ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ރެކޯޑު އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލުމުން، އެ އިންތިހާބު ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދުއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އަށް ކެންޑިޑޭޓުން ކުރިމަތިލުމަކީ ލިބުނު ފަސޭހައެއް ކަމަށެވެ.

"ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ރެކޯޑު އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލައިފި. އަށް ކެންޑިޑޭޓުން 2008ގެ ފަހުން ކުރިމަތިލީ ފުރަތަމަ ފަހަރު. އަޅުގަނޑުމެންނަށް މީގެން ވަރަށް ބޮޑަށް ފަސޭހަވެއްޖެ، ވަރަށް ބޮޑުތަން ފަސޭހަވެއްޖެ. އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބު އަޅުގަނޑުމެން ކާމިޔާބުކުރާނީ ބޮޑުތަނުން،" އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ގިނަ ޕާޓީތައް އެކުލެވޭ ނިޒާމު ތައާރަފުވެ، ގިނަ ކެންޑިޑޭޓުން ކުރިމަތިލައްވައިގެން އިންތިހާބުތައް ބާއްވަން ފެށި ފަހުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އަހަރެވެ. މީގެ ކުރީން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކޮށްފައިވަނީ 2008 ވަނަ އަހަރެވެ. އެ އިންތިހާބުގައި ހަ ކެންޑިޑޭޓުން ކުރިމަތިލެއްވިއެވެ.

މި ފަހަރުގެ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ދަ ޑިމޮކްރެޓްސް، އެމްއެންޕީ އަދި ޕީއެންސީއެވެ. އަދި އަމިއްލަ ގޮތުން ތިން ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ.

  • އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  • އެމްއެންޕީގެ ކެންޑިޑޭޓް، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
  • ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  • ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
  • ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
  • އަމިއްލަގޮތުން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން
  • އަމިއްލަގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
  • އަމިއްލަގޮތުން ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ކެމްޕޭނަށް މިހާތަނަށް އެމަނިކުފާނު ވަޑައިގެންނެވި ހަ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ މަންޒަރަކީ ރައްޔިތުން މި ބޭނުންވާ އުފާވެރި އަމާން ރާއްޖެ ހޯދުމަށް ތައްޔާރަށް ތިބި ތަން ކަމަށެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން މިރޭ އިއުލާންކުރެވިގެންދިޔަ ސިޔާސަތުގައި ރައްޔިތުން ބޭނުންވެފައި ތިބި ވަރަށް ގިނަ ކަންތައްތަކެއް ހިމަނައި، ކުރިއަށްއޮތް ދައުރުގައި އެއަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި އިސްރަށްވެހިންނަށް ބޭނުންވާ ކަންތައްތަކާއި، ކުޑަކުދިންގެ ހައްގުތަކާއި، ކުޑަކުދިންނަށް ބޭނުންވެފައި ހުރި ކަންތައްތަކާއި، ތައުލީމީ ދާއިރާގައި ނުވެ ހުރި ކަންތައްތަކާއި، ކުރިއަށްއޮތް ތަނުގައި ބެލެނިވެރިންނާއި ރައްޔިތުންނާއި ދަރިވަރުން ބޭނުންވާ ކަންތައްތަކާ ބެހޭ ތަފްސީލުތައް ހާމަކޮށްދެއްވައިފި. ސިއްހީ ދާއިރާއަށް މި ގެންނަ ބަދަލުތަކުގެ ތަފްސީލު ހާމަކޮށްދެއްވައިފި. ކުޑަކުދިންނަށް ދީނީ އިލްމު ކިޔަވައިދިނުމާއި، ދީނީ އިލްމު ރާއްޖޭގައި ފުޅާކުރުމަށް އަޅުގަނޑުމެން ގެންގުޅޭނެ ސިޔާސަތުތައް އެ ހާމަކޮށްދެއްވީ. ކުޅިވަރުގެ ދާއިރާގައި އަޅުގަނޑުމެން ބޭނުންވާ ކުރިއެރުމާއި، މިހާރު މިއޮތް ގޮތަށްވުރެ ރަނގަޅަށް ބަދަލުކޮށް، އޭގެ ނަފާ، ފައިދާ ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތުގެ ވަރަށް ރަނގަޅު ޕްލޭނެއް، ސިޔާސަތެއް އެ ހާމަކޮށްދެއްވީ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަންހެންނުންނާ ބެހޭ ސިޔާސަތުތައް ހާމަކޮށްދެއްވައިފި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިރޭ އިއުލާންކުރެވިގެންދިޔަ ސިޔާސަތުން، ކުރިމަތިވަމުން އައި އެތައް ސުވާލަކަށް ޖަވާބު ލިބިފައިވާ ކަމަށާއި ކުރިއަށްއޮތް ފަސް އަހަރުގެ ދައުރުގައި އެކަންތައްތައް ތަންފީޒުކުރުމުގައި ގުޅިފައި އޮތް ކޯލިޝަން ދެމިތިބޭނެ ކަމަށެވެ.