ސައިބަރ ސްޕޭސްގައި ހިންގާ ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެދިއްޖެއެވެ.
ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަ ތަކަކީ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުންދާ ސްކޭމް މައްސަލަތަކުގެ ތެރޭގައި އިތުރުވަމުންދާ ކަމެއް ކަމަށް ވަނީ ފާހަގަވެފައެވެ. މިފަދަ ސްކޭމްތަކަކީ މީހުންގެ އިހުސާސްތަކާއި ނާޒުކު ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަކަރާއި ހީލަތުން ކަންކަން އޮޅުވާލައިގެން މާލީ މަންފާއެއް ހޯދުމަށް ޓަކައި ހިންގާ ކުށުގެ ބާވަތެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އާންމުގޮތެއްގައި މިފަދަ ކަންކަން ފެށެނީ އޮންލައިންކޮށް އެކަކު އަނެކަކާ ބައްދަލުވެ، ވާހަކަދެކެވޭ ގޮތަށް ފަރުމާކޮށްފައިވާ އެކި މީޑިޔާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ޑޭޓިން ޕްލެޓްފޯމްތަކާއި މީސް މީޑިއާގެ އެހެނިހެން ވެބްސައިޓްތައް މެދުވެރިކޮށްގެންނާއި ދުރު ގައުމުތަކުން ގިނަފަހަރަށް މި ކުށްކުރާ މީހުން ފޭކް ޕްރޮފައިލުތައް ހަދައި، ދޮގު އައިޑެންޓިޓީތަކެއް އުފައްދައި އަދި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އެއީ ހަގީގީ އަދި ހިތްގައިމު ބައެއްގެ ގޮތުގައި ދައްކައި އެބައި މީހުން ގަބޫލުކުރާ ހިސާބަށް ގެންދާ ކަމަށެވެ.
ޕްރޮފައިލް ހެދުމަކީ، ވަގަށް ނަގާފައިވާ ފޮޓޯ އާއި އަސްލުނަން ނޫން ނަންތަކާއި، އޮޅުވާލާފައިވާ އަމިއްލަ ތަފްސީލުތައް ބޭނުން ކޮށްގެން، އުފައްދާފައި ހުންނަ ޕްރޮފައިލްތަކެވެ. ސްކޭމްކުރާ ހިތްގައިމު ޕްރޮފައިލްތައް އުފައްދާ މީހުން ގިނަފަހަރަށް އެ މީހުންނަކީ ހިތްގައިމު، ކާމިޔާބު ބައެއްގެ ގޮތުގައި ސިފަކުރަނީ އެމީހުންގެ އަމާޒަށް މަގުފަހިކުރުމަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން އިތުބާރު އުފެއްދުމަށް، ސްކޭމްކުރާ މީހާ ޕޮޓެންޝަލް (އެކަމަށް ގާބިލު) ވިކްޓިމަކާ ގުޅުވައިލުމަށްފަހު އެ ގުޅުން ބަދަހިކުރުމަށްޓަކައި ވަގުތާއި މަސައްކަތް އިންވެސްޓްކުރާ ކަމަށާއި ވިކްޓިމްގެ އިތުބާރާއި އޯގާތެރިކަން ހޯދުމަށް މަކަރުވެރިން ބޭނުންކުރަނީ ސިކުނޑިއާ ޖަޒުބާތީ ގޮތުން ކުޅެލާ އޮޅުވާލުމުގެ ބަސްތައް ކަމަށްވެސް ފުލުހުން ބުނެއެވެ.
ހަމަމިއާއިއެކު މީހާގެ ކިބައިގައި ހުންނަ ބަލިކަށި ނުވަތަ ނާޒުކު ކަންކަން ދެނެގަނެ، އެމީހުންގެ ޝިކާރައަކަށްވާ މީހުންގެ ނަފުސާނީ ނާޒުކުކަން ދެނެގަނެ، އޭގެ ބޭނުން ނަހަމަގޮތުގައި ހިފަމުންގެންދާ ކަމަށާއި ގުޅުން ކުރިއަށްދާ ވަރަކަށް އެ މީހުން މަސައްކަތްކުރަނީ ޝިކާރައަކަށްވާ މީހުން އެމީހުންގެ ރައްޓެހިންނާއި އާއިލާއާ އެކަހެރި ކުރުމަށް ކަމަށްވެސް ފުލުހުންގެ ބުނެއެވެ. ގިނަ ފަހަރަށް އަނިޔާ ލިބޭ މީހުންނަށް ހަމައެކަނި އެމީހުންނާ މުއާމަލާތުކުރުމަށް ބާރުއެޅުމުގެ ސަބަބުން އަނިޔާ ލިބޭ މީހާއަށް އެހެން މީހުންގެ ލަފަޔާއި އެހީތެރިކަން ހޯދުމުގައި ދަތިތަކެއް އެ މުއައްސަސާއަށް ކުރިމަތިވާ ކަމުގައިވެސް ފުލުހުން ބުނެއެވެ.
ފޭކް އިމަޖެންސީސް ކަމަށް ބުނެ ފައިސާ ހޯދަން އެދުމާއި މަނީލޯންޑަރިންގެ މައްސަލަތަކުގައި ފިތި، ވަކި ހިސާބަކުން މީހާ ގެއްލިގެންދާކަމުގައިވެސް ފުލުހުން ބުނެއެވެ. ހިޔާނާތްތެރިވާ މީހާ އެ ހިސާބުން ގެއްލޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އެދެނީ ލޯބީގެ/ ރޮމޭންސް ސްކޭމްތައް ހުއްޓުވުމަށް، މާ އަވަހަށް ގުޅުމަކަށް އަވަސްވެގަނެ ނުވަތަ ރަނގަޅަށް މީހާ ނޭނގެނީސް، ގަބޫލު ނުކުރެވޭ ފަދަ އިހުސާސްތައް ފާޅުކުރާ ފަރާތްތަކާ މެދު ސަމާލުވުމަށެވެ. އޮންލައިންކޮށް ބައްދަލުވި މީހަކަށް ފައިސާ ނުވަތަ މާލީ މައުލޫމާތު ނުފޮނުވުމަށްވެސް ފުލުން އެދިފައިވެއެވެ. ޝައްކު ކުރެވޭ އެކައުންޓުތަކާއި ހަރަކާތްތައް ޕްލެޓްފޯމް އެޑްމިނިސްޓްރޭޓަރުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ރިޕޯޓުކުރުމަށްވެސް އެ މުއައްސަސާއިން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު