ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން ކުރިން ވިދާޅުވެފައިވާ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން މުނައްވަރު އިއުލާން ކުރެއްވީ މި އަހަރުގެ މާޗު މަހުއެވެ. މުނައްވަރު ވަނީ އޭގެ ފަހުން ޖަގަހައެއް ވެސް ހުޅުއްވައިފައެވެ. އަދި ކެމްޕެއިން މަސައްކަތްތައްވެސް ކުރިއަށް ގެންދަވައިފައެވެ.
މުނައްވަރު ވަނީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ބޭނުންވާ 1500 ސޮއި ހަމަ ކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވައިފައެވެ.
މުނައްވަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ވާދަ ނުކުރައްވަން ނިންމެވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
"އަޅުގަނޑަށް ތާއީދުކޮށް، ހިތްވަރުދީ، ކެންޑިޑެސީ ފޯމަށް ސޮއިކޮށްދިން ފަރާތްތަކަށް ޝުކުރުދަންނަވަން. އަދި އިންތިހާބީ މަސައްކަތްތަކުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރުދަންނަވަން،" މުނައްވަރު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނެވުމަށްފަހު، މިއަހަރު ޑރ. މުނައްވަރު ވަނީ ވަރަށް ބޮޑަށް ސިޔާސީ ހަރަކާތްތަކުން ފެނިގެން ގޮސްފައެވެ. އެގޮތުން މުނައްވަރު ވަނީ މި އަހަރުގެ ކުރީކޮޅު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ކެމްޕޭނުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ.
އައްޑޫއަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ޑރ. މުނައްވަރު ވަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅެފައެވެ. އެގޮތުން ޗާގޮސް މައްސަލައިގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާފައިވާ މުނައްވަރު ވަނީ 2008 ވަނަ އަހަރު އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައިފައެވެ. ނަމަވެސް ނާކާމިޔާބުވެ ވަޑައިގެންނެވުމުން، އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ އެޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އަދި ފަހުން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވުމަށްފަހު މޯލްޑިވްސް ރިފޯމް މޫވަމަންޓުގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ.
ޑރ. މުނައްވަރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަގާމް 10 އަހަރު ފުރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު