ދައުލަތަށް ހިދުމަތް ކުރުމަކީ އުފަލަކަށް ހެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޒުވާނުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދިނުމަށް ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުން ކުރައްވާފައިވަނީ ބުރަ, އިހުލާސްތެރި މަސައްކަތްތަކެއް ކަމަށާއި އެ ބޭފުޅުންނަކީ ރާއްޖޭގެ ގައުމީ ތަރައްގީގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅުން ކަމަށެވެ.

އަދި ތަރައްގީގެ މަގުގައި ރާއްޖެއަށް މިއަދު އާދެވިފައިވާ ހިސާބަށް އާދެވުނީ އެ ބޭފުޅުންގެ ގުރުބާނީއާއި ދައުލަތް ހިންގުމުގައި އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ, މިއަދު މިދެކޭ ޑިޖިޓަލް ހިދުމަތްތަކެއް ނެތް ޒަމާނެއްގައި އެ ބޭފުޅުން އުފުލި ބުރަ މިއަދުގެ ޒުވާނުންނަށް ތަސައްވަރު ނުކުރެވިދާނެ ކަމަށާއި އެ ބޭފުޅުންގެ ހިދުމަތުން މިއަދުގެ ޒުވާން މުވައްޒަފުން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށެވެ. އަދި ދައުލަތަށް ހިދުމަތް ކުރުމަކީ އުފަލަކަށް ހަދަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދައުލަތުގެ ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުން, ހާއްސަކޮށް ޒުވާނުން ގައުމީ ވާޖިބުތައް އަދާކުރުމުގައި އިހުލާސްތެރިކަމާ އެކު ވަފާތެރިކަންމަތީ ދެމިތިބުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ސަރުކާރުގެ ފަރާތުން އިނާމު ދޭން ފެށީ މި ސަރުކާރު އައި ފަހުން 2021 ވަނަ އަހަރުއެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 309 ބޭފުޅަކަށް އެ އިނާމު ދީފައިވާއިރު, މިއަދު ކުރިއަށްދާ ޖަލްސާގައި އެކަނިވެސް 148 ބޭފުޅަކަށް އިނާމު ދިނުމަށް ވަނީ ނިންމައިފައެވެ.