ސިޔާސީ ވާހަކަ ދައްކަވަން މިހާރު ބޭނުންފުޅު ނުވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައިކޯޓުގައި މިއަދު ވިދާޅުވެއްޖެއެވެ.
ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލައިގައި ހައިކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފީ އަޑުއެހުމުގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނަކީ ޖިސްމާނީ ނުކުޅެދުންތަކެއް ހުންނަ މީހެއް ކަމުން ސިއްހީ ކަންކަން ހުރި ގޮތުން ގެއަށް ބަދަލުކޮށްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ މަނިކުފާނާ އެކު ރައްޔިތުންގެ ތެރެއިން ބަޔަކު ތިބި ނަމަވެސް އަނެއްކޮޅުގައި ދައުލަތް އޮތުމަކީ އިންސާނީ ހައްގެއް ނިގުޅައި ގަންނަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑު ނެތިން ސިޔާސީ ވާހަކަދައްކާކަށް. އަޅުގަނޑު މިއީ އެ ފުރުސަތު ދޫކޮށްލައިގެން ހުރި މީހެއް،" ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ ފަރާތްޕުޅުން ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދިފައިވީ ނަމަވެސް، ދައުލަތުން ވަނީ ޖިނާއީ ހުކުމެއް އައިސްފައިވާ މީހަކަށް ހުކުމް ފަސްކުރުމަކީ ގާނޫނީ ނިޒާމުގައި އޮތް ކަމެއް ނޫން ކަމަށް ބުނެފައެވެ.
މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ރިޔާސަތު ބެލެއްޓެވި ގާޒީ ވަނީ ޔާމީން އެދިވަޑައިގެންނެވި ހުކުމް ފަސްކުރުމުގެ އަމުރާމެދު އާދިއްތަ ދުވަހު، ގޮތެއް ނިންމައި ލިޔުމުން ދައުލަތަށާއި އެ މަނިކުފާނަށް ރައްދުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު