މިފަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓުން ނުކުންނަނީ ވެރިކަން ހޯދަން ކަމަށާއި ވެރިކަމުގައި ހުންނަވާ ބޭފުޅާ ބަދަލުކުރަން ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގދ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގައްދުއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި އިންތިހާބަކީ މީގެ ކުރިން 2008 އިން ފެށިގެން ބޭއްވުނު އިންތިހާބުތަކާ ތަފާތު އިންތިހާބެއް ކަމަށާއި މިހާރު ފެންނަމުންދަނީ ޑިމޮކްރަސީއަށް ފައްކާވަމުން އަންނަ މަންޒަރު ކަމަށެވެ. އަދި އެކަމަށްޓަކައި ސިޔާސީ ޕާޓީތަކަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"މިފަހަރު ވެރިކަމުގައި ތިބި މީހުން މިތިބީ ކޯލިޝަން ހަދައިގެން. ދެން މި އިންތިހާބަށް ނުކުތް އެއްވެސް ބަޔަކާ އެކީގައި ބައިވެރިވާނެ މީހަކު ނުވި. ވަކިވަކިން ނުކުމެވަޑައިގެން ތިއްބެވީ. އެހެންނަމަވެސް އަޅުގަނޑަށް ފާހަގަކޮށްލެވޭ ކަމަކީ ސީރިއަސްކަމާ އެކީގައި މި އިންތިހާބަށް ނުކުމެވަޑައިގެން ތިއްބެވި ބޭފުޅުންކޮޅެއް އެބަ ތިއްބެވި. ބޭނުންވަނީ ވެރިކަން، ވެރިކަމުގައި ހުންނަ މީހާ ބަދަލުކުރާކަށް ނޫން. ވާދަކޮށްގެން ވެރިކަމަށް އާދެވޭތޯ ބަލަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ބޭއްވުނު އިންތިހާބުތަކުގައި ޕާޓީތަކުން އަބަދުވެސް މަސައްކަތްކުރަމުންދިޔައީ ވެރިޔަކަށް ހުންނަވާ ބޭފުޅަކު ބަދަލުކުރަން ކަމަށާއި 2018 ގައި ބޭއްވި އިންތިހާބުގައި ވެސް ކޯލިޝަނަކާއެކު އެމަނިކުފާނު ވެސް ނުކުމެވަޑައިގެންނެވީ އެ ވިސްނެވުމުގައި ކަމަށެވެ. އެހެން އިންތިހާބުތަކާ ހިލާފަށް މިފަހަރުގެ އިންތިހާބުގައި ކޯލިޝަނެއް ފެންނަނީ އެމަނިކުފާނާއެކު އެކަނި ކަމަށްވެސް ވިދާޅުވިއެވެ.
"އެކަމަކު އަޅުގަނޑަށް 2023 ގައި، މިއަހަރު ތަފާތެއް އެބަ ފެނޭ. ވެރިކަމުގައި ހުންނަ މީހަކު ބަދަލުކުރަން ބޭނުން ކަމަށްވަންޏާ، މީގެ ކުރިން ދެން ތިބި އެންމެން އަރަނީ އެއް ކޮޅަކަށް. އެންމެން ކިޔަނީ އެކައްޗެއް. އެ ނޫން ގޮތަކަށް އެކަން ނުކުރެވިދާނެ ކަމަށް އެންމެންނަށް ގަބޫލުކުރެވޭތީ، ރިސްކެއް ނަގަން ބޭނުންނުވާތީ އެންމެން އެއްކޮޅަށް އަރައި ވެރިކަން ބަދަލުކޮށްލަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކޯލިޝަނާއެކުގައެވެ. އޭގެ ތެރެއިން އަދާލަތު މި ސަރުކާރުގެ ވެސް ކޯލިޝަން ޕާޓްނަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު