ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން، އޭނާގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
ފާރިސްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ޑރ. އަބްދުއްސައްތާރު ޔޫސުފްއެވެ. ޑރ. އަބްދުލްސައްތާރު ޔޫސުފަކީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބެވެ. އަދި އޭނާއަކީ އެކި ދާއިރާތަކުން ފޮތްތައް ލިޔުއްވައި، ދިވެހި ބަހަށްވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ދަރުބާރުގޭގައި ގާއިމުކޮށްފައިވާ އީސީގެ އިންތިހާބީ މަރުކަޒަށް މިއަދު ވަޑައިގެން ފާރިސް ވަނީ އޭނާގެ ކެންޑިޑެސީ ފޯމު، އީސީގެ ރައީސް ފުއާދު ތައުފީގާ ހަވާލުކުރައްވައިފައެވެ.
ފޯމު ހަވާލުކުރެއްވި ރަސްމިއްޔާތުގައި ފާރިސްގެ ރަނިން މޭޓު ޑރ. އަބްދުލްސައްތާރުގެ އިތުރުން އޭނާގެ އިންތިހާބީ އެޖެންޓަކަށް ހަމަޖެއްސެވި، އެ ޕާޓީގެ ކައުންސިލް މެންބަރު އިސްމާއީލް ޒަބީހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރެއްވި ފާރިސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވަނީ 2،662 މީހުންގެ ތާއީދު ފޯމާއެކުއެވެ. އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހޭނީ މަދުވެގެން 1،500 މީހުންގެ ސޮޔާ އެކުއެވެ.
ފާރިސްއަށް އެމްއާރުއެމްގެ ރިޔާސީ ޓިކެޓު ވެސް ދީފައިވާއިރު، އެ ޕާޓީ އުވާލުމަށް އީސީން ނިންމީ މެއި 24، ގައެވެ.
ނަމަވެސް ފާރިސް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމެވީ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވުމުން އޭނާ ރައީސްކަން ކުރައްވާ އެމްއާރުއެމް އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމި މައްސަލަ ސިވިލް ކޯޓުގައި ގޮތެއް ނުނިމި އޮތުމުންނެވެ.
ފާރިސްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ވެސް ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވުމަށް މިއަދު އީސީއަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު