ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ގދ. އަތޮޅަށް ކުރެއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގެ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ތިން ރަށެއްގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެތަކާއި އޮފީސް އިމާރާތްތައް ހުޅުއްވައިދެއްވައިފިއެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ހުޅުއްވައިދެއްވީ ނަޑެއްލާ، ރަތަފަންދޫ އަދި ފިޔޯރީގެ އިންޖީނުގެތަކާއި އޮފީސް އިމާރާތްތަކެވެ. އެގޮތުން އެމަނިކުފާނު މިއަދު ހުޅުއްވައިދެއްވި ނަޑެއްލާ ފެނަކަ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ކޮށްފައިވަނީ ކުރިއާ ހިލާފަށް މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ. ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގޭގެ އޮފީސް ޢިމާރާތުގައި، ދަތިކަމެއް ނެތި 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެއެވެ. އަދި އާ އިންޖީނުގޭގެ ކެޕޭސިޓީއަކީ 590 ކިލޯވޮޓްއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ނަޑެއްލާ ކައުންސިލުގެ މެންބަރު މުހައްމަދު އަފްޒަލު މިއަދު ވިދާޅުވީ މިއަދު ހުޅުވިގެންދިޔަ ނަޑެއްލާ ފެނަކަ އާ އިންޖީނުގެ އާއި އޮފީސް އިމާރާތްތުގެ ސަބަބުން ކުރިން ދިމާވަމުންދިޔަ ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށާއި އަދި ދުމުގެ ސަަބަބުން، ރައްޔިތުންނަށް ދުމުގެ ސަބަބުން ކުރަމުންދިޔަ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ރައީސް މިއަދު ހުޅުއްވައިދެއްވި، ރަތަފަންދޫ ފެނަކަ އޮފީސް އިމާރާތަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. މީގެ ކުރިން، ރަތަފަންދޫގައި އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ގޮތުގައި ބޭނުން ކުރަމުން އައީ 37 އަހަރުވެފައިވާ ދުވަސްވީ އިމާރާތެކެވެ.
ރަތަފަންދޫ ކައުންސިލުގެ ރައީސް މުހައްމަދު އަބްދުﷲ "ވަން" އަށް ވިދާޅުވީ އެރަށުގެ އުމްރާނީ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި އިންޖީނުގެ އާ އިމާރާތާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި، ފުޓްބޯޅަ ދަނޑު ވެސް ނިމިފައިވާ ކަމަށެވެ.
ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، އައިސްޕްލާންޓްގެ ބިންގާ އެޅި އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި ރަށުގެ ސްކޫލުގައި އިތުރު ހަ ކްލާސްރޫމާއި ކައުންސިލުގެ އާ އިމާރާތް އެޅުމަށް އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ޕާކު ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރަތަފަންދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ހުޅުއްވައިދެއްވި ފިޔޯރީ ފެނަކަ އޮފީސް އިމާރާތަކީ ވެސް ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. މީގެ ކުރިން ހުރި އިންޖީނުގޭގެ އޮފީހަކީ ހަތަރު މީހުންގެ ޖާގައިގެ އޮފީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު