ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ދައްކަންޖެހޭ ދަރަންޏަށް، އެ ޕާޓީގެ ކުރީގެ ޒައީމް އަދި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ މިހާރުގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޒިންމާކުރުވުމަށް އެމްޓީސީސީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފިއެވެ.
ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ ދަރަންޏަށް ރައީސް މައުމޫން ޒިންމާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ވަނީ މިދިޔަ މަހު ނިންމައިފައެވެ. އެ ނިންމުން އެމްޓީސީސީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމީ އިސްތިއުނާފީ މުއްދަތުގެ ފަހުން ހުށަހެޅުމުންނެވެ. 2021 ވަނަ އަހަރު އަމަލުކުރަން ފެށި "މަދަނީ އިޖުރާއަތުގެ ގާނޫނު" ގައިވާ ގޮތުން ދަށު ކޯޓުތަކުން ނުވަތަ ފުރަތަމަ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަށް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހަޅަންޖެހެއެވެ.
އެމްޓީސީސީން، ރައީސް މައުމޫންއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމީ މިދިޔަ ޖޫން މަހުގެ އަށްވަނަ ދުވަހުއެވެ. އެމްޓީސީސީން އެ މައްސަލަ އިސްތިއުނާފު ކުރީ، އިސްތިއުނާފުގެ މުއްދަތު ހަމަވިތާ ދެ ދުވަސް ފަހުން މި މަހުގެ 10 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ޑީއާރުޕީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އެމްޓީސީސީން ވަނީ 1.1 މިލިއަން ރުފިޔާގެ ހިދުމަތް ޑީއާރުޕީއަށް ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އެ ޕާޓީން ފައިސާ ދައްކައިފައިނުވާ ކަމަށެވެ.
ޑީއާރުޕީގެ ކުރީގެ ލީޑާޝިޕުން ޕާޓީގެ ދަރަނިތައް ނުދައްކައި، ޕާޓީގެ މެންބަރުންގެ ބޮލުގައި އެ ދަރަނިތައް އަޅުވާފައިވާ ކަމަށް ތުހުމަތުކޮށް ރައީސް މައުމޫންއާ ދެކޮޅަށް ދައުވާކުރަން އެ ޕާޓީގެ ކައުންސިލުން 13 އޮކްޓޯބަރު 2020ގައިވެސް ނިންމިއެވެ.
އަދި ޑީއާރުޕީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް އެ ޕާޓީން ދައްކަންޖެހޭ 718،438 ރުފިޔާ ހޯދަން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި މައްސަލައެއް ސުޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ މައްސަލައިގެ އަޑުއެހުމަކަށް އޭރު އެ ޕާޓީގެ ލީޑަރަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަޑައިގެން މައުމޫން ކޯޓަށް ހާޒިރުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އެގޮތަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު