އދ. އޮމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އޮމަދޫ ބަނދަރުގެ މަސައްކަތްތައް ފެށުމަށް އެ ރަށަށް ސާމާނު ގެންގޮސް، މިދިޔަ އާދީއްތަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
އޮމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 49،765 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، އެރަށު ބަނދަރުގެ 12،105 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ އިތުރުން 398 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރުން 208 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 16،470 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ރޭމްޕުގެ މަސައްކަތްކުރުމަށް ވެސް ހިމެނެއެވެ. އަދި 150 މީޓަރުގެ ދިގު، ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި ބަނދަރުގައި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ޕްލޭނިން މިނިސްޓްރީން 66.96 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 630 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު