މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސާޖަރީއެއް ހަދަމުންދާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ގޭ ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ދެރަވެގެން، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދެވުމަށްފަހު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން ދިހަ ދުވަހުގެ ހުއްދައެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ދިނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
އެ މުއްދަތު ހަމަވިއިރު އަދީބުގެ ބޭސްފަރުވާގެ ކަންކަން ނުނިމޭތީ މިމަހުގެ 25 ވަނަ ދުވަހު ކަރެކްޝަންސް އިން ވަނީ އަދީބަށް ދީފައިވާ ބޭސްފަރުވާގެ މުއްދަތު އަންނަ މަހުގެ 28 އާ ހަމައަށް އިތުރުކޮށްފައެވެ.
އެމްޓީޑީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހެލްތު ޗެކަޕަށް ފަހު ސިންގަޕޫރުގައި އަދީބުގެ ސާޖަރީއެއް މިހާރު ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސާޖަރީއެއް ކަމެއް ބުނެފައެއް ނުވެއެވެ.
އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ ފުރާނައަށް ނުރައްކާ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް އެކި ހޮސްޕިޓަލުތަކުގެ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް އެމްޓީޑީން ބުންޏެވެ. ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހޯދުމުގެ ހުއްދަ އަދީބަށް ދީނީ ވެސް ރާއްޖެއިން ހެދެން ނެތް ޓެސްޓެއް ހެދުމަށެވެ.
މީގެ ކުރިން ޖަލު ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން އިންޑިއާއަށް ވަޑައިގެން އަދީބު ވަނީ ބޭސްފަރުވާ ހޯއްދަވައިފައެވެ. ބޭސްފަރުވާއަށްފަހު އަދީބު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު