ހޯމް މިނިސްޓްރީއާއި އާބަންކޯއާ ގުޅިގެން ކުރިއަށްގެންދާ މިނިވަން އުފާ ކާނިވަލަށްދާ މީހުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހަތް ދުވަހުގެ ބާލީ ދަތުރެއް ދޭން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ.
އުރީދޫ މޯލްޑިވްސްއަކީ މިނިވަން އުފާ ކާނިވަލުގެ ޕާޓްނަރެކެވެ. އެ ކާނިވާ ކުރިއަށްދާނީ މިރެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ހައަކަށް އަދި ރޭގަނޑު އަށަކުން 12 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ތަފާތު ހިތްގައިމު ހަރަކާތްތަކާއި ގިނަ ސްޓޯލްތަކެއް ހަދާފައިވާ މި ކާނިވާ ހުޅުވަން ހަމަޖެހިފައިވަނީ މިރޭ އަށެއް ޖަހާއިރުއެވެ.
މި ކާނިވަލުގައި ކުރިއަށްދާ ލަކީޑްރޯގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ދޭ ބާލީ ދަތުރުގެ ނަސީބުވެރި ފަރާތަކަށްވުމަށް ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުން ކާނިވާގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށް ރެޖިސްޓާ ކޮށްލުމުން އޮޓޮމެޓިކުން ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ. ލަކީޑްރޯގެ ނަސީބުވެރި ފަރާތް ހޮވަން ހަމަޖެހިފައިވަނީ ކާނިވަލުގެ ފަހު ދުވަސް ކަމަށްވާ 3 އޯގަސްޓް 2023 ގައި ކަމަށެވެ.
އުރީދޫން ދޭ ދެ މީހުންގެ ހަތް ދުވަހުގެ ބާލީ ދަތުރުގައި ފްލައިޓް ޓިކެޓާއި ހަތަރު ތަރީގެ އެކޮމޮޑޭޝަންގެ އިތުރުން ބާލީގެ މަޝްހޫރު ޓޫރިސްޓް 'ސްޕޮޓްތައް ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އުބުދުގައި ދެ ރޭ، ނޫސާ ޕެނިޑާގައި ދެ ރޭ އަދި ދެ ރޭ ސެމިނިއާކްގައި ހުރެވޭއިރު، މި ތަންތަނުގައި ގައިޑަކާ އެކު ޓުއާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޓުއާގައި ހިމެނޭ ތަންތަނަށް ބަލާއިރު ކޮފީ ފާމް ޕްލާންޓޭޝަނަށް ޒިޔާރަތްކުރުމާއި އަލޯހާ އުބުދު ސްވިންގް ބަލާލުމާއި އުބުދު ސެންޓަރު އެކްސްޕްލޯ ކުރުމާއި ހިތްގައިމު އެންޖަލް ބިލަބޮންގްއާއި ބްރޯކެން ބީޗް ބަލާލުމާއި ހިތްގައިމު ކެލިންގްކިންގް ސީކްރެޓް ޕޮއިންޓާއި ކްރިސްޓަލް ބޭއަށް ޒިޔާރާތްކުރުމާއި އަޓޫ ބީޗަށާއި ޓްރީ ހައުސްއަށާއި ސެރިބޫ އައިލެންޑް ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
އުރީދޫން ބުނީ އެ ކުންފުނިން ދޭ ބާލީ ދަތުރު ހޯދުމުގެ ފުރުސަތުގެ އިތުރުން، މިނިވަން އުފާ ކާނިވަލުގައި ހުންނަ އެ ކުންފުނީގެ ނޭޝަން ސްޓޯލަށް ޒިޔާރަތްކޮށް ގޭމު ކުޅޭ ފަރާތްތަކަށް ޝައުގުވެރި ވާނެފަދަ ކުޅިވަރުތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި ބައިވެރިންނަށް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު