އޮސްޓްރޭލިޔާ އާއި ނިއުޒީލެންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ހުކުރުދުވަހު ޑެންމާކް ކޮޅަށް ލަނޑުޖަހައި އިންގްލެންޑް އެކެއް ސުމަކުން މޮޅުކޮށްދިން ފޯވާޑް އުމުރުން އެކާވީސް އަހަރުގެ ލައުރެން ޖޭމްސްއަށް ދުނިޔޭގެ މީޑިއާގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
ވޯލްޑްކަޕުގައި މިފަހަރު އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުގައި ހެއިޓީއާ ދެކޮޅަށް ލައުރެންގެ ބޭނުމެއް އިންގްލެންޑުގެ ކޯޗު ނުހިފައެވެ. އެކަމަކު ދެވަނަ މެޗުގައި ޑެންމާކާ ދެކޮޅަށް ފުރުސަތު ދިނުމުން ޓީމުގެ ތަރިއަކަށްވީ އޭނާއެވެ. ލައުރެންއަކީ އިންގްލެންޑުގެ ފިރިހެން ޓީމާއި ޗެލްސީގެ ފިރިހެން ޓީމުގެ ވިންގަރ ރީސް ޖޭމްސްގެ ކޮއްކޮއެވެ. މި ދެކުޅުންތެރިންގެ ބައްޕައަކީ ފުޓްބޯޅަ ކޯޗެކެވެ. ދެ މީހުންވެސް ތަމްރީނުވެގެން އައީ ޗެލްސީގެ ޔޫތު އެކަޑެމީގައެވެ. ރީސް ޖޭމްސް ފަދައިން ލައުރެން ޖޭމްސްގެ ކުލަބަކީވެސް ޗެލްސީއެވެ.
ލައުރެން އާއި ރީސްއަކީ ފަހުގެ ތާރީޚެއްގައި އިންގްލެންޑުގެ ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމަށް އެރި އެއްބަނޑު އެއްބަފައި ފުރަތަމަ ދެބެއިންނެވެ. ލައުރެން ބުނެފައިވަނީ އެންމެންވެސް އޭނާއަކީ ރީސް ޖޭމްސްގެ ކޮއްކޮގެ ގޮތުގައި ތައާރަފްކޮށްދޭތީ ފޫހިވެފައިވާ ކަމަށާއި ދެން ބޭނުމީ ރީސްއަކީ އޭނާގެ ބޭބެގެ ގޮތުގައި ބުނެ މީހުން ވާހަކަ ދައްކާނޭ ދުވަހަކަށް ކަމުގައެވެ.
ޑެންމާރކާ ދެކޮޅަށް މޮޅު ކުޅުމެއް ކުޅެ ލަނޑު ޖެހުމާ ގުޅިގެން ރީސް ޖޭމްސް އޭނާގެ އަންހެން ކޮއްކޮއާމެދު ބުނެފައިވަނީ ކޮއްކޮއަކީ އަންހެނުންގެ ފުޓްބޯޅައިގައި މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި ކުރިއަށްއޮތް ފަނަރަ އަހަރުވެސް އެމަގާމުގައި ދެމިހުންނާނެކަން ކަށަވަރު ކަމުގައެވެ. އެހެންވީމާ ކޮއްކޮއާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށްވެސް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ