ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމް އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފިއެވެ.
މައުސޫމް ޖޭޕީއާ ގުޅިވަޑައިގަތީ، މީގެ ނުވަ އަހަރު ކުރިން 28 މޭ 2014 ގައެވެ. އެ ޕާޓީން ވަކިވިކަން އިއުލާން ކުރައްވައި މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޖޭޕީގައި ހޭދަކުރި ދުވަސްތަކުގައި ދިމާވި އުނދަގޫ އަދި ފަސޭހަ ދުވަސްތަކުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕާޓީގެ ލީޑަޝިޕާއި މެންބަރުން ބެހެއްޓެވި ގާތް ކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
މައުސޫމް ޖޭޕީން ވަކިވެވަޑައިގެންނެވި އިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމަވައިފައެވެ.
ސިޔާސީ މުސްތަގުބަލާމެދު "ވަން" އިން ސުވާލުކުރުމުން މައުސޫމް ވިދާޅުވީ، ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމަށް އަދި ނުނިންމަވާ ކަމަށާއި ނަމަވެސް ރައީސް ސޯލިހާއެކުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި މައުސޫމް މީގެ ކުރިން ވަނީ ގާސިމުގެ ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަންވެސް ކުރައްވައިފައެވެ. މައުސޫމް ވަނީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައިވެސް ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.
މީގެ އިތުރުން އޭނާ ވަނީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމާއި ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމާއި ނިއުޒިލޭންޑަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމުވެސް ފުރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު