Close Election
Close
ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 19

6

މާހީ އާއި ފައްވާޒްގެ އަނގަ އެއްފަހަރާ ސަކަރާތްވިއެވެ.

ފައްވާޒް މާހީއަށް ބަލައިލިއެވެ. އެ ވަގުތު މާހީގެ އަތްތިލައަށް ފިތާލުމަށްފަހު އިޝާރާތުން ފައްވާޒް އެންގީ އިހަށް އައްފާނާ ވާހަކަ ނުދެއްކުމަށެވެ. މާހީ އަކީ އެއްގޮތަކަށްވެސް އައްފާން ހިތްހަމަޖެހޭ ކުއްޖެއް ނޫންކަން ފައްވާޒަށް އެނގެއެވެ. މާހީ އާއި ޖުމާ އަކީ ނުހާގެ އެކުވެރިން ކަމުގައި ވިޔަސް އިސްވެ އެއިން އެއްވެސް މީހަކާ އައްފާން އަނގައިން ބުނެފައި ނުވެއެވެ. އެހެންނަމަވެސް މާހީ އިނީ ފައްވާޒް ބުނާ އެއްޗެއް އަޑުއަހަން ބޭނުންވެފައެއް ނޫނެވެ. އައްފާންގެ ސަބަބުން ނުހާ ކުރާ ހިތާމަ މާހީއަށް އެނގޭތީ އޭނާ އިނީ އައްފާން ރުޅިއަރުވަން ބޭނުންވެފައެވެ. ކުށްބޮޑީ ނުހާ ނޫންކަން އައްފާނަށް އަންގައިދޭން ބޭނުންވެފައެވެ.

"ނުހާ ބުނި ތި ދެމީހުން މައްސަލަ ޖެހިގެން އުޅޭ ވާހަކަ. އަޅެ އަހަރެމެން ނުކުރަމޭ ގޯސްކަމެއް. ހަމަ މަޖާކޮށްލަން ރިސޯޓަށް ދިޔައީ. ނުހާ ވަރަށް ދެރަވެގެން އެ ވާހަކަ އަހަރެން ކައިރީގަ ދެއްކީ. ނުހާ ބުނި ފަހަކަށް އައިސް އައްފާން ވަރަށް ބޯހަރު ވާހަކަ" މާހީ ބުންޏެވެ.

ފައްވާޒް ކައިރިއަށް ރުޅިއައެވެ. އެކަން މާހީއަށް އެނގުނީ މާހީގެ އަތްތިލައިން ކުއްލިއަކަށް ފައްވާޒް ދޫކޮށްލުމުންނެވެ. އައްފާނާ ދެމެދު އޮތް ހީނަރުވެފައިވާ އެކުވެރިކަން ރަނގަޅުކުރަން ފައްވާޒް ބޭނުންވެފައި ވަނިކޮށް މާހީ އެ ދަނީ ހުރިހާކަމެއް ހަރާބުކުރަމުންނެވެ.

"ނުހާ ބުނި ތި ދެމީހުންގެ ގުޅުންވެސް ވަރަށް ކުޑަ ވާހަކަ" އަނގަ ހަދައިލަމުން މާހީ ބުންޏެވެ.

މާހީގެ ވާހަކަތަކުން އައްފާންގެ ލޭ ކެކިގެން ދިޔައެވެ. ނުހާ ދެކެ އިތުރަށް ހިތްހަމަނުޖެހުނެވެ. ދެމަފިރިންގެ މެދުގައި ޖެހޭ ވާހަކަތައް އެގޮތަށް ރައްޓެހިން ކައިރީގައި ދައްކަން ނުޖެހެއެވެ. އެވެސް ފިރިމީހާ ގޯސްކޮށްފައެވެ. އެހެންނޫނަސް އެއްވެސް ކަމެއް ނުހާގެ ފަރާތުން ރަނގަޅުވުމަށް އައްފާން މިހާރު އުންމީދެއް ނުކުރެއެވެ. އެނދުމަތީގައި ދެމަފިރިންގެ މެދުގައި ހިނގާ ގުޅުމުގެ ވާހަކަވެސް އެހާވަރުން ދަންޏާ ނުހާ ހުންނާނީ ދައްކައިފައެވެ.

"ރަށަށް ޖައްސާލާފަ ދޯ ތިއައީ. ރަނގަޅުތަ އެންމެން؟" މާހީއަށް އިތުރަށް ފުރުސަތު ކުޑަކުރުމުގެ ގޮތުން ފައްވާޒް ބުންޏެވެ.

"ހޫން... ދުރުދުރުން ނަމަވެސް ވަރިކުރިފުޅުގެ ހާލު ނުބަލައި ނުހުރެވޭ ދޯ. ވަރަށް ފޫހިވޭ" މާހީ ބުންޏެވެ.

ވަގުތުން ފައްވާޒްގެ އަނގަ ބަންދުވިއެވެ. ހިތްހަމަނުޖެހޭ ކަމެއްވެއްޖެނަމަ ހުރެވުނީ ކޮންތަނަކުތޯވެސް މާހީ ނުބަލާނެއެވެ. ފައްވާޒަށް ބުނާކަށް ވަކި އެއްޗެއްވެސް ނޯވެއެވެ.

"ދަނީ" އައްފާން ތެދުވެގެން ހިނގައިގަތެވެ.

****

ސެޝަން ނިމުނުގޮތަށް ފޮތްތައް ސްޓާފްރޫމަށް ލާފައި ޒާރާ ބޭރަށް ނުކުތެވެ. އޭނާގެ މިސްރާބު ހުރީ މަސައްކަތު މީހުން ތިބޭ ބަޔަށެވެ. ވާގޮތެއް ބުނެދޭކަށް ނޭނގެއެވެ. މިއަދު ޒާރާގެ ހިތަށް އާދަޔާހިލާފަށް އުނދަގޫ އެބަވެއެވެ. ނަމާދުވެސްކޮށްފިއެވެ. ޒިކުރުކޮށް ދުއާވެސް ކޮށްފިއެވެ. ލިބުނު ހުސްވަގުތުކޮޅުގެ ތެރޭގައި ފޯނުން ބަލައިގެން ގުރުއާންވެސް ކިޔެވިއެވެ. ހިތަށް ޝިފާ ލިބުނެވެ. އެހެންނަމަވެސް ހިތަށް ލިބިފައިވާ ހުސްކަމެއް ނުފިލިއެވެ. އޭނާއަށް ހިތްހަމަޖެހުމެއް ދެން ލިބޭނީ ހިމްނާގެ ފަރާތުންކަން އެނގޭތީ އޭނާ ދިޔައީ ހިމްނާއާ ބައްދަލުކުރާށެވެ.

މަސައްކަތު މީހުން ތިބޭ ބަޔަށް ވަދެވެނީ ހަތަރު ސިޑީގެ ހަރުފަތްތަކެއް ކަޑައްތުކޮށްފައެވެ. އިހުސާސް ކުރެވުނީ ބިމުގެ މަތީގައި ހުރެފައި ސިޑިއަކުން ބިމުގެ އަޑިއަށް ފޭބުނު ކަހަލަ އިހުސާސެކެވެ. ކުއްލިއަކަށް ދޮރަށް އެރި ޒާރާ ފުރަތަމަވެސް ފެނުނީ ގުޑުގުޑާއެއް ދަމަން އިން މުނީރާއަށެވެ. ފިހިގަނޑެއް ހިފައިގެން ފާހާނައިން ނުކުތް ހިމްނާއަށް މުނީރާ ގޮވާލިއެވެ. ހިމްނާ ބަލައިލުމާއެކު ވަދެގެން އައި ޒާރާ ލޮލުން ހިމްނާއަށް މުނީރާ ދައްކާލިއެވެ. ޒާރާ ފެނުމުން ހިމްނާއަށް ލިބުނީ ހައިރާންކަމަކެވެ. މީގެކުރިން ޒާރާއަކީ ސެޝަނުގެ މެދުތެރެއިން ދުވަހަކުވެސް އެ ބަޔަށް އައި ކުއްޖެއް ނޫނެވެ. ބޮޑުކަމެއް ވިޔަސް ފޯނަށް ގުޅާފައި އެ ވާހަކައެއް ބުނާނެއެވެ. ކުއްލިއަކަށް ޒާރާ އަންނާނީ ކޮންމެވެސްކަމެއް ވެގެންނެވެ. ފިހިގަނޑު ދޫކޮށްލާފައި ފުންމައިގެން ގޮސް ހިމްނާ ޖެހުނީ ޒާރާގެ ކުރިމަތީގައެވެ.

"ކިހިނެއްވީ ދަރިއާ" ހިމްނާ ބުންޏެވެ.

ގައިގެ ވަރުދެރަވެފައިވާ މީހަކު ފަދައިން ހިމްނާގެ ގައިގައި ޒާރާ ބެއްދިއެވެ. އެ ހިސާބުން ކޮންމެވެސް ވަރަކަށް ޒާރާއަށް ރޮވުނެވެ. ސައި ހަދާ ކޮޓަރިއަށް ޒާރާ ގެންދެވުނީ ހިމްނާ އާއި މުނީރާގެ މަސައްކަތުންނެވެ. ޒާރާ ގޮނޑީގައި ބައިންދާފައި ކައިރީގައި ހިމްނާ އިށީނެވެ. މުނީރާ ގެނައި ފިނި ފެންފުޅިން ފެންތައްޓެއް އަޅާފައި ޒާރާއަށް ދޭން އުޅުމުން އޭނާ ތަށި ދުރުކޮށްލިއެވެ. ހިމްނާ ކަންބޮޑުވީ ދެނެވެ. ބަލިކަށިވެ ޒާރާގެ ދެލޮލުން ކަރުނަ ނުފެންނަތާ ދުވަސްތަކަކަށްފަހު ޒާރާ އެ ހާލުގައި ވާތަން ފެނުމުން ހިމްނާ އިނީ ވީގޮތެއް އޮޅުންފިލުވަން ބޭނުންވެފައެވެ.

"ވީކަމެއް ބުނީމަ މަންމައަށް އެނގޭނީ" ލޯތްބާ އޯގާތެރިކަމާއެކު ހިމްނާ ބުންޏެވެ.

"މަންމަ، ބޭނުންވަނީ ޖީޒާއްތަގެ ހުށަހެޅުން ގަބޫލުކުރަންތަ؟" ޒާރާ ބުންޏެވެ. މި ހުރިހާ އިރު އޭނާއަށް ހިތަށް ވަމުން އައި އުނދަގުލަކީ އެ އެވެ.

"މަންމަ އެހެން ބުނީ ކޮންއިރަކު؟" ހިމްނާ ބުންޏެވެ.

"އެ ދުވަހު ޖީޒާއްތަ އެ ވާހަކަދެއްކީމަ އެކަމާ ގުޅޭ އެއްވެސް ވާހަކައެއް މަންމަ އަހަރެން ކައިރީގަ ނުދައްކަމެއްނު" ޒާރާ ބުންޏެވެ. ޒާރާގެ މޫނުގެ ދެ ފަރާތުގައި ހިމްނާ ހިފަހައްޓާލިއެވެ. ލޯތްބާއެކު ޒާރާގެ ދެލޯ ކައިރިން ފޭދުނު ކަރުނަތައް ފޮހެދިނެވެ. އެ ގުޅުމަށް ހިމްނާ ވަކި ޖަވާބެއްނުދޭތީ ޒާރާ ވިސްނީ އެ ކަމާކަން ހިމްނާއަށް އެނގުނެވެ.

"މަންމާ. އަހަރެން ނުބުނަން ދުވަހަކުވެސް މީހަކާ ނީންނާނަމެކޭ. ދުނިޔޭގައި ހުރިއްޔާ ކޮންމެވެސް ދުވަހަކުން އަހަރެންވެސް މީހަކާ އިންނާނެ ދޯ. އެކަމަކު އެއީ ކާކާ ކަމެއް، އެއީ ކޮންދުވަހަކު ކަމެއް އަހަންނަކަށް ނޭނގޭ. އެކަމަކު އަދި ނުވޭ. އަދި އަހަރެން ބޭނުންވަނީ ވަގުތު. މީހަކަށް ދެރައެއް ދިނުމުގެ ނިޔަތުގައި އަހަރެން ދިރިއުޅުމެއް ފަށާކަށް ބޭނުމެއް ނޫން. އަހަރެން ދިރިއުޅުމެއް ފަށާނީ ފިރިހެނަކަށްޓަކައި އަހަރެންގެ ހިތުގައި އިތުބާރެއް އުފެދުނު އިރަކުން. މަންމަ އަހަރެންނަށް މަޖުބޫރު ނުކުރާނަން ދޯ" ޒާރާ ވާހަކަދެއްކިއެވެ.

ހިމްނާ ދެފަރާތަށް ބޯހޫރާލިއެވެ. ޒާރާ އެ ވިސްނަނީ މާދުރަށެވެ. ކައިވެންޏެއް ކުރަން ޒާރާއަށް މަޖުބޫރުކުރުމަކީ ދުވަހަކުވެސް އޭނާ ނުކުރާނެ ކަމެކެވެ. އަމުދުން ހަތަރު އުދަރެސް ފެނުޖެހިފައި ޒާރާ އިން ހާލަތުގައެވެ.

"ދެން ދޭ އަވަހަށް. ސެޝަން އެއްކޮށް ނިމުނީމަ ނޫރީންވެސް ގޮވައިގެން ތިންމައިން އެކުގައި ގެއަށް ދާނީ. މަންމަ ގުޅަންތަ ޖަންނައަށް ޒާރާ ބަލައި އަންނަން"

ޒާރާ ދެ ފަރާތަށް ބޯހޫރާލިއެވެ. މަންމައާ ވާހަކަދައްކާލެވުމުން ޒާރާގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. މަޑުމަޑުން އޭނާ ތެދުވިއެވެ. ހިމްނާ ކައިރީގައި ކޮޅަށް ހުރި މުނީރާއަށް ޒާރާ ހިނިތުންވެލިއެވެ. ޒާރާގެ ބުރަކަށީގައި މުނީރާ ފިރުމާލިއެވެ. ޒާރާގެ ފަހަތުން މަސައްކަތު މީހުން ތިބޭ ބައިގެ ދޮރާ ހަމައަށް ހިމްނާއާއި މުނީރާ އައެވެ.

"މި އުޅޭ ޖީޒާގެ ވާހަކަ ދޯ އެ މަންޖެ އެ ދެއްކީ. ނޫނޭވާ އެއީ އަންހެނެއް. މީހަކު އޭނާއަށް ވުރެ ކުރިއަރައި ދާތަން ބަލަން ހުރުމަކީ އޭނާއަށް ވާނެ ކަމެއް ނޫން. ނިކަން މޭ ނުބައިކުރާނެ" އެތެރެއަށް ވަންނަމުން މުނީރާ ބުންޏެވެ.

"މީހުން ނެތް ތަންތަނުގައި އެމީހުންގެ ވާހަކަދައްކައިގެން އަހަރެމެންގެ ފަތަށް ބަރުކުރާނެ ކަމެއް ނެތް. ﷲ އިރާދަކުރެއްވިއްޔާ އަހަރެންނާ އަހަރެންގެ ދަރީންނަށް އެއްވެސް މީހަކަށް ދެރައެއް ނުދެވޭނެ" ސާބިތުކަމާއެކު ހިމްނާ ބުންޏެވެ.

****

ބަނާނާ މިލްކްޝޭކް ތަށި ބަހައްޓާފައި ވެއިޓަރު ހިނގައިގަތުމާއެކު އެ ތަށި ނުހާއާ ގާތަށް މާހީ ޖައްސާލިއެވެ. ތަށިތެރޭގައި އޮތް ހޮޅި ނުހާ ތުންފަތުގައި ޖައްސާލީ އެކަމާ މާގަޔާވެފައި އިނދެއެއް ނޫނެވެ. މާހީއާ ބައްދަލުކުރަން ނުހާ އައީ ބޯގޮވައިގެންނެވެ. އައްފާން ބުނާގޮތް ހަދައިގެން ގޭގައި ހުންނަން އޭނާ ބޭނުމެއް ނުވެއެވެ. ޖުމާއަށް ވުރެވެސް ގާތް ގުޅުމެއް އޭނާގެ އުފެދުނީ މާހީއާ މެދުގައެވެ.

"އަނެއްކާ އެ ރަށުން ރީތި އަންހެންކުއްޖެއް އައްފާނަށް ފެނުނީ ކަންނޭނގެ. އެ ދުވަހު އަހަރެން އެ ހުރިހާ އެއްޗެއް ކިޔާލީމަވެސް އިނެއްނު އަނގަ ޗޭވެފަ" މާހީ ބުންޏެވެ.

"ތިހެން ކަންނޭނގެ. އަޅެ އަހަރެންނާ އިސްވެ އަނގައިންވެސް ނުބުނޭ. ކިހާ ދުވަހެއް މިވީ. ފިރިމީހާގެ ފަރާތުން އަހަރެންވެސް ބޭނުންވާނެ ކަންކަން ހުންނާނެ ދޯ" ނުހާ ބުންޏެވެ.

"އަހަރެން ބުނަންތަ ވާހަކައެއް. އައްފާން އެގޮތަށް ރުޅި ހަދާލައިގެން ހުއްޓަސް ވަރިކުރާކަށް ނުކެރޭނެ. ކޮންމެގޮތެއް ވިޔަސް ގޮތްދޫނުކުރާތި. ކާކު ބުނީ ނުންނު ގޯހޭ. ކައިވެންޏަށްފަހު ފިރިމީހާ އޮންނަންޖެހޭނީ އަންހެންމީހާގެ މުށުތެރޭގަ. ތި ހަދަނީ ރަނގަޅަށް ހަމަ" މާހީ ވާހަކަދެއްކިއެވެ. މާހީގެ ވާހަކަތަކުން އިތުރަށް ނުހާއަށް ހިތްވަރު ލިބެމުން ދިޔައެވެ.

މިލްކްޝޭކް ތަށީގެ މެދަކާ ހަމައަށް ބޮއެފައި ކުއްލިއަކަށް ކަމެއްގެ މަތިން ހަނދާންވެ މާހީއަށް ނުހާ ބަލައިލިއެވެ.

"ކޮބާ އެއްކަލަ ރާއްޕެ؟ ރިސޯޓުން އައިފަހުން ހަބަރެއް ނުވޭ. އޭނަވެސް އުޅުނީ އަމިއްލަ އެދުމެއް އޮތީމަ" ނުހާ ބުންޏެވެ.

"ނޫނޭ. ތިހެން ބުނީމަ ހަނދާންއެވީ. އޭނަ ބުނި ނުންނުއާ ބައްދަލުކޮށްދޭށޭ. ހިނގާ ބައްދަލުކުރަން ދަމާ. އޭނަ އުޅޭ އެޕާޓްމަންޓް ހުންނާނީ މިތާ ކައިރީގަ. އައްފާނަށް ކަމެއްކޮށް ނުދެވުނަސް ކީއްކުރަން ހާސްވަނީ. ވީކަމެއްވާނީ އައްފާންގެ ސަބަބުން. ހިނގާ ދަމާ"

ނުހާގެ އަތުގައި ހިފައިގެން މާހީ ހިނގައިގަތެވެ. ނުހާ ހުރީ ދެ ވިސްނުމެއްގައެވެ. ނުދާނަމޭ ބުނެ އޭނާ ދެކޮޅެއްވެސް ނުވެއެވެ.

****

ނިދާފައި އޮތް ނިއަމް އެނދުގައި ބާއްވާފައި އައްފާން ބަލައިލި އިރު، ނުހާ ފާހާނައިން ނުކުމެގެން ގޮސް ލޯގަނޑު ކައިރީގައި ހުއްޓިއްޖެއެވެ. އެއީ ހަވީރު ބޭރަށް ދިޔަ މީހާއެވެ. ބޭރުން އައިގޮތަށް ވަނީ ފާހާނާއަށެވެ. އައްފާން ކައިރީގައި އަހާލުމެއް، އެއްވެސް ހުއްދައެއް މިހާރު ނުހާއަށް މުހިންމެއް ނޫނެވެ. އޭނާ އަމިއްލަ ކަންކަމައިގެން އުޅުނުއިރު ކޮޓަރީގައި އެހެންމީހަކު އިންހެން ނުހާއަށް ހިއެއް ނުވެއެވެ.

ވަށްކަޅިއަކުން އެނދުގައި އިން އައްފާނަށް ނުހާ ބަލައިލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާއަށް ކަންތައްކުރެވުނު ގޮތާ މެދު ހިތުގެ ކަނަކުން އަޑުލަމުން ދިޔައެވެ. އައްފާން ކިތަންމެ ދުރުން އުޅުނަސް އެހެންމީހެއް ކައިރިއަށް ގޮސްގެންނުވާނެ ނޫންހެއްޔެވެ؟

"ނުހާ އާދެބަލަ" ރަށުން އައިފަހުން އެއީ އިސްވެ ނުހާއާ އައްފާން ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ނުހާ ދިޔައީ ސިއްސައިގެންނެވެ.

ނުހާ އައިސް އައްފާން ކައިރީގައި އިށީނެވެ. އައްފާންގެ މޫނަށް ބަލަން ނުހާއަށް ނުކެރުނެވެ. ނުހާ ބަހެއް ކިޔާނެ ކަމަށް އައްފާން މަޑުކޮށްލިއެވެ. އެހެންނަމަވެސް ނުހާ އިސްއުފުލާ ބަލައިވެސްނުލިއެވެ.

"ނުހާއަށް އެނގޭތަ އަހަރެމެން ދެމީހުން ލޯބިން ކުރި ކައިވެނީގެ ގުޅުން ރޮދިފަށެއްހާ ހިމަވެއްޖެކަން. އަހަރެންނަށް މިހާރު މި ދިރިއުޅުމަށް އެއްވެސް އުންމީދެއް ނެތް" އައްފާން ބުންޏެވެ. ނުހާ އިސްއުފުލައި އައްފާނަށް ބަލައިލިއެވެ.

"ތިބުނީ އަހަރެން ވަރި ކުރަނީއޭތަ؟" ނުހާ ބުންޏެވެ.

"ދިރިއުޅުމެއް ކާމިޔާބު ކުރެވޭނީ ދެމަފިރިންގެ މެދުގައި ލޯތްބާއި އިތުބާރާއި ހަމްދަރުދީ އަދި އަޅައިލުން އެއްވަރަށް ހިއްސާވެގެން. އެކަކު އަނެކަކުގެ އުފަލަށް އިސްކަންދީގެން. މާތްﷲ އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި އަނބިމީހާ ފިރިމީހާއަށް ކިޔަމަންވާން ޖެހޭނެ. ފިރިމީހާގެ ހުއްދަ ނެތީސް އަނބިމީހާއަށް ގެއިން ބޭރަށް އެންމެ ފިޔަވަޅެއްވެސް އެޅުން ހުއްދަވެގެން ނުވޭ. އަހަރެމެންގެ ކައިވެންޏަށް ދޮޅުއަހަރުވިއިރު މިއިން އެއްވެސް ކަމެއް ހާސިލުކުރެވިފައެއް ނެތް. ނުހާ ރަނގަޅުވޭތޯ ވަރަށް ގިނަ ފުރުސަތު އަހަރެން ދިނިން. އެކަމަކު އަހަރެންނަށް ނުހާގެ ފަރާތުން ހެޔޮ ބަދަލެއް ނުފެނުނު. ތެދަށް ބުނަންތަ؟ އަހަރެން ރަށުގައި ހުރިއިރު އަހަރެންނަށް އެނގުމެއް ނެތި ނުހާ ރިސޯޓަށް ރޭކުރަން ދިޔަ ހިސާބުން ފެށިގެން ތި ހަށިގަނޑުގެ ތޯހިރުކަމާ މެދު އަހަރެންގެ ހިތުގައި ޝައްކު އުފެދިއްޖެ"

ނުހާ ފުންމައިގެން ތެދުވިއެވެ. ނިކަން އަވަހަށް އައްފާނަށް ފުރަގަސްދީފިއެވެ. އައްފާނަށް ބޭވަފާތެރިވި ރޭތައް އޭނާގެ ހަނދާނަށް އައެވެ.

"ތިހެން ބުނުމުގެ ޗާންސް އަހަރެންނަށްވެސް އެބައޮތް. އޮފީސް ކަމެކޭ ކިޔާފަ ދެ ދުވަހަށް ދިޔަ މީހާ އައީ ހަފުތާއެއް ފަހުން. އައްފާން އުޅުނުގޮތެއް އަހަންނަކަށްވެސް ނޭނގޭ. އަހަރެންނަށް ހެޔޮ ކޮންމެގޮތެއް ވިޔަސް. އައްފާނަށް އައްފާންގެ ކުށެއް ނުފެންނަންޏާ އަހަރެންނަށް އަހަރެންގެ ކުށެއްވެސް ނުފެންނާނެ. އައްފާނަށް ފެންނަގޮތެއް ހަދާ" ނުހާ ބުންޏެވެ.

އައްފާނަށް ރޮވުނެވެ. ކައިވެންޏަށް އިތުރު ފުރުސަތެއް ދޭން އޭނާއަށް ވިސްނައިދިނީ ރަހްމާނެވެ. ކައިވެނި ރޫޅާލަން ހުދު އޭނާވެސް ނުވިސްނައެވެ. ނުހާ ރަނގަޅުވެދާނެ ކަމަށް އަބަދުވެސް އޭނާގެ ހިތުގައި އުންމީދު އޮވެއެވެ. ދެމީހުން އެއްތަނެއްގައި ތިބެ ވާހަކަދައްކައިގެން މައްސަލައަށް ހައްލެއް ގެންނަން އޭނާ ބޭނުންވީ ކުރެވުނު ކުށަށް ނުހާ މަޢާފަށް އެދޭނެ ކަމަށެވެ. އެހެންނަމަވެސް އެވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ކައިވެނި ރޫޅާލިޔަސް ނުހާއަށް މައްސަލައެއް ނޫން ކަމުގައި ކުރިމަތީގައި އެ ބުނީއެވެ. އައްފާނަށް ބަލައިލެވުނީ ނިދާފައި އޮތް ނިއަމް އަށެވެ. ދަރިފުޅުގެ ނަސީބާ މެދު އައްފާނަށް ވިސްނާލެވުނެވެ. ދެމިފިރިއަކު ލޯބިން އިންދި ގަހުގައި އެޅި މޭވާ ދޮންވެ ފައްކާވެ ދޮން ނުވަނީސް އެ މޭވާ އެވަނީ މައިވަންތަ ލޯބިން މަހުރޫމުވެފައެވެ.

ނުހާ ފަހަތަށް ބަލައިލީ އައްފާންގެ އެއްވެސް ހަބަރެއް ނުވުމުންނެވެ. އެނދުގައި އައްފާން އިނީ ގަބުވެފައެވެ.

"އަހަރެން ނިންމަންޖެހޭ ހުރިހާކަމެއް ނިންމާނަން"

އައްފާން ކޮޓަރިން ނުކުމެގެން ދިޔައެވެ. ނުހާ އައިސް އެނދުގައި އިށީނެވެ. އޭނާއަށް ރޮވުނީ ދެނެވެ. ހަގީގަތުގައިވެސް އޭނާގެ ކައިވެނި ރޫޅެނީ ކަމަކަށް އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އެއީ އޭނާ ބޭނުންވާގޮތެއްވެސް ނޫނެވެ. އެކަމަކުވެސް އައްފާނަށް ވުރެ ވަކިން ދެރަވާންވީ ކީއްވެ ހެއްޔެވެ؟

****

ސައިކަލުގައި ދުއްވާފައި އައްފާން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. ދާންވީ ތަނެއް، މަޑުކުރަންވީ ތަނެއް އޭނާގެ މަންޒިލަކީ ކޮބައިކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. ދުވަހަކުވެސް ހިތުގައިނުޖެހޭ މިންވަރަށް މިރޭ އޭނާ ހިތުގައި ޖެހިއްޖެއެވެ. ކުށަކާނުލައި ނުހާ އޭނާ ވަރަށް ބޮޑަށް ހިތުގައި ޖައްސައިފިއެވެ. ދެލޮލަށް ޖަމާވި ކަރުނަތަކާއެކު ކުރިމަތިން ފެންނަ މަންޒަރު ނުސާފުވާން ފެށުމުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެކަމުގެ ބިރު އައްފާނަށް ހީވިއެވެ. އޭނާގެ ސިކުނޑި އޭނާއަށް ވިސްނައިދިނީ އަދި އޭނާ ދުނިޔޭގައި ހުންނަންޖެހޭކަމެވެ. މައިމީހާ ދުނިޔޭގައި ހުރެ އެ މައިމީހާގެ ލޯބިން މަހުރޫމުވެފައިވާ ކުޑަ ދަރިފުޅަށްޓަކައެވެ.

އައްފާން ސައިކަލު މަޑުކޮށްލީ މީހުން މަދު ހިސާބަކަށެވެ. ފައިބައިގެން ގޮސް ގާގަނޑެއްގެ މަތީގައި އޭނާ އިށީނެވެ. ފޯނު ނަގާފައި ވަސީމާގެ ނަންބަރު ޖަހާލިއެވެ. މި ދުނިޔޭގައި ހުރި އޭނާއަށް ހެޔޮއެދޭ ހަމައެކަނި އިންސާނަކީ އެއީއެވެ. ދުވާލުގެ ބުރަ މަސައްކަތްތަކަށްފަހު ރޭގަނޑުގެ އެ ވަގުތު ދައްތަ އޮންނާނީ ނިދާފަކަން އެނގޭއިރުވެސް ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ނުގުޅައި އޭނާގެ ހިތަށް ކެތްނުވިއެވެ. ފުރަތަމަ ހިތަށް އެރީ އެ ކޯލަށް ދައްތަ ޖަވާބުނުދޭނެ ކަމަށެވެ. އެހެންނަމަވެސް އެންމެ ކޯލަކުން ވަސީމާ ފޯނު ނަގައިފިއެވެ.

"އަސްތާ ދަރިއާ..." ވަސީމާ ބުންޏެވެ. "ހުރިހާކަމެއް ރަނގަޅުތަ؟"

އައްފާނަށް ބަހެއް ނުކިޔުނެވެ. އޭނަ އިނީ ރޮވިފައެވެ. އައްފާންގެ ހިމޭންކަން ވަސީމާ ދެނެގަތެވެ. މިނޫނީ ގުޅައިގެން އައްފާން ހަބަރެއްނުވެ ނުހުރެއެވެ.

"މައްސަލައެއް ޖެހުނީތަ ދެ ކުދިން؟" ވަސީމާ އެހިއެވެ.

އައްފާން ނޭފަތް އެތެރެއަށް ދަމާލިއެވެ. އެއްޗެއް ނުބުނެ ހުރެގެން ވަސީމާގެ ސުވާލުތައް ވާނީ ގިނައެވެ.

"ދައްތާ. އަހަރެން ވަރަށް އަވަހަށް އެބަދަން. ނިއަމް ގޮވައިގެން" އައްފާން ބުންޏެވެ.

"ނުހާވެސް ގޮވައިގެންތަ؟ ހާދަހާ އުފާވެރި ހަބަރެކޭ ތިއީ" ވަސީމާ ބުންޏެވެ.

"ނުހާ ނުދާނެ. އަހަރެން ނިއަމް ގޮވައިގެން އެއްކޮށް މިދަނީ"

އެ ހިސާބުން ކަމެއް ގޯސްވެއްޖެކަން ވަސީމާއަށް އެނގުނެވެ. މިއަދު އޭނާއަކީ އައްފާންގެ މައެއްގެ މަގާމުގައި ހުރި މީހާއެވެ. އެއްވެސް މަޔަކީ އެމީހެއްގެ ދަރިއަކަށް ނުބައި ނަސޭހަތެއްދޭނެ މީހެއް ނޫނެވެ. ދަރިން ގޮތްހުސްވާ ވަގުތުތަކުގައި ދަރީންނަށް ރަނގަޅު މަގު ދައްކައިދޭން އެންމެ ކައިރީގައި އަބަދުވެސް ހުންނާނީ މައިމީހާއެވެ.

"ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން ދަރިފުޅާ. ނިއަމް އެހާ ކުޑައިރު ދެމަފިރިން ދުރުވެގެން އެކުއްޖާގެ މުސްތަގުބަލު އަނދިރިވާނީ. ދައްތަ ބުނާނީ އަދި ވިސްނާށޭ. ވަރިއަކީ އެންމެފަހުގެ ހަތިޔާރު. ﷲ އަށްޓަކައި އަދިވެސް މަސައްކަތްކުރޭ. ދައްތަ ދުއާކޮށްދޭނަން"

ލޮލުން ވެއްޓުނު ކަރުނަތިކި އައްފާން ފޮހެލިއެވެ. ނުހާ ހުރީ މީހަކު ބުނާ އެއްޗެއް ވިސްނޭވަރަށް ވުރެ މައްޗަށް ގޮސްފައިކަން ބުނާނީ ކިހިނެއް ހެއްޔެވެ؟ ކައިވެންޏަށް އަހަރެއް ވީއިރުވެސް ނިއަމްއާ ހެދި ނުހާ ނޫޅެޔޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅުމަށް ވުރެ ބޮޑަށް ނުހާއަށް މުހިންމީ މިނިވަންކަމޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ އައްފާން ބޯގޮވިއެވެ. ފޯނު ބާއްވާފައިވެސް ގެއަށް ދާން އައްފާން ބޭނުމެއް ނުވިއެވެ. ގިނައިރު މަޑުކުރަން ހިތަށް އަރާފައިވެސް ކުއްލިއަކަށް ހަނދާންވީ ނިއަމް މަތިންނެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ގެއިން ނުކުމެވުނީއެވެ. އެ ކުއްޖާ އޮންނާނީ އެކަންޏެވެ. ކިތަންމެ ވަރަކަށް އެ ކުއްޖާ އެތާ އޮވެ ރޮއެ ހުލިވިޔަސް އެ ރަހުމެއްނެތް އަންހެނާގެ ކަހާތަން ހިރުވާވެސްނުލާނެއެވެ. އެހެންކަމުން އޭނާ ގެއަށް ދާން ޖެހޭނެއެވެ. އެހެން އިނދެވޭކަށް ނެތެވެ. އައްފާން ތެދުވެގެން އަލުން ސައިކަލަށް އެރިއެވެ.

****

ހުދުކުލައިގެ ދޮންވެލިގަނޑުމަތީގައި ހަރަކާތްތެރިވަމުންދާ ކުދިކުދި ކިރުކަކުނިތަކަށް ހިތް ދޫކޮށްލައިގެން ހުރި ޒާރާ ބަލައިލީ ޖަންނަތު އަންނަ އަޑަށެވެ. ފޯނުގައި ހުރެފައި ޒާރާއާ އަރައިހަމަވުމާއެކު ޖަންނަތު ފޯނު ބާއްވައިފިއެވެ. ދެން އެއްއަތުގެ އިނގިލިތަކުގައި އަޅުވާލާފައި އޮތް ކޮތަޅު ޒާރާއަށް ދިއްކޮށްލިއެވެ.

"ޕޮޕްކޯން. ވަސީމައްތަ ހެދި"

ޕޮޕްކޯންކޮޅެއް ޒާރާ ކާލިއެވެ. ދެން ފަހަތަށް ޖެހިލާފައި ފަސްގަނޑުމަތީގައި އިށީނެވެ. ޖަންނަތު ކައިރީގައިވެސް އިށީންނާށޭ ބުންޏެވެ.

"އެނގޭތަ ވަސިންތަ ހުރީ ފޯނެއްގަ. ވަރަށް ދެރަވެފަ ހުރީ. ހީވަނީ އައްޔައަށް ކޮންމެވެސް ކަމެއްވެގެން އުޅޭހެން" ޖަންނަތު ބުންޏެވެ.

"ޖަންނައަށް ނޭނގޭތަ؟ އަހާލިނަމަ" އެއް އަތުން ދޮންވެލިގަނޑުގެ ފަސްތަކާ ކުޅެން އިން ޒާރާ ބުންޏެވެ.

"އެހެން ކިހިނެއް އަހަން ކެރޭނީ؟" ޖަންނަތު ބުންޏެވެ. "ހިނގާބަލަ ގުޅާލަމާ"

"މަށަކަށްވާ ލާހިކެއް ނޫން. އަހަރެންނަށް މިހެން މިވީވެސް އައްޔާއާ މެދު ކަންތައް ކުރެވުނުގޮތުން ކަންނޭނގެ. މީހުން ބުނެއެއްނު މީހަކަށް ދެރައެއް ދީފަ އަނެއް މީހާއަށް އުފަލުން ނޫޅެވޭނެއޭ" ޒާރާ ވާހަކަދެއްކިއެވެ.

"އެއްކަލަ ޒާރާ. މިހާރު ތި ދައްކަނީ ކޮންދުވަހެއްގެ ވާހަކައެއް. އައްޔައަށްވެސް މިހާރު އެވަނީ ނުލާހިކު ލޯބިވާ އަންބެއް ލިބިފަ. ދަރިއަކު ލިބިފަ. ނުލާހިކު ލޯބިން އެ އުޅެނީ. އޭގެފަހުން ޒާރާއަށް އުފާވެރި ދުވަސްތަކެއް ނުލިބޭތަ؟ އައްޔައަށް އެއީ އަހަރެމެން ދެ މީހުންނަށްވެސް ނުލާހިކު ހެޔޮއެދޭ އެކުވެރިއެއް" ޖަންނަތު ވާހަކަދެއްކިއެވެ.

"ދެން އެހެންވިއްޔާ ޖަންނަ ގުޅާބަލަ" ޒާރާ ބުންޏެވެ.

ޖަންނަތު ދެފަރާތަށް ބޯހޫރާލިއެވެ. ކިތަންމެ ވަރަކަށް ކިޔަސް ޒާރާ ނުގުޅާނެކަން އެނގޭތީ އެންމެފަހުން އައްފާންގެ ނަންބަރަށް ޖަންނަތު ގުޅިއެވެ.

"ވެއިޓިންގަ. އަހަރެން ބުނީމެއްނު. ވަސިންތައަށް ގުޅައިގެން އެ އުޅެނީ. ހިނގާބަލަ ވަސިންތަ ގެއަށް ވަދެލަމާ. އޭރުން ވީކަމެއް ފަހަރެއްގަ އެނގިދާނެ"

ޒާރާގެ އަތުގައި ހިފައި ގަދަކަމުން ނަގައިގެން ޖަންނަތު ހިނގައިގަތެވެ.

****

ނުހާ ކޮޓަރިއަށް ވަނުމުން ދޮރުލައްޕާލަން އައްފާން އެދުނެވެ. ނުހާ އައިސް އިށީނުމުން އައްފާން ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމަތި ވަނީ މިލާފައެވެ.

"އައްފާން މިއަދު އެއްވެސް އެއްޗެއް ނުކަންދޯ" ނުހާ ބުންޏެވެ.

"އަހަރެން ހުރީ ކައިގެންތޯ ނޫނީ ނުކައިތޯ ނުހާ ބަލާކަށް ނުޖެހޭނެ" އައްފާން ބުންޏެވެ. ނުހާ ބަހެއް ނުކިޔައެވެ.

"އަހަރެން އަދިވެސް އަހާލަން ބޭނުން ހަގީގަތުގައިވެސް ކައިވެނި ރޫލާލަން ނުހާ ބޭނުންތޯ" އައްފާން ބުންޏެވެ.

"އައްފާން ބޭނުންވަނީ ކޮންގޮތެއް" ނުހާ ބުންޏެވެ.

އައްފާނަށް ހެވުނެވެ. ނުހާ އެ އެހީ އައްފާން ބޭނުންވާގޮތެވެ.

"ނުހާ އަހަރެންގެ އަންބެއްގެ ގޮތުގައި ބަހައްޓަން އަހަރެން ބޭނުމެއް ނުވޭ" ފާޅުގައި އައްފާން ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟