ނ. ލަންދޫ ކައުންސިލުން އެމް-ފައިސާ މެދުވެރިކޮށް އެ ކައުންސިލަށް ފައިސާ ދެއްކޭ ގޮތް ހަދައިފިއެވެ.

އުރީދޫން މިއަދު ބުނީ ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ލަންދޫގެ ރައްޔިތުންނަށް ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކައުންސިލަށް ދައްކަންޖެހޭ ފައިސާ މިހާރު ދައްކާލެވޭނެ ކަމަށެވެ.

އެމް-ފައިސާ އަކީ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ބިލް ވެސް ދެއްކޭނެއެވެ.

ލަންދޫ ކައުންސިލްގެ ރައީސް އަބުދުލްއަޒީޒު މުހައްމަދު ވިދާޅުވީ ލަންދޫ ކައުންސިލުން އަބަދުވެސް އިސްކަން ދެނީ ހިދުމަތްތައް ފަސޭހަކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް ކަމަށެވެ.

"ކައުންސިލް އިން ނަގަމުންދާ ޕްރީ ސްކޫލް ފީ، ކުނި ފީ ގެ އިތުރުން އަދިވެސް އެހެނިހެން ފީތައް އެމް-ފައިސާ މެދުވެރިކޮށް ބަލައިގަތުން ހަމަޖެހިގެން ދިއުމީ ކައުންސިލަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް. ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަ ކުރުމުގެ އިތުރުން ލަންދޫ މުޖުތަމައުގައި ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުމުގެ ސަގާފަތެއް ވެސް ޕްރޮމޯޓްވެގެން ދާ ކަމެއް," އަބުދުލްއަޒީޒު ވިދާޅުވިއެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޑިޖިޓަލް ރާއްޖެއެއް އުފައްދައި، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރާ މަސައްކަތާއި މި ޕާޓްނާޝިޕް ވަރަށް ބޮޑަށް ގުޅޭ ކަމަށެވެ. މި ޕާޓްނާޝިޕާ އެކު އަމާޒަކީ ރައްކާތެރިކަމާ އެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމާއި މި ސަރަހައްދުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޕާޓްނަރޝިޕާ އެކު ޑިޖިޓަލް ލުއިފަސޭހަކަން ކުރިއެރުވުމުގައި އުރީދޫން ދޭ އަހައްމިއްޔަތުކަމުގެ އިތުރުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމައެއް ގާއިމުކުރުމަށް ލަންދޫ ކައުންސިލްގެ ވިސްނުން ވެސް ރަމްޒުކޮށްދޭ ކަމަށް އެކުންފުނިން ބުންޏެވެ.