ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ 55 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން މަނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ.

މަނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 29,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 195 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ކޮންކްރީޓް ބްރިޖެއް ހެދުމާއި ރޭމްޕެއް ހެދުމުގެ އިތުރުން ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

އެ މަޝްރޫއު އެމްޓީސީސީއާ 30.3 މިލިއަން ރުފިޔާއަށް ހަވާލުކުރީ 300 ދުވަހުން ނިންމާ ގޮތަށެވެ.