ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވާ ކަމަށްވަންޏާ، އެއީ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގއ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވިލިނގިއްޔަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސިޔާސީ ހިޔާލުތަފާތުވުން ހުންނާނެ ކަމަށާއި ނަމަވެސް އެއީ ތަރައްގީއަށް އޮތް ހުރަހަކަށް އެއްވެސް ބޭފުޅަކު ނުހެއްދުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އެކަމަކީ ތަރައްގީވެ، ކުރިއަރަރާފައި ހުރި ގައުމުތަކުން ގެންގުޅޭ ގޮތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ ތަރައްގީވަމުން އަންނަ ގައުމެއް. ކުރިއަރާފައި ގޮސްފައި ހުރި ގައުމުތަކުގައި އެ އަންނަ ގޮތަށް ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވާ ކަމަށްވަންޏާ، އެއީ ތަރައްގީއަށް އެޅޭ ހުރަހެއް. ތަރައްގީވެ ކުރިއަރާފައި ހުރި ގައުމުތަކުގައި ސަރުކާރުތައް ފަސް އަހަރުން ފަސް އަހަރުން، ނޫނީ ހަތަރު އަހަރުން ހަތަރު އަހަރުން ބަދަލުވިޔަސް އެއީ މާބޮޑު މައްސަލައަކަށް ނުވޭ. ގައުމަށް ބޭނުންވެފައި ހުރި މިފަދަ ބޮޑެތި އަސާސީ ހިދުމަތްތަކާއި އުމްރާނީ ބޮޑެތި މަސައްކަތްތައް ހުރީ ނިމިފައި އެތަންތަނުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްގީވެ ކުރިއަރާފައި ހުރި ގައުމުތަކުގައި މީގެ 100 އަހަރު ކުރިން ފެނާއި ނަރުދަމާ ނިންމައި، މަގުތަކާއި ދަތުރުފަތުރުގެ ނިޒާމު ވެސް ނިންމާފައިވާ ކަމަށާއި ނަމަވެސް ރާއްޖެއިން މިހާރު ފަށައިގެން މިއުޅޭ މަސައްކަތަކީ އެ މަސައްކަތްތައް ކަމަށެވެ. އަދި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އެކަންތައްތައް ހުއްޓުވުމަކަށް އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ތިބޭފުޅުން ވިސްނައިވަޑައިގަންނަވާ، 2008ގެ ސަރުކާރާއި 2013ގެ ސަރުކާރުގައި ކަން ވެގެންދިޔަ ގޮތް. 2008ގައި ފެށި ކިތަންމެ މަޝްރޫއެއް އަނެއްކޮޅަށް ބަދަލުވެގެން ދިޔައީ. އަޅުގަނޑުމެންނަށް އަނެއްކާވެސް 2018ގައި މި ޖެހުނީ އަލުން ސުމަކުން ފަށައިގެން އޭގެ ކިތަންމެ ކަމެއް ކުރަން. މިއަދުވެސް އަނެއްކާ، 2023ގައި ނުކުންނަ ނަތީޖާއެއްގެ ސަބަބުން އެކަން ކުރިމަތިވެދާނެ. އެހެންވީމާ އަޅުގަނޑުގެ އިލްތިމާސަކީ ރާއްޖެ ތަރައްގީކުރުމަށް އަޅުގަނޑުމެން ހިފައިގެން މިއައި މެނިފެސްޓޯ ތަންފީޒުކޮށް ނިމުމަށްވުރެ ރަނގަޅު ގޮތެއް މި ގައުމަކަށް ނޯންނާނެ. އެހެންވީމާ 9 ސެޕްޓެމްބަރުގައި ނުކުމެ ތިބޭފުޅުން އަޅުގަނޑުމެންނަށް ވޯޓު ދެއްވުމަކީ އަޅުގަނޑުގެ އިލްތިމާސެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިހާބަކީ ފެހި ގާނޫނުއާސާސީއަށް ފަހުގައި ބޭއްވޭ ހަތަރުވަނަ އިންތިހާބު ކަމަށާއި ޑިމޮކްރަސީގެ އެކިއެކި މަރުހަލާތައް ކަނޑައްތު ކުރުމަށްފަހު، މިއީ ހަމަޖެހުމުގެ ނޭވާއެއް ލާންވީ ވަގުތު ކަމަށެވެ. އަދި މިއީ އާއިލާއާ ވަކިން ޖަލުގެ ތޭރިތަކުގެ ފަހަތުގައި އެތައް ދުވަހެއް ހޭދަކުރަން ޖެހުނު މާޒީ ދޫކޮށްފައި ގައުމު ތަރައްގީކުރަން އެކީގައި ނުކުންނަންވީ ވަގުތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު