާ މީހާގެ ފޮޓޯ ޑިސްޕްލޭއިން ފެންނަ ގޮތް ހެދުމެވެ. މީގެ އިތުރުން މެސެންޖާ އެޕްގައި އާ ބަޓަންއެއް ތައާރަފުކުރާނެއެވެ. + ބަޓަން އިން ވަގުތުން ވަގުތަށް ފޮޓޯ ފޮނުވުމާއި، ވޮއިސް މެސެޖު ރިއަލް ޓައިމްގައި ޓްރާންސްކްރިޕްޓް ކުރުމާއި ދެ ފޯނު ކައިރިކޮށް ކޮންޓެކްޓުތައް ބަދަލުކުރުމުގެ ފީޗާ ހިމެނެއެވެ.