ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް އަހުމަދު ފާރިސް މައުމޫންގެ މެނިފެސްޓޯ އިއުލާންކޮށްފިއެވެ.
ސަލްޓަން ޕާކުގައި ރޭ ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާގައި އެ މެނިފެސްޓޯ އިފްތިތާހުކޮށްދެއްވީ ފާރިސް އާއި ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފެވެ. އެ ޖަލްސާގައި އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފާރިސްގެ މެނިފެސްޓޯގައި މައިގަނޑު 15 ވައުދެއް ހިމެނެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ރައްޔިތުންގެ މަޖިލިސް އިސްލާހުކުރުމުގެ ވައުދެވެ. އެ ވައުދުގެ ތެރެއިން މެންބަރުންގެ ހުންނަން ޖެހޭ ޝަރުތުތައް މުރާޖައާކޮށް ހުންނަން ޖެހޭ ތައުލީމީ ފެންވަރު މަތިކުރުމާއި، މަޖިލިސް މެންބަރެއްގެ ހިދުމަތް ރައްޔިތުން އެދޭ ފެންވަރެއްގައި ނުކުރެވޭ ނަމަ، އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޕެޓިޝަނެއް ހުށަހަޅައި، އޭނާ މަގާމުން ދުރުކުރެވޭނެ އިންތިޒާމެއް ގާއިމުކުރުން ހިމެނެއެވެ.
އޭގެ އިތުރުން މަޖިލީހުގެ މެންބަރުންގެ މުސާރައަކީ މަޖިލީހުގެ މެންބަރުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތަކަށް އެކަން އިސްލާހުކުރުމާއި، މަޖިލީހުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށްޓަކައި ކޯޓާއެއް (ހާއްސަ ގޮނޑިތަކެއް) ތައާރަފުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަޑު އުފުލޭނެ މަގު ފަހިކުރުމަށްޓަކައި ކޯޓާއެއް ތައާރަފުކުރުން އަދި މަޖިލީހުގެ މެންބަރުންގެ އަދަދު ރާއްޖޭގެ އާބާދީއާ އެކަށީގެންވާ މިންވަރަކަށް މަދުކުރުން ވެސް އެ ވައުދުގެ ތެރޭގައި ހިމެނެއެވެ.
ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމްދީނުގެ ރިވެތި އުސޫލުތައް ދަމެހެއްޓުމުގެ ވައުދުގެ ތެރޭގައި ފަތުވާ މަޖިލީސް ބާރުވެރިކުރުވުމާއި، ސްޕާގެ ނަމުގައި ހިންގާ ނުރަނގަޅު ތަންތަން ބަންދުކޮށް ރެގިއުލޭޓްކުރުން އަދި ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރުން ހިމެނެއެވެ. އޭގެ އިތުރުން ޑިޖިޓަލް އިކޮނިމީއެއް ގާއިމުކުރުމުގެ ވައުދުގެ ދަށުން އެމްއެމްއޭ މެދުވެރިކޮށް ޑިޖިޓަލް ބޭންކިންއަށާއި ޑިޖިޓަލް ވޮލެޓަށް ހާއްސަ ލައިސަންސެއް ދޫކުރުމުގެ އިންތިޒާމު ގާއިމުކުރުމާއި، ރާއްޖެ ޑިޖިޓަލް ފައިނޭޝިއަލް ހަބަކަށް ހެދުމާއި، ޑިޖިޓަލް އެސެޓް އެކްސްޗޭޖްތަކެއް ރާއްޖޭގެ އިގުތިސާދަށް ހުޅުވާލުން އަދި ޑިޖިޓަލް ކްރިއޭޓިވް ސިނާއަތެއް އުފެއްދުން ހިމެނެއެވެ.
ދެން ހިމެނޭ ވައުދުތަކުގެ ތެރޭގައި ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ ގެނައުމުގެ ވައުދާއި ޖަލަކީ އެންމެ ފަހު ފިޔަވަޅަކަށް ހެދުމުގެ ވައުދު ހިމެނެއެވެ. އެ ވައުދުތަކުގެ ދަށުން މަސްތުވާތަކެތީގެ ރިހެބް، ނަފްސާނީ ސިއްހީ ފަރުވާ އަދި ޖަލުގައި ހުކުމް ތަންފީޒުކޮށް ބޭރަށް ބަދަލުވާ މީހުންނަށް ރަނގަޅުވުމަށް އެހީތެރިވެދޭ ދިރިއުޅުމުގެ މާހައުލެއް ހޯދައިދިނުމަށް ހާފްވޭ ހައުސްތައް ހެދުމާއި، އަންހެނުންނަށް ހާއްސަ ރިހެބިލިޓޭޝަން ސެންޓަރުތަކެއް އެޅުން ހިމެނެއެވެ. އަދި ކޮމިއުނިޓީ ސާވިސް އާއި ކޮންމެހެން ހިންގަންޖެހޭ ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ފަދަ ނޮން ކަސްޓޯޑިއަލް ފިޔަވަޅުތައް ހަރުދަނާކުރުން ވެސް ހިމެނެއެވެ.
ފާރިސްގެ މެނިފެސްޓޯ އިން ދެން ފާހަގަކޮށްލެވެނީ އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ އަދަދު ލުއިފަސޭހަކުރުމުގެ ވައުދެވެ. އެ ވައުދުގެ ތެރޭގައި ރާއްޖޭގެ ޓެކްސް ނިޒާމު ރިވިއުކޮށް ޖީއެސްޓީ ތިން ޕަސަންޓަށް ތިރިކުރުމާއި، އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ އަދަދު ލުއިފަސޭހަކުރުން އަދި ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުން ނަގާ ޑިއުޓީ އުނިކުރުން ހިމެނެއެވެ.
އޭގެ އިތުރުން ދެން ހިމެނެނީ ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ހެޔޮވެރިކަން ކުރުން، އިސްލާހީ ބަދަލުތަކުގެ ސަބަބުން ގެންނަ އިގުތިސާދީ އިންގިލާބު، އާންމު ދިރިއުޅުމުގެ ހަރަދުތަކަށް ހައްލު ހޯދުން، އުފުއްދުންތެރިކަން އިތުރުކޮށް ވަރުގަދަކުރުން، ރިސޯޓުތަކާއި ގެސްޓްހައުސްތައް ވަކި ގިންތިއެއްގެ ގޮތުގައި ތަފާތުކޮށް ކަނޑައެޅުން، ރަށު ކައުންސިލަށް ސީދާ އާމްދަނީ ލިބޭނެގޮތް ފުޅާކުރުން، ތައުލީމީ ނިޒާމު އިސްލާހުކުރުން، މާލޭގެ މަގުތަކުގެ ތޮއްޖެހުން ހައްލުކުރުން އަދި މިންތީގެ ހަމަހަމަކަމުގެ ވައުދެވެ.
ޚަބަރު
ޚަބަރު
ޚަބަރު